މިދިޔަ ބުރާސްފަތި ދުވަހު އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ފުލުހުން އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ނުކުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން ނިންމައިފި އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ މައްސަލައިގަ ކޯޓުން ދޫކޮށްލާފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހެކެވެ. ކޯޓުން އެމީހުން ދޫކޮށްލަން ނިންމި ނިންމުން އިސްތިއުނާފް ކޮށްދިނުމަށް ފުލުހުންގެ ފަރަތުން ވަނީ ޕީޖީގައި އެދިފަ އެވެ.
އެހެންނަމަވެސް ޕީޖީ އޮފީހުގެ ސްޕޯކްސްޕާސަން އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އެ ނިންމުން އިސްތިއުނާފް ނުކުރަން ނިންމައިފަ އެވެ.
އެ ނިންމުން ޕީޖީ އޮފީހުން ބިނާކޮށްފައިވަނީ ހައި ކޯޓުގެ މަރުހަލާގައި އިތުރު ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތު ނެތުމުންނާއި ދަށު ކޯޓަށް ހުށަހެޅި ހެއްކާއި ގަރީނާއަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފްކޮށްގެން ހައި ކޯޓުގައި ވަކި ތަފަތު ނަތީޖާއެއް ނިކުންނާނެކަމަށް ނުފެންނާތީވެ އެވެ.
އަދި މިގޮތަށް އަމަލުކުރުމުން އެ ދެ މީހުންގެ މައްޗަށް އިތުރު ހެކި ހޯދައިގެން ހައްޔަރުކުރުމުގެ އަމުރަކަށް އެދުމުގެ ފުރުސަތު އޮންނާނެތީވެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ބޮޑުކާށިހުރާއިން ފެނުނު މަސްތުވާތަކެތީގެ މައްސަލަައިގައި ދެން ތިބި އެންމެންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެމީހުންނަކީ:
- މިދުހަތު އިބްރާހިމް (26)، ދޭލިޔާގެ، ގއ. ދެއްވަދޫ
- ޖުމްާން މުސްތަފާ (19) ބީވްހެވަން، ނ. ވެލިދޫ
- އިބްރާހިމް ޒައިދު ހަބީބު (25)، ސޯސަންގެ، ގއ. ކޮލަމާފުށި
- މުހައްމަދު އަހުމަދު (34)، ޖަނަވަރީމާގެ، ލ. ކަލައިދޫ
- އިބްރާހިމް ސިނާން (24)، ދިއާފްރެންޑް، ހދ. ކުމުންދޫ
- މުހައްމަދު ހުސެއިން (61) ޕޮލަރިސް، ދ. ބަނޑިދޫ
- އެމްޑީ ރަފީގުލް އިސްލާމް (35)، ބަންގްލަދޭޝް
- ޑީއެމް މޮބިން (24)، ބަންގްލަދޭޝް
ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ 24 ގަޑިއިރަށް ދެމިގެންދިޔަ ބޮޑު އޮޕަރޭޝަނެއްކަމަށާއި، އެ އޮޕަރޭޝަނުގައި ފުލުހުން 10 ތަނެއް ބަލާ ފާސްކޮށް 100 ކިލޯއާ ގާތްކުރާ އަދަދަކަށް ހެރޮއިން އަތުލައިގަނެފައިވާކަމަށެވެ.
އެ މައްސަލައިގައި މިހާރު ހައްޔަރުގައި ތިބި އަށް މީހުންގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހައިދީފަ އެވެ.
އެގޮތުން މިދުހަތު އިބްރާހިމް ފަސް ދުވަހަށް ބަންދަށް ޖަހާފައިވާއިރު، ބަންގްލަދޭޝްގެ ދެ ރައްޔިތުންގެ އިތުރުން މުހައްމަދު ހުސެއިން އަދި އިބްރާހިމް ސިނާން 15 ދުވަހަށް ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި މުހައްމަދު އަހުމަދު އާއި އިބްރާހިމް ޒައިދު ހަބީބުގެ އިތުރުން ޖުމާން މުސްތަފާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާކަމަށް ފުލުހުން ބުނެ އެވެ.













