ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ބައެއް މީހުން ބަންދުން މިނިވަންވީ ސަބަބު ދަނެގަތުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް ގެ ބައެއް އިސް ވެރިން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްފި އެވެ.
މިއަދު ހަވީރު 4:30 ގައި އޮތް 241 ކޮމިޓީގެ ސިއްރު ބައްދަލުވުމަކަށް މިނިސްޓަރު އިމްރާނާއި ކަރެކްޝަންސްގެ އިސް ވެރިން ހާޒިރު ކުރީ ޓެރަރިޒަމްގެ ތުހުމަތުވާ ފަރާތްތައް ބަންދުން ދޫވާ މައްސަލައިގައި މެމްބަރުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް އެ ކޮމެޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.
"އަބްދުﷲ އަލިމަނިކާ އަމީން ކަހަލަ ބައެއް މީހުންގެ މައްސަލައިގަ އެ ތުހުމަތުވާ މީހުން ދޫވި ގޮތާއި ދޭތެރޭ މެމްބަރުން މައުލޫމާތު އޮޅުންފިލުވުމަށް މިއަދު އެ ހާޒިރުވީ،" މި ނޫހާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވި އެވެ.
މުހައްމަދު އަމީން، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، އަކީ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ދައުލަތުން ތުހުމަތު ކުރާ މީހާ އެވެ. ހައިކޯޓުގެ ތިން ފަނޑިޔާރެއްގެ އިއްތިފާގުން އަމީން ބަންދުން ދޫކޮށްލަން ދެއްކެވި ސަބަބަކީ, އޭނާގެ މައްޗަށް ދެ ގާނޫނެއްގެ ދަށުން އިޖުރާއަތް ހިންގާފައިވުމެވެ.
އެއީ ހާއްސަ ގާނޫނެއް ކަމަށްވާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ޖިނާއީ އަދުލުގެ ނިޒާމުގެ އާންމު އިޖުރާއަތުތައް ބަޔާންކުރާ ޖިނާއީ އިޖުރާއަތުގެ ގާނޫނެވެ.

އަމީން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ޓެރަރިޒަމްގެ ގާނޫނުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.
ނަމަވެސް, ދައުވާ ކުރުމަށް މުއްދަތު ގުނާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ. ހައިކޯޓުން ކަނޑައެޅީ, ބަންދުގައި ބެހެއްޓުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކޮށްފައިވާނަމަ, ދައުވާ ކުރުމުގައި ވެސް ގުނަން ޖެހޭނީ އެ ގާނޫނުގައިވާ މުއްދަތުތައް ކަމަށެވެ.
އަމީންގެ އިތުރުން ދެން މެމްބަރު އަސްލަމް ފާހަގަކުރެއްވި އަބްދުﷲ އަލިމަނިކު، ހއ. މޮޅަދޫ ބަހާރުގެ އަކީ މޭ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެމަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރި މީހެކެވެ.
އަލިމަނިކު އަކީ ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ. ފުލުހުން ބުނާ ގޮތުގައި އަލިމަނިކު ވަނީ މެއި 6، ގެ ހަމަލާއާ ގުޅިގެން ހަމަލާ ދިނުމުގައި އަމަލީކޮށް ބައިވެރިވި މީހުން ފިލުވުމާއި ހެކި ނައްތާލުމަށް މަސައްކަތް ކުރި މީހެކެވެ.
އަލިމަނިކު އަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރުގެ ވަކި ޖަމާއަތް ހަދައިގެން އުޅުނު ބައެއް ސަލާމަތީ ހިދުމަތްތަކަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ. ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޖަލުން ވެސް ފިލައިފަ އެވެ. އޭގެ ފަހުން ޖަލުގައި ހުއްޓާ އޭނާ ދެން މިނިވަންވެފައިވަނީ މި ވެރިކަމުގަ އެވެ.
ހިމަންދޫ މައްސަލައިގައި ޖަލަށް ލީ ވަރަށް ގިނަ ބަޔަކު މިނިވަންކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖޫން 29، ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އަލިމަނިކު އެފަހަރު ޝަރުތުތަކާއި ހިލާފްވުމުން އަލުން އަބުރާ ޖަލަށް ގެންގޮސްފައިވާކަމަށެވެ.
"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން އަބްދުﷲ އަލީމަނިކު ވެސް އޭރު ހުރީ ޝަރުތުތަކަކާ އެކު މިނިވަންކޮށްފައި، ޝަރުތަކަށް އޮތީ ހިމަންދޫއަށް ދިއުން މަނާކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އޭނާ ޖަލަށް ލީ އެ ޝަރުތާ ހިލާފުވެ ހިމަންދުއަށް ދިއުމުންނެވެ.
ޓެރަރިޒަމްގެ ކުށްތަކަކީ މާފު ދެވޭނެ ކުށްތަކެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަލިމަނިކަށް ލުއި ދެއްވިއިރު ހުކުމުގެ ބާކީ އޮތީ އަށް މަސް ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް އިތުރު ހުކުމްތަކެއް ހުރި ކަމަށެވެ.
"އެކަން ކުރަންވެގެން [ލުއިދޭން] އަޅުގަނޑުމެން ނިންމާއިރު ކަމާބެހޭ މުއައްސަސާތަކުން ލިއުންތަކާ އެއްޗެހި ހޯދަން. އަބްދުﷲ އަލިމަނިކާ ގުޅޭ ގޮތުން ކަރެކްޝަންސުން އަޅުގަނޑުމެންނަށް ލިބިފައި އޮތް މައުލޫމާތަކީ އޭނާ އަކީ މިހާރު އިސްލާހުވެ މުޖުތަމައަށް ނުކުންނަން ތައްޔާރަށް ހުރި މީހެއް ކަމަަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަބްދުﷲ އަލީމަނިކުގެ 17 އަހަރުން ދަށުގެ ގިނަ ކުދިން ބަލަހައްޓަން ޖެހޭ ކަމަށް އޮތުމަކީ ވެސް ލުއިދޭން ވިސްނެވި ސަބަބެކެވެ. އޭނާ އަކީ މުޖުތަމައަށް ފައިދާ ހުރި މަަސައްކަތެއް ކޮށްދެވޭނެ މީހެއް ކަމަށް ވެސް ލިބިވަޑައިގަތް މައުލޫމާތުގައި އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭނާގެ ހުކުމް ތިން މަސް ދުވަހަށް ކުޑަކުރެއްވީ އެ މައުލޫމާތުގެ އަލީގަ އެވެ.












