ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދީ ޓްވީޓްކުރި މީހާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިނުމުގެ ދައުވާކޮށްފި އެވެ.
މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހު އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލާގައި ދައުވާކޮށްފައިވަނީ މއ.ރެސްޓިންގހައުސް، އުމުރުން 42 އަހަރުގެ މުހައްމަދު އިނާދުގެ މައްޗަށެވެ.
ފޭކް އެކައުންޓެއްގެ ގޮތުގައި ހިންގާ، "ރޯޔަލް ހުސެއިން ތަކުރު" ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އާރްޑީއެކްސްއެއް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ އޭނާގެ މައްޗަށް އުފުލައިފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ ކަމަށެވެ.
އިނާދުގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ.
ހައްޔަރުކުރި އަމުރުގައި ބުނި ގޮތުގައި، އިނާދުގެ މައްޗަށް ތުހުމަތުވާ ކުށަކީ މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅިފައިވާ ކުށެކެވެ. އެ މައްސަލާގައި މިހާތަނަށް ހެކި ބަސް ހޯދިފައިނުވާތީ އާއި މައްސަލާގެ ބާވަތުން އިނާދު ދޫކޮށްލައިފިނަމަ ހެކި ނައްތާލާ، ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަދާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ރޯޔަލް ހުސެއިން ތަކުރު" މި ޓްވީޓުކުރީ އިންޑިއާއާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފަލައި، މަޝްރަހު ވަރަށް ހޫނުވެފައިވަނިކޮށެވެ.
ފުލުހުން ބުނި ގޮތުގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ އެވެ.














