ގަތަރު، ދޯހާ (ސެޕްޓެމްބަރު 13) - ކޮވިޑް-19ގެ މި ހާލަތުގެ ތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ކަންތައްތަކެއް ދަސްކޮށްފައިވާ ކަމަށާއި އޭގެ ނަތީޖާ ވެސް ފެންނަމުން އަންނަ ކަމަށް ގައުމީ ޓީމުގެ ޑޮކްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ބުނެފި އެވެ.
މިދިޔަ ޖުލައި މަހު ގައުމީ ޓީމުން ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ތެރެއިން ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމެވެ. އަދި ދުބާއީގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރަމުން ދަނިކޮށް ވެސް ގައުމީ ޓީމުން ޕޮޒިޓިވް ކޭސްތަކެއް ފެނި ބައެއް ކުޅުންތެރިންނަށް މެޗު ވެސް ގެއްލުނެވެ.
އަންނަ މަހު މާލޭގައި ކުޅެން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕްގެ ތާއްޔާރީތަކުގެ ތެރެއިން ގައުމީ ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން ޕޮޒިޓިވްވީ ގަތަރު ޓްރެއިނިން ކޭމްޕަށް ފުރުމުގެ ދެ ދުވަހެއް ކުރިންނެވެ. އޭގެ ފަހުން ގަތަރު ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ޕީސީއާރް ޓެސްޓް ހެދިއިރު، ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ނެޓެޓިވްވެފަ އެވެ. އަދި ޓްރެއިނިން ކޭމްޕަށް ގަތަރަށް އައިސް ވެސް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކުރި ޕީސީއާރް ޓެސްޓްތައް ވަނީ ނެގެޓިވްވެފަ އެވެ.
ރާއްޕެ ބުނީ މީގެއިން ދޭހަވާ ކަމަކީ ކުޅުންތެރިން ކޮވިޑްގެ ހާލަތުގައި އުޅެން ދަސްކުރަމުން އަންނަކަން ކަމަށެވެ. ކުޅުންތެރިންނަށް ދޭ މައުލޫމާތު އަޑުއަހަމުން އަންނަކަން ރާއްޕެ ފާހަގަކުރި އެވެ.
"ކުރީގެ ތަޖުރިބާ އަށް ބަލާފައި ކޮންމެ ފަހަރަކު ވެސް މި ދަނީ ޕްލޭޔަރުންނަށް އެޑިއުކޭޓް ކޮށްދެމުން (ކިޔައިދެމުން). މި ކަހަލަ އިންފެކްޝިއަސް ބަލިތަކުން ސަލާމަތްވާން. ގައިންގަޔަށް އަރާ ބަލިތަކުން ސަލާމަތްވާން. ހާއްސަކޮށް ކޮވިޑްގެ ދުވަސްވަރު މިކަމުން ސަލާމަތްވާން ނަގަން ޖެހޭ މެޝާސް (ފިޔަވަޅުތައް) ހުރިހާ ކުދިން ވެސް ދަސްކޮށްދެން. އޭގެ ނަތީޖާ އެއް މި ފެނުނީ،" ރާއްޕެ ބުންޏެވެ.

ރޭގެ ޓްރެއިނިން އަށް ފަހު ރާއްޕެ މީޑިއާއާ ވާހަކަ ދައްކަނީ.
ފާއިތުވި އަހަރުތަކުން ފެށިގެން ގަވާއިދުން ގައުމީ ޓީމުގެ ޑޮކްޓަރުގެ ރޯލު ފުރިހަމަ އަށް އަދާކުރަމުން އަންނަ ރާއްޕެ ބުނީ ގަތަަރު ކަހަލަ ގައުމަކަށް އައިސް ޓްރެއިން ހެދުމުގެ ވަރަށް ބޮޑު ބޭނުންތަކެއް އެބަހުރި ކަމަށެވެ. އޭނާ ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޓްރެއިނިންގައި ކުޅުންތެރިން ފިޒިކަލީ އަދި މެންޓަލީ ތައްޔާރުވާން ފުރުސަތު އޮތީ ހުޅުވިފަކަމަށް ވަނީ ބުނެފަ އެވެ.
"އެ ކަމަށް ފޯކަސް ކޮށްގެން ގިނަ ކަންތައްތަކެއް އެބަކުރެވޭ އޭގެ ތެރޭގައި ޖިމް ސެޝަންތަކެއް ވެސް ކުރިއަށް އެބަދޭ. މިސާލަކަށް އެންޑިއުރަންސް އާއި ޕަވާ އަށް ވޯކްކުރުމާ މި ހުރިހާ ކަމެއް އެބަދޭ. ދެން މި އޮންނަ ޓްރެއިނިން ސެޝަންގައި ދޭން ޖެހޭ އިރުޝާދު ކޯޗުން ދެމުން އެ އަންނަނީ. މި ހުރިހާ ކަމެއް ބްލެންޑް ވެެގެން ބޭނުންވާ ހިސާބަށް ދެވޭނީ. ފޯކަސް ކޮށްގެން މި އަށް 100 ޕަސެންޓް ދެވޭނެ މާހައުލެއް މިއީ،" ރާއްޕެ ބުންޏެވެ.
މިއީ ރާއްޖޭގެ އޮފް ސީޒަން ދުވަސްކޮޅެވެ. އެކަމަކު، ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ދާދި ފަހުން މާލޭގައި ބޭއްވި އޭއެފްސީ ކަޕްގެ މެޗުތަކުގައި ކުޅެން އީގަލްސް އާއި މާޒިޔާއާ އެކު ޓްރެއިނިން ކުރިއަށް ގެންގޮސް މެޗު ވެސް ކުޅުނު ކުޅުންތެރިންނެވެ.
ސާފް ޗެމްޕިއަންޝިޕް ފެށެން މިހާރު ތިން ހަފްތާއެއްހާ ދުވަހަށް ވެފައިވާއިރު، މި ވަގުތު ކުރިއަށްދާ ޓްރެއިނިން ތަކުގެ އިންޓެންސިޓީ މަތިވާނެ އެވެ. ރާއްޕެ ބުނީ މިހާރު އެ ކުރަމުން އަންނަ ޓްރެއިނިން ތަަކަށް ބަލާއިރު މިހާތަނަށް ވެސް ކުރިއެރުން ފެންނަމުން އަންނަ ކަމަށެވެ.
"ފިޓްނަސް އަށް ބަލާއިރު އިމްޕްރޫވްވަމުން އަންނަނީ. ދެން އިންޓެންސިޓީ ވެސް މިހާރު މި ދަނީ ހައި ކުރަމުން. އިންޖަރީ އަށް ވެސް ބަލަމުން އިންޓެންސިޓީ ހައި ކުރަމުން މި ދަނީ. އިންޖަރީ ވުމުގެ ޗާންސް ހުންނާނެ. އެ ހުރިހާ ކަމަކަށް ބަލައިގެން ޓްރެއިނިން ކުރިއަށް ގެންދާއިރު ފެންނަނީ ވަރަށް ބޮޑަށް އިމްޕްރޫވް ވަމުން އަންނަތަން،" ރާއްޕެ ބުންޏެވެ.
މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕް ނިންމާލުމުގެ ކުރިން ތިން މެޗެއް ގައުމީ ޓީމުން ކުޅޭނެ އެވެ.
ފަސް ގައުމުގެ މެދުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އަންނަ މަހު 1 އިން 16 އަށެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ އެއް ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލާ އެވެ. ދެން މި ފަހަރުގެ މުބާރާތުގައި ކުޅެނީ ބަންގްލަދޭޝް، އިންޑިއާ އަދި ސްރީ ލަންކާ އެވެ.













