މަންމަ މަރުވެ، އޭނާގެ ދަރިފުޅު ގެއްލުނު ކަނޑުމަތީގެ ހާދިސާ މިއަދު ހަވީރު ހިނގީ ކަނޑުގަދަކަމުން ކުރިއަށް ނުދެވިގެން ލޯންޗު އަނބުރާލަން އުޅުނު ވަގުތު ކަމަށާއި ދަތުރުމަތީ އެއްވެސް މީހަކު ލައިފް ޖެކެޓް ނާޅާ ކަމަށް އެ ލޯންޗުގައި ދަތުރުކުރި މީހަކު ބުނެފި އެވެ.
މިއަދު އިރުއޮއްސެން އުޅުނު ވަގުތު މި ހާދިސާ ހިނގީ މާލޭން ފުރައިގެން ވ. ފުލިދޫ އަށް ދަތުރުކުރި "ޑްރީމް ސްޕީޑް 2" ލޯންޗަށް ރާޅެއް ޖަހައި އަރިވި ވަގުތު އެވެ. އެއާއެކު މަރިޔަމް ނާހިދާ އާއި އޭނާގެ ދެ ކުދިން ކަނޑަށް ވެއްޓުނީ އެވެ. ނާހިދާ ގުރައިދޫ އަށް ގެންދިޔަ އިރު އޮތީ ވެސް މަރުވެފަ އެވެ. އޭނާގެ އެއް ކުއްޖަކު އަދިވެސް ނުފެނެ އެވެ. އަނެއް ކުއްޖާ ވަނީ ސަލާމަތްކޮށްފަ އެވެ.
އެ ލޯންޗުގައި ހުރި މީހަކު ނަން ނުޖަހާ ގޮތަށް "އަދަދު" އަށް ކިޔައިދިން ގޮތުގައި މާލޭން ދަތުރަށް ފެށިއިރު ވެސް ކަނޑު ވަރަށް ގަދަ އެވެ. އެކަމަކު މިއަދު ހެނދުނު ވެސް އެ ލޯންޗު ދަތުރެއްކޮށްފައިވާތީ ކެޕްޓަނަށް އިތުބާރު އޮތުމުން ފުރީ ކަމަށް އޭނާ ބުންޏެވެ.
"ކެޕްޓަން އަށް ކޮންފިޑެންސް އޮތީމާ ނައްޓާލީ،" އޭނާ ބުންޏެވެ.
އެކަމަކު ވަކި ހިސާބަކުން ދަތުރުކުރެވޭ ގޮތް ނުވުމުން އޮޅުވެލި ރިސޯޓް ކައިރިން މާލެއާ ދިމާލަށް އަނބުރާލަން މަޖުބޫރުވީ ކަމަށް އޭނާ ބުންޏެވެ. އެ ވަގުތު ލޯންޗު ތެރެއަށް ރާޅެއް ބިންދާލީ އެވެ. އަދި ބިންދާލި ރާޅާއެކު އެރި ލޮޅުމުގައި ނާހިދާ އާއި އޭނާ ދެ ކުދިން ކަނޑަށް ވިއްސައިގެން ދިޔަ އެވެ.

"އެވަގުތު ލޯންޗުގައި ތިބި އެއްވެސް މީހަކު ލައިފްޖެކެޓެއް ނެތް. އަދި ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެއް ނެތް،" އޭނާ ބުންޏެވެ.
ސަލާމަތްވި މީހުންނާ އެކު ލޯންޗު ގެންގޮސް ވެއްދީ ކައިރީގައި އޮތް ގުރައިދޫ ފަޅަށެވެ. އަދި ނާހިދާ ގުރައިދޫ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. ގުރައިދޫ ހެލްތު ސެންޓަރުން މިވަގުތު ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށެވެ.
ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވީ ހާދިސާގައި އިތުރު މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
"ޑްރީމް ސްޕީޑް 2" އަކީ ވ. ފެލިދޫގައި އޮޕަރޭޓްކުރާ ލޯންޗް ސެކްޝަނެއްގެ ލޯންޗެކެވެ. އެ އުޅަނދު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މާލެ އަށް ދެ ދަތުރު ކުރެ އެވެ. މީހުން ނަގަނީ ވ. އަތޮޅުގެ އެކި ރަށްރަށުންނެވެ.












