ގިނަ ދަރިވަރުން އެއްތަންވާ ދަނޑިވަޅެއް ބަލައި، ތ. ތިމަރަފުށީ މަދުރުސާގެ ލެބޯޓަރީ ގޮއްވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ އަށް މީހުންނަކީ "އިސްލާމް ދީނާ ދެކޮޅު މީހުން" ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ތުހުމަތު ކުރެވޭ މީހުންނަށް މިއަދު ކޯޓުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފި އެވެ.
މިދިޔަ ނޮވެމްބަރު 11، 2020 ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި އެ އަށް މީހުން ހައްޔަރު ކޮށްފައި ވަނީ ކަނޑުމަތިންނާއި ތިމަރަފުށި އަދި މާލެއިންނެވެ. އޭގެ ތެރޭގައި، އިސްލާމުންނާ ދެކޮޅަށް ކެނޑިނޭޅި ހަމަލާދެމުންދާ ޓެރަރިސްޓު ޖަމާއަތް އައިސިސް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުރި އަމީރެއްގެ ގޮތުގައި ހަރަކާތްތެރިވި ތ. ތިމަރަފުށީ، ފެހިވިދުވަރު، އަބްދުﷲ ޝަރީފް ވެސް ހިމެނެ އެވެ.
އަބްދުﷲ ޝަރީފްގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަހްސަން މުހައްމަދާއި އަލީ މުނީޒާއި މުހައްމަދު އާސިރާއި އަލީ އަރުހަމް މުހައްމަދާއި ޝަމާހް ޝަރީފާއި އިބްރާހިމް ލޫތާއި އަބްދުﷲ އިމާދެވެ.
އެ އަށް މީހުން ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނެފައި ވަނީ އެ މީހުންނަކީ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުމަށް ރާވައި، ބޮން ހެދުމަށް ދަސްކޮށް، އެކަމަށް ބޭނުންވާ ސާމާނު ހޯދައި، ހަނގުރާމައިގެ އުކުޅުތައް ދަސްކޮށް، ރޭވިގެން ހަރުކަށި ފިކުރު ފަތުރަމުންދިޔަ ބައެއް ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދަށް ޖަހާފައި ތިބި އެ އަށް މީހުންގެ ބަންދު ރިވިއު ކުރުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު މަމްދޫހު އުމަރު ވިދާޅުވީ، ތުހުމަތު ލިބެ މީހުންނަކީ ދިވެހިރާއްޖޭގެ މީހުން ގަބޫލުކޮށް އަމަލު ކުރަމުންދާ އިސްލާމް ދީނާ ދެކޮޅު، މުޖްތަމައަށް ނުރައްކާތެރި ބައެއް ކަމަށެވެ. އަދި އެމީހުންނަކީ ދިވެހިރާއްޖޭގެ ދައުލަތް ގަބޫލު ނުކުރާ، ވަކިން ޖަމާއަތް ހަދައިގެން އުޅޭ ނުރައްކާތެރި ފިކުރެއް ގެންގުޅޭ ބަޔަކު ކަމަށް ވެސް މަމްދޫހު ތުހުމަތު ކުރެއްވި އެވެ.

"މި މީހުންނަކީ އިސްލާމް ދީނާ ދެކޮޅު މީހުން،" ވަކީލު ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އެމީހުން މުޖްތަމައުއަށް ދޫކޮށްލައިފި ނަމަ، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކޮށްފަނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ "އެތައް ބައެއްގެ ފުރާނަ ގެއްލުމަށް ވައްޓާލި މައްސަލައެއްގައި" ހިމެނޭ މީހުން ކަމަށެެވެ. އެހެންކަމުން އެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުވާ މިންވަރަށް ހެކި ވަނީ ލިބިފައި،" މަމްދޫހު ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ މައްސަލައިގެ ބާވަތަށް ބަލާފައި ދައުވާ ލިބޭ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.
ދައުލަތުން އެމީހުންގެ މައްޗަށް އުފުލި ދައުވާތަކުގައި ތުހުމަތުކޮށްފައި މުޅި ތިމަރަފުށި ހަރުކަށި ފިކުރަށް ލެންބެމުގެ ބޭނުމުގައި ރާވައިގެން އެމީހުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މަސް ދޯންޏެއްގައި ބޮމެއް ހެދުމުގެ އިތުރުން، ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ ތަމްރީނު ވެސް ހޯދާފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
މަދުރަސާ ގޮއްވާލަން އުޅުނު ކަމަށް ބެލެވޭ މީހުންގެ މައްޗަށް ކުރާ ދައުވާތައް:
ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
- ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
- ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން.
ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުހައްމަދު
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
- ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުހައްމަދު
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
- ހަނގުރާމައަށް ދާން އުޅުން.
ރ. މަޑުއްވަރި، ބީޗްހައުސް، އަބްދުﷲ އިމާދު
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
- ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
- އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން.
- އޮރިޔާންކާޑު ގެންގުޅުން.
ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތު
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
- އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން.
ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފް
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
- ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން.
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން.
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު
- ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުން.












