ސީލައިފް ފްލެޓްތަކުގެ މައްސަލާގައި ހިޔާނާތްތެރިވިކަމުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)ގެ އެއްބަނޑު އެއްބަފާ ދައްތައާއި ކޮއްކޮ ޖާމިނު ކުރުމަށްފަހު ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލަން ނިންމައިފި އެވެ.
އަންމަޓީ ބަންދުގައި ހުރީ އޭނާއަކީ ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައި، ހައިކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.
ތަހުގީގަށް އަންމަޓީ ރާއްޖެ ގެނައީ ލަންކާގައި އުޅެނިކޮށެވެ. އޭގެ ފަހުން އޭނާ ބަންދުގައި ހުރިއިރު ދައުވާ އުފުލުމަށް ފަހު ވެސް އޭނާގެ ބަންދަށް މުއްދަތު ޖަހަމުން ދިޔަ އެވެ. އަދި ފަހުން ޝަރީއަތް ނިމެންދެން އަންމަޓީ ބަންދުކުރި އެވެ.
އެ އަމުރު އެހެން އޮއްވައި، އޭނާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު އަމުރު ކުރެއްވި އެވެ.
އެ އަމުރު ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމީ އަންމަޓީގައި ބަންދުކޮށްފައި ބަހައްޓަން ޖެހޭ މީހެއް ކަމަށެވެ. އެހެންވެ، އޭނާ ހައްޔަރުކުރުމަށް ދައުލަތުގެ މައްޗަށް ހައިކޯޓުން އަމުރު ނެރުނެވެ.

މިއަދު ބޭއްވި ބަންދު މުރާޖާ ކުރުމުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ހަރުދަނާ ފިޔަވަޅުތަކާއި އެކު އަންމަޓީ ދޫކޮށްލުމަށް ނިންމަވައިފަ އެވެ.
އެއީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތަށް ބަދަލު އައިސްފައިވާތީ އާއި އެ މައްސަލައިގެ އަޑުއެހުން ދިގުދެމިގެން ދާނެތީ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެ މައްސަލަ އުފަންވީ މަދަނީ މައްސަލައަކުން ކަމަށް ވާތީ ކަން ގާޒީ ފާހަގަކުރެއްވި އެވެ.
ގާޒީ ވިދާޅުވީ އަންމަޓީ ބަންދުގައި ހުރިއިރުވެސް، ބަރާބަރަށް ކޯޓަށް ހާޒިރުވެ، ޝަރީއަތްތަކަށް އެއްބާރުލުން ދީފައި ވާތީ، އޭނާއަކީ ފިލައިގެން ދާނެ މީހެއް ނޫންކަން ގަބޫލުކުރަން ޖާގަ ލިބޭ ކަމަށެވެ.
ތަފާތު 42 ދައުވާއެއް ކޮށްފައިވާ އަންމަޓީގެ ފަރާތުން ޖާމިނުވުމަށް ހުށަހަޅާފައިވަނީ އޭނާގެ ކޮއްކޮ އަފީފާ މޫސާއާއި، ދައްތަ މަރިޔަމް ނައީމާ އެވެ.
އޭނާ ދޫކުރުމަށް ދައުލަތުން އިއުތިރާޒްކޮށް، ޖާމިނުވާ ފަރާތްތަކާމެދު ސުވާލު އުފެއްދި އެވެ.
ދައުލަތުން މިކަންކަމާމެދު ސުވާލު އުފެއްދުމުން ޖާމިނުވި ދެ ފަރާތް ވަނީ ޝަރީއަތަށް ހާޒިރުކޮށް އެކަންކަން ސާފުކޮށްފަ އެވެ.
އަންމަޓީ މީގެ ކުރިން ފިލައިގެން އުޅުނުކަން ނޭނގޭކަމަށް ޖާމިނުވި އޭނާގެ ދައްތަ ޝަރީއަތުގައި ބުނުމާއެކު ދައުލަތުން ވަނީ އަންމަޓީގެ "ހިސްޓްރީ" ނޭނގޭ މީހަކު ޖާމިނުވެ، އޭނާ ފިލައިގެން ނުދާނެ ކަމުގެ ޔަގީންކަމެއް ދެވޭނީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ.
ނަމަވެސް ގާޒީ ވަނީ ޖާމިނުވުމުގެ ޝަރުތު އެ ދެމީހުންގެ ކިބައިގައި ހަމަވާކަމަށް ގަބޫލު ކުރެވޭކަމަށް ވިދާޅުވެފަ އެވެ.
ގާޒީ ވަނީ ޖާމިނުވުމުގެ އިގުރާރާ ހިލާފުވެއްޖެނަމަ ޖާމިނުވާ ފަރާތުން އެކަމުގެ ޒިންމާ ނަގަން ޖެހޭކަން ފާހަގަ ކުރައްވައިފަ އެވެ.
އެގޮތުން ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ނުދިއުމާއި، ކޮންމެ ދުވަހަކުވެސް ކަރެކްޝަނަށް ރިޕޯޓްކުރުން ކަހަލަ ޝަރުތުތައް ކުރި އެވެ. އަދި އެކަންކަން ކަށަވަރުކުރުމަށް ޖާމިނުވާ މީހުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލުމަށް އިއުތިރާޒު ކުރަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ އަންމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު އެއްލައްކަ ރުފިޔާއަށްވުރެ ބޮޑެތި އަދަދުތައް ހިމެނޭ މައްސަލަތައް އެބަހުރި ކަމަށެވެ.
އެގޮތުން މާލީ މައްސަލައަކާ ގުޅިގެން އުފަންވި މި މައްސަލައިން ގިނަ ބަޔަކަށް ގެއްލުމާއި އަނިޔާ ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި އަންމަޓީއަކީ ޗެކް ބައުންސް ކުރުމުގެ ދެ މައްސަލައަކާއި، ބިދޭސީންގެ ޕާސްޕޯޓް ހިފަހައްޓައި، އެމީހުންގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުން ފަދަ މާލީ އެކި މައްސަލަތަކުގެ ކުށުގެ ރިކޯޑް އޮތް މީހެއްކަން ފާހަގަކުރި އެވެ. އެހެންނަމަވެސް އެ ވާހަކަތައް ދިފާއުން ވަނީ ދޮގުކޮށްފަ އެވެ.
އެންމެފަހުން ބޭއްވުނު ބަންދު މުރާޖާގެ އަޑުއެހުމުގައި އަންމަޓީ ކަފާލާތުގެ ދަށުން ދޫކުރުމަށް ގާޒީ އިއުތިރާޒު ކުރެއްވީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލި، ކުށް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށް ވިދާޅުވެ އެވެ.
އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން ގޮސްދާނެ ކަމަށް ބުރަވެވޭ ކަން ފާހަގަކުރައްވަ އެވެ.
ނަމަވެސް، އޭގެ މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ބަންދު މުރާޖައާ ކުރާއިރު ހާލަތު ބަދަލުވެފައިވާނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2015ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރި އެވެ.
ނަމަވެސް، އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގި އެވެ.













