އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭގެ މެޗުގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ވުރެ ދަނޑުގައި ދިވެހި ސަޕޯޓަރުން ގިނަވި ކަމުގައި ވިޔަސް އެކަމާ މެދު ނުވިސްނާނެ ކަމަށް ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ބުނެފި އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކުުޅުނު ދެ މެޗުގައި ވެސް ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނީ ގިނަ އަދަދަކަށް ވަނީ ދަނޑަށް ވަދެފަ އެވެ. ސްރީ ލަންކާ އަތުން 1-0 އިން ބަންގްލަދޭޝް މޮޅުވި މެޗާއި އިންޑިއާއާ 1-1 އިން ބަންގްލަދޭޝް އެއްވަރުކުރި މެޗުގައި އެ ގައުމުގެ ސަޕޯޓަރުންގެ އަޑު ދަނޑުން ދިޔައީ މެދުކެނޑުމެއް ނެތި އިވެމުންނެވެ.
ހާއްސަކޮށް ބަންގްލަދޭޝް އިން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފްގައި އެއް ކުޅުންތެރިއަކު މަދުކޮށް ގޯލެއް ޖަހައި އިންޑިއާއާ އެއްވަރުކުރި މެޗުގައި ބަންގްލަދޭޝްގެ ސަޕޯޓްގެ ތަފާތު ފެނުނެވެ. އިންޑިއާ ކޯޗު އީގޯ ސްޓިމަކް ވެސް ވަނީ އެ މެޗުގައި ބަންގްލަދޭޝްގެ ސަޕޯޓަރުންގެ އަޑާ ހެދި އިންޑިއާ ކުޅުންތެރިން ޕްރެޝަރަށް ދިޔަ ކަމަށް ބުނެފަ އެވެ.
ލަންކާ މެޗާއި އިންޑިއާ މެޗުގައި ބަންގްލަދޭޝަށް އެ ލިބުނު ސަޕޯޓަރުންގެ އެޑްވާންޓޭޖް ރާއްޖެއާ ދެކޮޅަށް ނުލިބޭނެ އެވެ. އެއީ ގެއްލުމެއްތޯ އެހުމުން ޖަމާލް ބުނީ ރާއްޖެ އަށް ލިބޭނެ ސަޕޯޓަކާ މެދު އެހާ ވަރަށް ނުވިސްނާނެ ކަމަށާއި އޭނާ އަށް މުހިއްމީ އަމިއްލަ ޓީމުގެ ވާހަކަ ކަމަށެވެ.
"ހޯމް ޓީމު ސަޕޯޓާ އެކު ވެސް ރާއްޖެ ބަލި ވެދާނެ. އެއީ ވެސް ފުޓްބޯޅައިގައި ވެދާނެ ކަންތައްތައް. ޔަގީނުން ވެސް ރާއްޖެ އަކީ ހޯމް ޓީމު ކަމަށް ވީމަ އެ މީހުންގެ އަމިއްލަ މީހުން ދަނޑަށް ވަދެ ވަރަށް ބޮޑަށް ސަޕޯޓްދޭނެ. އެކަމަކު، އަހަންނާއި އަހަރެންގެ ޓީމުން މި ކަންކަމަށް އެއްވެސް ސަމާލުކަމެއް ނުދީ މެޗުން މޮޅުވާން ބަލާނީ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމާލް ބުންޏެވެ.

އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ބަންގްލަދޭޝްގެ ސަޕޯޓަރަކު ގަލޮޅު ދަނޑުގައި ހުރެ ޓީމަށް ތަރުހީބު ދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނު (ސާފް)ގެ ގަވާއިދުގައިވާ ގޮތުން ހޯމް ޓީމާ ދެކޮޅަށް ކުޅޭ މެޗެއްގައި އަވޭ ސަޕޯޓަރުންނަށް ދޭން ޖެހޭނީ 200 ޓިކެޓެވެ. ވީއައިޕީ ޓިކެޓާ އެކު އެފްއޭއެމުން ވަނީ ބަންގްލަދޭޝްގެ މީހުންނަށް ޖުމްލަ އެއްކޮށް 350 ޓިކެޓް ވިއްކައިފަ އެވެ.
ދަނޑުގެ ސަހަރާފަޅި މަތި ސަޕޯޓަރުންނަށް ނުވަދެވޭ ގޮތަށް އޮތްއިރު، މި ފަހަރު ދަނޑުގެ ކެޕޭސިޓީ އަކީ 5000 ޓިކެޓެވެ.
"ރާއްޖޭން ކިތަންމެ ސަޕޯޓެއް ކުރިޔަސް އަހަންނަށް ޔަގީންކަން އެބައޮތް އަހަރެމެންގެ ޓީމުގެ މޮޅު ކުޅުން ދެއްކޭނެ ކަމުގެ،"
ބަންގްލަދޭޝް އިން ރާއްޖެ އަތުން ސާފް ޗެމްޕިއަންޝިޕްގައި މޮޅުވީ 2003 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އޭގެ ފަހުން 2011 އާއި 2015 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެ ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އަދި އެންމެ ފަހުން 2016 ވަަނަ އަހަރު ގަލޮޅު ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 5-0 އިން މޮޅުވެފަ އެވެ.
މިރޭ ރާއްޖެ ބަލިކޮށްގެން ބަންގްލަދޭޝަށް ފައިނަލުގެ ޖާގައަކާ ވަރަށް ބޮޑަށް ކައިރިއަށް ޖެހިލެވޭނެ އެވެ. މިރޭގެ މެޗު ފަށާނީ ނުވައެއް ޖަހާއިރު އެވެ.













