ބަންގްލަދޭޝް ޓީމާ ހަވާލުވާން ޖެހުނީ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފެށެން ވަރަށް ކުޑަތަން ވެފައި އޮއްވައި ކަމުގައިވާތީ ތައްޔާރުވާން ލިބުނު ވަގުތުގައި މާ ގިނަ ކަންތައްތަކެއް ބަދަލުނުކުރެވޭނެ ކަން ގަބޫލުކުރާ ކަމަށް ބަންގްލަދޭޝްގެ ކޯޗު ސްޕެއިންގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
އެކަން އެ ގޮތަށް އޮތްއިރު، ދެން ބަންގްލަދޭޝް އިން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެ ޓީމަކީ މި ސަރަހައްދުގެ ޓީމުތަކުގެ ތެރެއިން ފީފާ ރޭންކިންގައި ދެ ވަނަ އަށް އެންމެ ފުލުގައި އޮތް ޓީމު ކަން ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ. އެ ރޭންކިން އަށް ފަރުވާ ނުބަހައްޓައި ބަންގްލަދޭޝް ޓީމު އެކަތިގަނޑަކަށް ހަދަން އޮސްކާ ބުނީ ތަފާތު ވާހަަކަ އެކެވެ.
"ފީފާގެ ރޭންކިން އިން އަހަރެމެން (ސާފް ސަރަހައްދުން) ދެ ވަނަ އަށް އެންމެ ދަށު ޓީމަކަށް އޮތިއްުޔާ. އަހަރެން ބުނާނީ ކޮންފިޑެންސަށް ބަލާއިރު، އަހަރެމެންގެ ޓީމު އޮތީ ދުނިޔޭގެ ގަދަ 10 އެއް ގައޭ. އެ ވިސްނުމުގައި މެޗުތަކަށް ދާން. މި ވާހަކަ ދައްކާއިރު ވިސްނާނީ އެއްް ކަމަކީ އޮފިޝަލް ރޭންކިން އަނެއް ކަމަކީ އަން-އޮފިޝަލް (ނުރަސްމީ) ރޭންކިން. އަންއޮފިޝަލް ރޭންކިން އިން އަހަރެން ވިސްނާނީ މި ޓީމު އޮތީ ގަދަ 10ގަ އޭ. އެއީ ކޮންފިޑެންސަށް ބަލާއިރު،" ސްރީލަންކާއާ ދެކޮޅަށް މިއަދު ހަވީރު ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުންޏެވެ.
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ގައުމީ ޓީމު ކޮމިޓީން މިދިޔަ ހަފްތާގައި ނިންމީ ބަންގްލަދޭޝް ޓީމުގެ ކޯޗަކަށް ހުރި އިނގިރޭސި ކޯޗު ޖޭމީ ޑޭގެ ކޮންޓްރެކްޓުގައި ބާކީ އަހަރެއް އޮތްއިރު، އޭނާ ވަކިނުކޮށް އޭނާ ދެ މަސް ދުވަހަށް ގައުމީ ޓީމުގެ ޒިންމާ އިން ދުރުކުރާށެވެ. އެއީ ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ގެންނާށެވެ.
އޮސްކާ ބުނީ އޭނާއާ ޓީމު ހަވާލުކުރި ސަބަބެއް ހަގީގަތުގައި އޮޅުން ފިލުވަން ޖެހޭނީ ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ކަމަށެވެ. އެކަމަކު، އޮސްކާ ވަނީ އޭނާ ދެކޭ ގޮތް ހިއްސާކޮށްފަ އެެވެ.
އޮސްކާ ބުނީ އެ ގޮތަށް ނިންމި ސަބަބަކީ ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ބަޝުންދަރާ ކިންގްސް އިން ނިންމާލި ފުރިހަމަ ސީޒަނާ މެދު ހިތްހަމަޖެހޭތީ އެ ފަދަ ކަމަކަށް ގައުމީ ޓީމު ވެސް އެދޭތީ ފެޑެރޭޝަނުން ނިންމި ނިންމުމެއްގެ ގޮތުގައި ދެކޭ ކަމަށެެވެ.
"ފެންނަ ފެނުމަށް މިއީ އަވަސް އަރުވާލައިގެން ނިންމި ނިންމުމެއް ގޮތަށް އޮތަސް އަހަރެން މިކަން މި ކުރަނީ އަހަރެން ދަންނަ ކޯޗިން ސްޓާފުން ވެސް ގެނެސްގެން. އަހަރެމެންގެ ކުޅުންތެރިން ވެސް ގައުމީ ޓީމުގައި ގިނަ. ހަމައެކަނި ބޮޑު ތަފާތެއް މި އަންނާނެ ކަމަށް މި ބަލަނީ ކުޅުމުން،" އޮސްކާ ބުންޏެވެ.
ބަންގްލަދޭޝް ގޮވައިގެން އޮސްކާ އެންމެ ފުރަތަމަ ކަނޑައެޅި ޓާގެޓަކީ ފައިނަލްގައި ކުޅުން ކަމަށް އޭނާ ވަނީ އެ ގައުމުގެ މީޑިއާގައި ބުނެފަ އެވެ. އެކަމަކު، އޮސްކާ އިއްޔެ ބުނީ ޓާގެޓެއް ފައިނަލް ކޮށްގެން ނުކުތުމަކީ ޕްރެޝަރެއް ބޮލުގައި އަޅައިގެން ނުކުތުން ކަމަށެވެ.
"މިއަދު ފައިނަލްގައި ކުޅެން ބުނެފިއްޔާ އެއީ ހުވަފެނެއް ފެންނަން އޮންނާނެ ހަގީގަތެއް ނޫން. އަހަރެމެންނަށް ކޮންޓްރޯލް ކުރެވޭނެ ކަމަކަށް އޮތީ މާދަމާ (މިއަދުގެ) މެޗުގައި ދައްކާ ރަނގަޅު ކުޅުން،" އޮސްކާ ބުންޏެވެ. "ޓީމުގައި ހުރި ކޮލިޓީއެއްގެ ބޭނުން ހިފައިގެން އެންމެ ރަނގަޅު ގޭމެއް ކުޅެން މަސައްކަތް ކުރާނީ. ކޮންމެ ޓްރެއިނިން އެއް ވެސް ވަރަށް ރަނގަޅަށް ދަނީ،"
ރާއްޖޭގެ ނިއު ރޭޑިއަންޓުގައި ކާމިޔާބު އަހަރެއްހާ ދުވަސް ހޭދަކޮށް އޮސްކާ ބަޝުންދަރާއާ ހަވާލުވީ މީގެ ތިން އަހަރު ކުރިންނެވެ. އޮސްކާ ބުނީ ބަންގްލަދޭޝަކީ މިދިޔަ ތިން އަހަރު އޭނާއާ ވަރަށް ގާތުން މަސައްކަތް ކުރި ގައުމެއް ކަމަށެވެ. އަދި އެ ފަދަ ގައުމެއްގެ ގައުމީ ޓީމު ހަވާލުކުރުމަކީ ބޮޑު ޒިންމާއެއްގެ ގޮތުގައި އޮސްކާ ދެކެ އެވެ.
"އެއް ހަފްތާ ތެރޭ ޓީމު ތައްޔާރުކުރުން އުނދަގޫ، އެކަމަކު، ނުވާނެ ކަމެއް ނޫން. އެކަމަކު، މިދިޔަ ތިން އަހަރު ބަންގްލަދޭޝް ފުޓްބޯޅަ ބޮޑުތަނުން ކުރިއަރައިފި. އަހަރެން ބޭނުންވަނީ އެ ވާހަކަ ނުދައްކާ އަމަލުން އެކަން ކުރެވޭތޯ ބަލަން،" އޮސްކާ ބުންޏެވެ.
ކުރިން އިންޑިއާގެ ސްޕޯޓިން ގޯއާ އާއި މުމްބާއީ ސިޓީ އަށް ކޯޗުކޮށްދިން އޮސްކާގެ ނަޒަރުގައި މި ފަހަރުގެ މުބާރާތުގެ ފޭވަރިޓަކީ އިންޑިއާ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އިން ލަންކާ ބަލިކުރަން ބޭނުންވާ ޕްލޭނެއް އޮތީ ހެދިފައި ކަމަށް އޮސްކާ ބުންޏެވެ.
ރާއްޖޭގައި 2016 ވަނަ އަަހަރު ސެޕްޓެމްބަރު މަހު ބަންގްލަދޭޝާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުުޅުނުއިރު، ދަނޑުގެ މެޖޯރިޓީ އޮތީ ބަންގްލަދޭޝް ސަޕޯޓަރުން ނަގައިފަ އެވެ. އެއީ ރާއްޖޭގައި ގިނަ ބަންގްލަދޭޝް މީހުން އުޅޭތީ އެ މީހުން މެޗު ބަލަން ވަނުމުންނެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްގެ ފުރަތަމަ މެޗުގެ ޓިކެޓް ޑިމާންޑް ބޮޑެވެ. ބަންގްލަދޭޝްގެ ޕްރެކްޓިސް ބަލަން ވެސް މާލޭގައި އުޅޭ އެ ގައުމުގެ މީހުން ދެ އެވެ.

ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ބުނީ ރާއްޖޭގައި ބަންގްލަދޭޝް މީހުން ގިނަވެ، އެ މީހުން ސަޕޯޓް ދޭން ދަނޑަށް ވަނުމަކީ މޯޓިވޭޝަނެއް ކަމަށެވެ.
"ވަރަށް އުފާވޭ ގިނަ ބަޔަކު ތިބީމަ. އަނެއްކާ އިއްޔެ ވެސް ޕްރެކްޓިސް ބަލާލަން ވަރަށް ގިނަ ސަޕޯޓަރުން އައި މަންޒަރު ފެނުނީމަ ކުޅުންތެރިން ވަރަށް ހިތްހަމަޖެހުނު. އުއްމީދަކީ އެ ސަޕޯޓަރުންނަށް މެޗުގައި ބަދަލެއް ދިނުން،" ޖަމާލް ބުންޏެވެ.
ބަލިވުމުގެ ސަބަބުން ބަންގްލަދޭޝްގެ ހުނަރުވެރި މިޑްފީލްޑަރު ސޮހޭލް ރާނާ މި ފަހަރުގެ ސާފްގައި ނުކުޅެ އެވެ. ޖަމާލް ބުނީ އެ މަގާމު ފޫބެއްދޭނެ ވަރުގެ ކުޅުންތެރިން އެބަތިބި ކަމަށެވެ. ބަންގްލަދޭޝަށް ދިމާވާ އަނެއް މައްސަލަ ކަމަށްވާ ގޯލު ނުޖެހުމުގެ ކަންކަމަށް ހައްލެއް ގެނެވޭތޯ ޓީމުން މަސައްކަތް ކުރާނެ ކަމަށް ޖަމާލް ބުންޏެވެ.
"އެކަަމަކު، މިހާރު މި ކުޅޭ ސިސްޓަމުން ގޯލު ޖަހަން ކުރިއަށްވުރެން ފަސޭހަވާނެ. އަހަރެންގެ ޓާގެޓަކީ ފުރަތަމަ މެޗުން މޮޅުުވުން ދެން ފައިނަލަށް ދިއުން. އެންމެ ފަހުން ކުޅުނު މެޗުތަކުން ލަންކާއާ ކޮންމެ ނަތީޖާތަކެއް ނުކުމެފައި އޮތަސް އެއީ މުހިއްމު ކަމެއް ނޫން،" ޖަމާލް ބުންޏެވެ.
ބަންގްލަދޭޝާއި ލަންކާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:00 ގަ އެވެ.













