ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު އެއް ލިޓެރަރީ ފެސްޓިވަލް ކަމަށްވާ ޖައިޕޫރް ލިޓްރޭޗާ ފެސްޓިވަލް (ޖޭ.އެލް.އެފް) ގެ އެޑިޝަނެއް ދިވެހިރާއްޖޭގެ ރިޒޯޓެއް ކަމަށްވާ ސޮނެވާފުށީގައި އަންނަ އަހަރު ބާއްވަން ނިންމައިފި އެވެ.
ޖޭ.އެލް.އެފް އިންތިޒާމުކުރާ އިންޑިއާގެ ޓީމްވޯކް އާޓްސްއާ ގުޅިގެން "ސޮނެވާ ޖޭ.އެލް.އެފް" ނަމުގައި އަންނަ އަހަރުގެ މޭ 13-22 އަށް ބާއްވާ މި ފެސްޓިވަލް ވެގެންދަނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އަދަބިއްޔާތާއި އާޓުގެ އެންމެ ބޮޑު ފެސްޓިވަލަށެވެ.
ސޮނެވާގެ އަމާން، ހިތްފަސޭހަ މާހައުލުގައި ކުރިއަށްދާނެ އަދަބީ މެހެފިލެއްގެ ގޮތުގައި އެ ރިސޯޓުން ޕްރޮމޯޓްކުރާ މި ފެސްޓިވަލުގައި ހިމެނެނީ ޑައިލޮގްތަކާއި ލިޔުންތެރިކަމާއި ކުރެހުމާއި ނެށުމުގެ ވޯކްޝޮޕްތަކާއި މިއުޒިކާއި ނެށުމުގެ ހަރަކާތްތަކާއި ޅެންވެރިންނާ އެކު ހަވީރުކުރުމާއި ވެލްނެސް ހަރަކާތްތަކާއި ފިލްމް ސްކްރީނިންގްސް އާއި ފުޑް ފެސްޓިވަލްތަކެވެ.
ފެސްޓިވަލުގެ އެންމެ މުހިއްމު ބައި ކަމަށްވާ ޑައިލޮގްތަކުގައި ބައިވެރިވާނީ ދުނިޔޭގެ މަޝްހޫރު ލިޔުންތެރިންނާއި ޕްރޮފެސަރުންނާއި ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިންނާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނުވެރިންނެވެ. މި ޑައިލޮގްތަކުގައި އަދަބިއްޔާތާއި، ތާރީހާއި، ޖިއޯޕޮލިޓިކްސް އަދި ފަންނުވެރިކަމާ ގުޅޭގޮތުން އިންޓަލެކްޗުއަލް ބަހުސްތައްކޮށް، ތަޖުރިބާތައް ހިއްސާކުރުން އޮންނާނެ އެވެ.


ފެސްޓިވަލް އިންތިޒާމުކުރާ ޓީމް އާޓްވޯކްގެ ވެރިޔާ ސަންޖޯއީ ރޯއީ (ކ) އާއި ފެސްޓިވަލްގެ ދެ ޑައިރެކްޓަރުން ކަމަށްވާ ނަމީތާ ގޯކާލް (ކ-2) އާއި ވިލިއަމް ޑަލްރީމްޕަލް
މި ފަހަރުގެ ޑައިލޮގްތަކުގައި ބައިވެރިވާ މީހުންގެ ތެރޭގައި ފެސްޓިވަލްގެ ޑައިރެކްޓަރު އަދި މުގަލް ތާރީހު ދިރާސާކޮށް ބެސްޓް ސެލިން އެތައް ފޮތްތަކެއް ލިޔެފައިވާ ސްކޮޓްލެންޑުގެ ތާރީހު އިލްމުވެރިޔާ ވިލިއަމް ޑަލްރީމްޕަލް ހިމެނެ އެވެ. އަދި އ.ދ ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމް ފުރުއްވުމަށް ފަހު މިހާރު އިންޑިއާގެ ސިޔާސީ ދާއިރާ އިން ފެންނަ ކުޅަދާނަ ލިޔުންތެރިޔާ ޝަޝީ ތަރޫރު ބެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މީގެ އިތުރުން އިޓާލިއަން އެމެރިކަން ވާހަކަ ލިޔުންތެރިޔާ އަންދްރޭ އާސިމާން އާއި އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ އަދި ގްލޯބަލް ހިސްޓްރީ ޕްރޮފެސަރު ޕީޓާ ފްރެންކޮޕާން އާއި އިންޑިއާގެ ވާހަކަ ލިޔުންތެރިޔާ ނަމީތާ ގޯކާލް ވެސް ޕެނަލިސްޓުންގެ ތެރޭގައި ހިމެނެ އެވެ.
ދެ ވީކެންޑަށްވާ ގޮތަށް 10 ދުވަހަށް ބާއްވާ މި ފެސްޓިވަލުގެ ސެޝަންތައް އޮންނާނީ ސޮނެވާގެ ހިތްގައިމު ސަރަހައްދުތަކުގައި، ރާއްޖޭގެ ހުދު ދޮންވެލިގަނޑާއި ނޫ ކަނޑާއި ހިތްގައިމު އިރު އޮއްސޭ މަންޒަރު ފަހަތަށްވާ ގޮތަށެވެ. އަދި މި ފެސްޓިވަލަށް ޒިޔާރަތްކުރާ މީހުންނަށް ސޮނެވާގެ ލަގްޒަރީ ތަޖުރިބާ ވެސް ކުރުމުގެ ފުރުސަތު ދޭނެ އެވެ. ސޮނެވާ އިން މިހާރު ވަނީ މި ފެސްޓިވަލަށް ހާއްސަ ޕެޖޭކްތަކެއް ވިއްކަން ފަށައިފަ އެވެ. ފެސްޓިވަލުގެ ސެޝަންތައް އިންޓަނެޓުން ސްޓްރީމް ވެސް ކުރާނެ އެވެ.

ސޮނެވާގެ ސީއީއޯ ސޯނޫ (ވ) އާއި އޭނާގެ އަންހެނުން ސޮނެވާފުށީގެ ތުނޑީގައި. --ފޮޓޯ: ސޮނެވާ
އިނގިރޭސި ވިލާތަށް އުފަން އިންޑިއާގެ ހޮޓެލިއާ ސޯނޫ ޝިވްދާސަނީ ހިންގާ ސޮނެވާއަކީ މަތީ ފަންތީގެ ހިދުމަތުގެ ތެރެއިން، ތިމާވެށްޓާ ރައްޓެހިކޮށް، ރާއްޖޭގެ ގުދުރަތީ މާހައުލުން ހިތްހަމަޖެހުން ހޯދައިދިނުމަށް މުޅިން އާ ކޮންސެޕްޓެއް ތައާރަފްކުރި ރިޒޯޓް ބްރޭންޑެކެވެ. ސޯނޫ ވަނީ މީގެ ކުރިން ވެސް އޭނާގެ ރިޒޯޓްތަކަށް ދުނިޔޭގެ މަޝްހޫރު ލިޔުންތެރިންނާއި ޕްރޮފެސަރުން ގެންގޮސް، ފަތުރުވެރިންނަށް ރާއްޖޭގެ ހިތްގައިމު މާހައުލުގެ ތެރެއިން ތަފާތު ތަޖުރިބާއެއްކޮށްލެވޭނެ ފަދަ ސެޝަންތަކެއް ރާވައިފަ އެވެ.
އޭނާ ވަނީ ހާއްސަ ވީޑިއޯ މެސެޖަކުން، މި ފެސްޓިވަލަށް އެންމެންނަށް މަރުހަބާ ކިޔައިފަ އެވެ.
އިންޑިއާގެ ރާޖަސްތާނުގެ ވެރިރަށް ޖައިޕޫރަށް ހާއްސަކޮށްގެން 2006 ގައި ފެށި ލިޓްރޭޗާ ފެސްޓިވަލަށް ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން ޒިޔާރަތްކުރެ އެވެ. އެ ފެސްޓިވަލުގެ މަގުބޫލުކަން ބޮޑުވެ އިނގިރޭސި ވިލާތާއި އެމެރިކާ އާއި ކެނެޑާ އަދި ގަތަރުގައި ހާއްސަ އެޑިޝަންތަކެއް ބާއްވަން ފެށީ އެވެ. ރާއްޖެ އަކީ އެ ސިލްސިލާ އަށް އެންމެ ފަހުން އިތުރުވި ގައުމެވެ.












