އަހުމަދިއްޔާ ސްކޫލުގައި އޭނާ ތައުލީމު ހާސިލްކުރަމުން ދިޔައިރު ވެސް ހިތް އޮތީ ދިވެހި އަސްކަރިއްޔާގެ ތެރޭގަ އެވެ. އަސްކަރީ ރޮނގުން ކުރިއަށް ދިއުމުގެ ނިޔަތުގައި އޭނާ އައީ އެ ސްކޫލުގެ ކެޑޭޓް ހަރަކާތްތަކުގައި ބައިވެރިވެ ތަޖުރިބާ ހޯދަމުންނެވެ. އޭނާ އަކީ އޭރު ވެސް މޯލްޑިވްސް ކެޑޭޓް ކޯގެ އެންމެންގެ ލޯތްބާއި އިހުތިރާމް ހޯދި އިންސްޓްރަކްޓަރެކެވެ. އުމުރުން 18 އަހަރު ފުރުމާ އެކު އޭނާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ގުޅުނެވެ. އަދި ކުރިއަށްދާން ފުރުސަތުތައް ހޯދި އެވެ. އެކަމަކު...
އިންޑިއާގެ ޕޫނޭގައި އަސްކަރީ ތަމްރީނެއް ފުރިހަމަކުރަމުން ދަނިކޮށް އިއްޔެ މި ދުނިޔެ ދޫކުރި، މުހައްމަދު ސުލްތާން އިބްރާހީމަކީ، އޭނާގެ ގާތް މީހުން ބުނި ގޮތުގައި، މި ގައުމުގައި ދިފާއުގައި އައްޑަނަކަށްއަށް، މޭ ދިއްކޮށްލުމަށް ތައްޔާރަށް ހުރި ޒުވާނެކެވެ. އޭނާ ތަމްރީން ހަދަމުން ދިޔައީ، އެ ފުރިހަމަކުރުމަށް ފަހު އެނބުރި އައިސް ގައުމީ ދިފާއީ ބާރުގެ ހިތްވަރުގަދަ ފަހުލަވާނަކަށްވުމުގެ އުއްމީދުގަ އެވެ. އެހެނަސް....އެ ހުވަފެންތަކުގައި ކުލަ ނުޖެހެނީސް، ކުއްލިއަކަށް ވަގުތު ހަމަވީ އެވެ.
އއ. ހިމަންދޫ އަށް އުފަން އުމުރުން 22 އަހަރުގެ ސުލްތާންގެ އެ ވަކިވުމަކީ ކަޅުފެހިކުލައިގެ ދިވެހި އަސްކަރީ ލަޝްކަރަށް ލިބުނު ފުން ހިތާމައެކެވެ. އަދި އެއީ ކެޑޭޓުންނަށް ވެސް ލިބުނު ފޫނުބެދޭވަރުގެ ގެއްލުމެކެވެ. ކެޑޭޓް ކޯގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ހުރި ސުލްތާނަކީ، ކެޑޭޓުން ތަމްރީނުކޮށް، ކޭމްޕްތައް ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރަމުން އައި ޒުވާނެކެވެ.
ސުލްތާންގެ އެކުވެރިން ސިފަކުރި ގޮތުގައި އޭނާ އަކީ އެންމެންނާ ވެސް ގުޅޭ މީހެކެވެ. ހިތްތިރި، ހިތްހެޔޮ ރަށްޓެއްސެކެވެ. އަހުލާގީ ގޮތުން ނަމޫނާ ޒުވާނެކެވެ. ވަރުގަދަ ޝަހުސިއްޔަތެއް ނަމަވެސް، ސަމާސާ ކުރެ އެވެ. ދީނީ ކަންކަމަށް ފަރުވާތެރި އަދި އެކަންކަމަށް ބާރު އެޅި އެވެ.
"ސުލްތާން ސަރ ނިޔާވިކަން އެނގުނީ ނޫހުން. އެ ހަބަރު ކިޔާފައި ރޮވުނީ،" އޭނާގެ އެކުވެރިޔަކު ބުންޏެވެ.

"އެ ހިނިތުންވުން މަތިން އެންމެ ހަނދާންވަނީ. ކޮންމެ މީހެއް ފެނުނަސް ހީލާފައި ވާހަކަދައްކާނެ. މަޑުމައިތިރިވިޔަސް ނިކަން މަޖާވެސް ވާނެ. އެހެން އިންސްޓަރަކްޓަރުންނާއި ހިލާފަށް ހަރުކަށިކަން އިސްނުކޮށް އެންމެންނާ ވެސް ގުޅިގެން އުޅޭނީ. ކޮންމެ ކަމެއްގައި އުޅުނަސް ނަމާދު ކުރާނެ ގަޑިއަށް."

ސުލްތާން އެމްއެންޑީއެފްގެ ކާކީ ޔުނީފޯމުގައި.
ކެޑޭޓްގެ އިންސްޓްރަކްޓަރެއް ކަމަށްވާ އައިމަން އަހުމަދު ފޭސްބުކުގައި ލިޔުނު ގޮތުގައި ސުލްތާން އަކީ ސިފައިންގެ ހިދުމަތާއި ގުޅުނު ފަހުންވެސް އެ މީހުންނާ ގާތް ގުޅުމެއް ބެހެއްޓެވި އެކުވެރި މިތުރެއް ކަމަށެވެ. އަދި އެންމެނާއިވެސް ވަރަށް ގުޅޭ ހަވާލު ވާ ކޮންމެ މަސައްކަތެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަ ކުރާ ހިތްވަރުގަދަ ކެރޭ ބޭކަލެއް ކަމަށް ވެސް އޭނާ ލިޔުނެވެ.
"މާތް ﷲ ގެ އިރާދަފުޅާ ވާގި ފުޅާއެކު މުސްތަގުބަލުގައި އަޅުގަނޑުމެން ސުލްތާން ސަރ ގެ ޒިކުރާ އާ ކުރާނީ ގައުމަށް ވަފާތެރި ބަތަލެއްގެ ސިފައިގަ އެވެ. އަބަދުގެވެސް ދުއާ އަކީ ސުލްތާން ސަރ ގެ ފުރާނަފުޅައް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާ ކަށްވަޅުގެ އަޒާބުން މިންޖު ކުރެއްވުމެވެ. އަދި އާއިލާ އަށް ކެއްތެރިކަން ދެއްވުމެވެ،" އޭނާ ލިޔުނެވެ.
ސުލްތާންގެ އެހެން އެކުވެރިޔަކު ބުނި ގޮތުގައި މީގެ ދެ ހަފުތާކުރިން ފޯނުން ވާހަކަދެކެވުނު ކަމަށާއި ނޮވެމްބަރު މަހު ދެ މަހެއްހާ ދުވަހުގެ ޗުއްޓީއަކަށް ރާއްޖެ އަންނަ ވާހަކަ އެ ކޯލުގައި ބުނި ކަމަށެވެ.
"ޗުއްޓީ ހޭދަކުރާނެ ގޮތުގެ ޕްލޭނެއް ހަދާފައި އޮތީ ވެސް،" އޭނާ ބުންޏެވެ.
ސުލްތާންގެ ގާތް ރަށްޓެއްސަކު ބުނި ގޮތުގައި އޭނާ އަމާޒު ހިފާފައިވަނީ ވަނީ ސިފައިންގޭގެ ސްޕެޝަލް ފޯސް (އެސްއެފް) ގެ އޮފިސަރަކަށް ވާށެވެ. އެ އަމާޒަށް ވާސިލްވުމަށްޓަކައި އިންޑިއާއަށް ތަމްރީން ހަދަން ދިއުމަށް އޭނާ ދޮޅު އަހަރު އިންތިޒާރުކުރި ކަމަށް އެ އެކުވެރިޔާ ބުންޏެވެ.
ރާއްޖޭގެ ދިފާއީ ވަޒީރު އަލްއުސްތާޒާ މާރިޔާ އަހުމަދުދީދީ ވިދާޅުވީ ސުލްތާނަކީ މަސައްކަތަށް ފަރުވާތެރި، ގައުމީ ރޫހުގައި މަސައްކަތް ކުރަމުން ދިޔަ ހިއްވަރުގަދަ އަސްކަރީ ބަތަލެއް ކަމަށެވެ.
"އެއީ ވަރަށް މަސައްކަތަށް ފަރުވާތެރިކަމާއި އެކު ޒިންމާތައް އުފުލަމުން ދިޔަ އޮފިސަރެއް. ވަރަށް ވިސްނުންތެރި، އަދި ހިދުމަތަށް ހުސްވެގެން ހުރި ދަރިއެއް،" މާރިޔާ ވިދާޅުވި އެވެ.
ކެޑޭ ކޯ އިން ބުނީ އެތަނުގެ މުދައްބިރެއްގެ ގޮތުގައި އަދި ގައުމީ ދިފާއީ ބާރުގައި ހިދުމަތް ކުރިއިރު ވެސް ސުލްތާން އަކީ އަހުލާގު ރަނގަޅު، ކިޔަމަންތެރި، މަސައްކަތްތެރި ހިތްހެޔޮ އަދި އެކުވެރި މިތުރެއް ކަމަށެވެ.
ސުލްތާންގެ ދަންނަ މީހަކު ފޭސްބުކުގައި ލިޔެފައިވާ ގޮތުގައި އޭނާ އަކީ ވަރަށް އެކުވެރި، ހިތްހެޔޮ ބޭކަލެއް ކަމަށެވެ.
"ދެ ތިން ދުވަހެއްގެ މަތިން ސަރ އާ ވާހަކަދައްކާލުމުގެ ފުރުސަތު ލިބުނު. ވަރަށްވެސް އޯގާތެރި ހިތެއްގެ ވެރިއެއް. އަބަދުވެސް ބޭނުންވީ ދިވެހި ގައުމަށް ހިދުމަތް ކުރަން. ސަރ މި ދުނިޔެ ދޫކޮށް ދިޔައީ މުޅި ކެޑޭޓް ކޯ ވެސް ރޮއްވާލާފައި!،" މުހައްމަދު ހިޒްޔަމް ލިޔުނެވެ.
ސުލްތާން ތަމްރީން ހަދަމުން ދިޔަ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އޭނާ ނިޔާވީ ވަރަށް ބުރަ ފިޒިކަލް ޓްރޭނިންއެއް ފުރިހަމަ ކުރަމުން ދަނިކޮށް ކަމަށެވެ. އަދި މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހަދަން މަސައްކަތް ކުރާ ކަމަށް އެ އެކެޑެމީން ބުންޏެވެ.
"އިންޑިއަން އެކްސްޕްރެސް" އަށް ޕޫނޭގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޕޮނިމާ ގައިކްވަޑް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު ސުލްތާންގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ނެތް ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ސުލްތާން ނިޔާވެފައިވަނީ ކޭމްޕް ގްރީންހޯންގައި އިއްޔެ އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ވެއްޓިގެން ކަމަށެވެ. އަދި އިމަޖެންސީގައި މެންދުރު 13:58 ގައި ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"އަދަދު" އަށް މައުލޫމާތު ލިބޭ ގޮތުގައި ސުލްތާން ނިޔާވީ ދުވުމުގެ ތެރޭގައި ސްޕީޑް ނަގަނިކޮށް، އުސްހިސާބަކުން ކައްސާލައިގެން ވެއްޓިގެންނެވެ.
ސުލްތާން ދަންނަ އެންމެންގެ ބަހަކީ ވެސް މި އެވެ. އޭނާ އަކީ ތަމްރީން ހަދައިގެން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އިސް ސަފަށް ނުކުމެ ގައުމު ދިފާއުކުރުމުގެ މަސައްކަތުގައި ޝާމިލުވާން ކެތްމަދުވެފައި ހުރި ޒުވާނެއް ކަމެވެ. އެހެންކަމުން އޭނާގެ ވަކިވެދިއުމަކީ ރާއްޖޭގެ ކަޅުފެހި ލަޝްކަރަށް ލިބުނު ދެރައެކެވެ. އެ ލަޝްކަރަށް ގެއްލިގެން އެ ދިޔައީ ހިތްވަރުގަދަ ފަހުލަވާނެކެވެ.












