ނަތީޖާ ނެރެން ބޭނުން، އެކަމަކު ގައުމީ ޓީމުގެ ހާލަތު ވެސް އެނގެންޖެހޭ: އުރްބާނީ

Sep 20, 2026, 9:48 AM
ގައުމީ ޓީމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އުރްބާނީ ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ ޓީމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އުރްބާނީ ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ ފުޓްބޯޅަ ޓީމު ގޮވައިގެން ނުކުންނަ މެޗުތަކުގައި ނަތީޖާ ނެރެން ވެސް ބޭނުންވާ ކަމަށާއި އެކަމަކު، މިހާރު ރާއްޖޭގެ ގައުމީ ޓީމު އޮތް ހާލަތު ވެސް އެނގެންޖެހޭ ކަމަށާއި އުންމީދުތައް ކުރަން ޖެހޭނީ މި ހުރިހާ ކަމަަކަށް ވިސްނާފައި ކަމަށް ގައުމީ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ. 

ތިން ވަނަ ފަހަރަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް އުރްބާނީ ހަމަޖެއްސީ، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާ އެކު، މި އަހަރުގެ ކުރީކޮޅުގަ އެވެ. އޭނާގެ ކޯޗުކަމުގައި ރާއްޖޭން މިހާތަނަށް މޮޅުވީ، މާޗް މަހު ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗެއްގައި މާލޭގައި ޓިމޯ ލެސްޓޭ އަތުންނެވެ.

މާޗް މަހު، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ހޯސްޓްކުރިއިރު، ގްރޫޕް ސްޓޭޖުގައި ސްރީ ލަންކާ އަތުން 3-2 އިން ބަލިވެ، އޭގެ ފަހުން، ނޭޕާލާއި ބޫޓާނާ އެއްވަރުވެ، ގްރޫޕް ސްޓޭޖުގެ ފުލުގައި އޮވެ ރާއްޖެ ކެޓީ އެވެ. އޭގެ ފަހުން، ޖޫން މަހު މާލޭގައި އޮތް ޑައިމަންޑް ޖުބިލީ އިންޓަނޭޝަަނަލް މުބާރާތް، ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މުބާރާތުގައި ވެސް ރާއްޖެ ނިންމާލީ މޮޅެއް ނުލިބި އެވެ. އަފްގާނިސްތާން އަތުން 1-0 އިން ބަލިވިއިރު، ޕާކިސްތާން އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ.  މިއީ، 1992 ވަނަ އަހަރަށް ފަހު ޕާކިސްތާން އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. ރާއްޖޭން ޑައިމަންޑް ޖުބިލީ މުބާރާތުގެ ފަހު މެޗުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. 

އޭގެ ފަހުން، ރާއްޖޭގެ ގައުމީ ޓީމުން ކުޅޭ ފުރަތަމަ މެޗުތަކަކީ، މި ފަހަރުގެ ފީފާ ވިންޑޯގައި ކުޅޭ ތިން މެޗެވެ. ޗައިނާ އާއި ކިރްގިސްތާން އަދި ލެބަަަނަންއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ ތިން މެޗަށް ނެގި ސްކޮޑުގެ ފަރިތަކުރުންތައް ރޭ ގަލޮޅު ދަނޑުގައި ވަނީ ފަށައިފަ އެވެ. އެ ފަރިތަކުރުންތަކުގެ ކުރިން އުރްބާނީ ވަނީ 44 މިނިޓަށް ދިގުދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. މައިގަނޑު ގޮތެއްގައި ރާއްޖޭގެ ފުޓްބޯޅައާ ގުޅޭ އެކިއެކި ވާހަކަތައް ހިއްސާކުރި އެވެ. މިސާލު ނެގުމުގައި، މީގެ ކުރިން، ގައުމީ ޓީމު ގޮވައިގެން ދެ ފަހަރެއްގެ މަތިން އޭނާ ކުރި މަސައްކަތުގެ ވާހަކަ ދެއްކުމަށް ފަހު ވެސް، އެއީ މި ވަގުތު އެހާ ރަނގަޅު ކަމެއް ނޫންކަމަށް ދިޔައީ ބުނަމުންނެވެ. 

އުރްބާނީ ކުޅޭ ފުޓްބޯޅައިގައި ނަތީޖާ ނެރުމަށް އިސްކަން ނުދެންތޯ ސުވާލުކުރުމުން، އޭނާ ބުނީ، ބަލިވުމަކީ އޭނާ އެއްވެސް ގޮތަކަށް ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި، އޭނާ އަކީ ވެސް ނަތީޖާ ނެރެވޭތޯ މަސައްކަތް ކުރާ މީހެއް ކަމަށް އުރްބާނީ ވަނީ ބުނެފަ އެެވެ. 

"ނަތީޖާ ނެރެން އަހަރެން ވެސް ބޭނުން. ރިޒަލްޓް އޮރިއެންޓެޑް ފުޓްބޯޅައެއް (ނަތީޖާ ނެރެން ހުރިހާ އިސްކަމެއްދޭ ފުޓްބޯޅައެއް) ކުޅެންޏާ އަހަރެން ބޭނުންވާ ހުރިހާ ކަމެއް ވެސް ވާން ޖެހޭނެ. ރަނގަޅު ފިޓްނަސް ކޯޗެއް ގެންނަންޏާ އެކަން ވާންޖެހޭ. ރާއްޖޭން ބޭރުގައި ކުޅެމުން އަންނަ ކުޅުންތެރިއެއް ހުރިއްޔާ އެ ކުޅުންތެރިއަކު ގެންނަން ބޭނުންވިއްޔާ އެކަން ވެސް ވާން ޖެހޭ. އެހެންވެ، އަހަރެން މި ބުނަނީ، ގައުމީ ޓީމުގެ ކަންކަން ނިންމަން ޓެކްނިލް ކޮމިޓީއެއްގެ ވާހަކަ،" އުރްބާނީ ބުންޏެވެ. 

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ސޮބާ

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސައި، ކުރިއަށް އޮތް ފީފާ ބްރޭކުގައި ކުޅޭ މެޗުތަކަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މަހާއި އަންނަ މަހުގެ ކުރީކޮޅު ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ގައުމީ ޓީމު މާދަމާ ފުރާނެ

އުރްބާނީ ބުނީ ފީފާ ވިންޑޯތަކުގައި ގައުމީ ޓީމުތަކުގެ މެޗުތައް ހަމަޖެއްސުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި، ރާއްޖޭން މި ފަހަރު އެންމެ ފުރަތަމަ އޮތީ ކިރްގިސްތާނަށް ކުޅޭ ދެ މެޗަށް ދާ ގޮތަށް ކަމަށާއި އެކަމަކު، ފަހު ވަގުތު ޗައިނާ މެޗަށް ދިއުމަށްޓަކައި، ހުށަހެޅުން ލިބުނީ، ރާއްޖޭގެ ފަސް ތަރި ރިސޯޓަކުން ފަހު މިނިޓްގައި ފުރުސަތު ލިބޭ ކަހަލަ ގޮތަކަށް ކަމަށެެވެ. 

ރާއްޖޭން މި ބްރޭކުގައި ބަންގްލަދޭޝަށް މެޗުތަކެއް ކުޅެން ދާ ގޮތަށް ވެސް ވާހަކަ ދެކެވުނު ކަމަށާއި އެކަމަކު ފަހުން ބަންގްލަދޭޝް އިން އާސިއާން ކަޕްގައި ކުޅެން ނިންމުމާ އެކު، ރާއްޖޭން ދެން ނިންމީ ކިރްގިސްތާނުން ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ކަމަށެވެ. އަދި، ކިރްގިސްތާނުގައި އެ ގައުމާއި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ދިއުމުގެ ކުރިން، ޗައިނާ އަށް ގޮސް އެ ގައުމާ ދެކޮޅަށް ކުޅެން ނިންމި ނިންމުމަކީ ހަމައެކަނި އޭނާގެ ވިސްނުމުގައި ކުރި ކަމެއް ނޫން ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

"ވަރުގަދަ މެޗުތައް ކުޅެން ބޭނުން، އެކަމަކު ރަނގަޅު ތައްޔާރީތަކެއް ވެސް ވާން ޖެހޭ. ޗައިނާ މެޗުގެ އޮފާ ލިބުނީ ރާއްޖޭގެ ފަސް ތަރީގެ ރިސޯޓަކުން ފަހު މިނިޓްގައި ހުށަހެޅުމެއް ލިބޭ ގޮތަށް. އަހަރެމެންނަށް ހުރިހާ ކަމެއް ފުރިހަަމަ ވެފައި އޮތް ގޮތަށް މި ހުށަހެޅުން އޮތް ނަމަވެސް ނޭނގޭ ކަންތައްތަކެއް ވެސް އެބަހުރި، ޗައިނާގެ މި އޮފާ ލިބުމުން އަހަރެން އެފްއޭ ޕްރެޒިޑެންޓް ގާތުގައި ބުނިން، މި އަށް ދިއުމަކީ ހަމައެކަނި އަހަރެންގެ ނިންމުމެއް ނޫނޭ، ގައުމީ ޓީމުގެ ކަންކަން ނިންމަން ޓެކްނިކަލް ކޮމިޓީއެއް އޮވެ، އެ އިން ކަންކަން ނިންމަންޖެހޭނެ ކަމަށް،" އުރްބާނީ ބުންޏެވެ. 

ކުރިއަށް އޮތް ފީފާ ބްރޭކުގައި ރާއްޖޭން ކުޅޭ މެޗުތަކަށް މިއަދު ފުރާނެ އެވެ. އެހެންކަމުން، ރާއްޖޭގައި ގައުމީ ޓީމުން ރާއްޖޭގައި ޕްރެކްޓިސް ކުރީ ރޭ އެކަންޏެވެ. މި މަހުގެ 24 ވަނަ ދުވަހު، ގައުމީ ޓީމުން ޗައިނާގެ ޗޮންގްޖިންގައި ކުޅޭނީ ޗައިނާ ގައުމީ ޓީމާ އެވެ. އެ މެޗަށް ފަހު، ގައުމީ ޓީމުން ދެން ދަތުރުކުރާނީ ކިރްގިސްތާންގެ ވެރި ރަށް ބިޝްކެކް އަށެވެ. އަދި، ބިޝްކެކްގައި މި މަހު 28 ވަނަ. ދުވަހު ކިރްގިސްތާނާ މެޗެއް ކުުޅުމަށް ފަހު، އަންނަ މަހުގެ އެއް ވަނަ ދުވަހު ލެބަނަންއާ ދެކޮޅަށް ކުޅޭނެ އެވެ. 

"މިއީ އަހަރެމެންގެ ކުޅުންތެރިންނަށް ވަރުގަދަ ޗެލެންޖެއް، އަހަރެމެން ޓީމަށް ރަނގަޅު ޓެސްޓެއް،" އުރްބާނީ ބުންޏެވެ. 

ނޮވެމްބަރު މަހު، ބަންގްލަދޭޝްގެ ޑާކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އޮތީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގަ އެވެ. އިންޑިއާ އިން މި ފަހަރުގެ ބްރޭކުގައި، ޕެނަމާ، ބްރެޒިލް އަދި އުރުގުއޭއާ ކުޅެ އެވެ. ޕާކިސްތާނުން އާސިއާން ކަޕްގައި ކުޅެ އެވެ. އަދި، މި ދެ ޓީމުން އަންނަނީ، ސާފް ޗެމްޕިއަންޝިޕްގެ ކުރިން ދިމާވާ ފީފާ ބްރޭކުގައި މެޗުތައް ރޭވުމަށް މަސައްކަތްތައް ކުރަމުންނެވެ. 

ސާފް ޗެމްޕިއަންޝިޕްގެ ކުރިން ރާއްޖޭގެ ޕްލޭން، ފީފާގެ މި ދެ ބްރޭކަށް ތާވަލުކޮށްފައި އޮތީ ކިހިނެއްތޯ އެހުމުން، އުރްބާނީ ބުނެފައިވަނީ، ނޮވެމްބަރު މަހުގެ ބްރޭކަށް ކަންކަން ރޭވިފައި އޮތް ގޮތެއް ސީދާ އޭނާ އަށް ވެސް ނޭނގޭ ކަމަށާއި ޕްރޮޕޯސަލެއް މެނޭޖްމަންޓަށް ފޮނުވާފައިވާނެ ކަމަށެެވެ. އަދި، ސާފް ޗެމްޕިއަންޝިޕްގެ ކުރިން، ދެން އޮތް ފީފާ ބްރޭކުގައި މަދުވެގެން ދެ މެޗެއް ކުޅެން ޖެހޭނެ ކަމަށާއި މި ކަންކަމަކީ، ހަގީގަތުގައި ގައުމީ ޓީމާ ގުޅޭ ޓެކްނިކަލް ކޮމިޓީ އަކުން ފައިނަލް ވެފައި އޮންނަން ޖެހޭ ކަމެއް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

ގައުމީ ޓީމުން މި ފަހަރުގެ ސްކޮޑު އެކުލަވާލުމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށާއި އެ ގޮތުން، އަނިޔާގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިންނަށް ނުދެވޭއިރު، ޒުވާން ކުޅުންތެރިންތަކެއް ކިޔެވުމުގެ ޓެސްޓްތަކެއް ހަދަން ޖެހޭތީ އަދި ސީނިއާ ބައެއް ކުުޅުންތެރިން އާއިލީ ޒިންމާ އަދާކުރުމަށްޓަކައި މި ފަހަރު ޓީމުގައި ނުހިމެނޭކަން އުރްބާނީ ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު، ބޭނުންވަނީ މި ހާލަތުގައި ވެސް ދެން ފުރުސަތު ލިބޭ ކުޅުންތެރިން ވާދަވެރި މެޗުތަކެއްގައި ބަލާލުމަށް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އަދި، ގައުމީ ޓީމުގެ ނަތީޖާތަކަށް ގޮތްކިޔަން ޖެހޭނީ މި ކަންކަމަށް ވެސް ވިސްނާފައި ކަމަށް އުރްބާނީ ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox