ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖޭން ޗައިނާއާ ދެކޮޅަށް މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
"އަދަދު ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި މިއީ ޗައިނާ އިން ހަމަޖައްސާ މެޗެކެވެ. މީގެ ކުރިން، ޗައިނާ އިން ވަނީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން މި އަހަރުގެ ސާފް ފުޓްސަލް މުބާރާތުގައި ވާދަކުރުމުގެ ކުރިން ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދީފަ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާނުކޮށްފައިވާ ގޮތުގައި، ރާއްޖޭން ކުރިއަށް އޮތް ފީފާ ބްރޭކުގައި ކިރްގިސްތާނާއި ލެބަނަންއާ ދެކޮޅަށް މެޗުތަކެއް ކުޅޭނެ އެވެ.
ފީފާ އިން ގައުމީ ޓީމުތަކަށް ދޭ ބްރޭކް އޮތީ މި މަހު، 21 އިން އަންނަ މަހު 6 ގެ ނިޔަލަށެވެ. ރާއްޖޭން ކިރްގިސްތާނާ ދެކޮޅަށް ކުޅޭނީ މި މަހު 28 ވަނަ ދުވަހު އެވެ. އަދި، ދެ ވަަނަ މެޗުގައި ލެބަނަންއާ ދެކޮޅަށް ނުކުންނާނީ އަންނަ މަހުގެ އެއް ވަަނަ ދުވަހު އެވެ. މި ދެ މެޗު ވެސް ކުޅެން ނިންމާފައި އޮތީ ކިރްގިސްތާންގެ ބިޝްކެކްގަ އެވެ.

ފީފާ ބްރޭކުގައި ރާއްޖޭން ލެބަނަން އާއި ކިރްގިސްތާނާ ދެކޮޅަށް ކުޅެނީ
ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި، ކިރްގިސްތާނުގެ ބިޝްކެކްގައި އެ ގައުމާއި ލެބަނަންއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ވަނީ ނިންމާފައި. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 އާއި އަންނަ މަހުގެ 1 ވަނަ ދުވަހު ކަމަށް އެފްއޭއެމް އިން ބުނޭ
މިހާރު ރޭވިފައި އޮތް ގޮތުން، ޗައިނާއާ ދެކޮޅަށް ކުޅޭ މެޗު ތާވަލުކުރަނީ ކިރްގިސްތާނާއި ލެބަނަން މެޗުގެ ކުރިންނެވެ.
އެފްއޭއެމް އިން އެންމެ ފުރަތަަމަ ހިއްސާކުރި، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލްގައިވާ ގޮތުން، ގައުމީ ޓީމުގެ ބްރޭކު އޮތީ މި މަހުގެ 25 އިން ފެށިގެން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު، ފަހުން ގެނައި ބަދަލާ އެކު، ޗައިނާ މެޗަށް ވެސް ޖާގަ ދިނުމުގެ ގޮތުން، ގައުމީ ޓީމުގެ ބްރޭކް ވަނީ މި މަހު 21 އިން އަންނަ މަހުގެ 8 އަށް ބަދަލުކޮށްފަ އެވެ.
ރާއްޖޭން މިހާތަނަށް ޗައިނާއާ ދެކޮޅަށް ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން، މި ދެ ޓީމު ބައްދަލުކުރި މެޗަކީ، ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި 2021 ވަނަ އަހަރު އެވެ. އެ މެޗުން ޗައިނާ ވަނީ 5-0 އިން މޮޅުވެފަ އެވެ.
ރާއްޖޭން ވަނީ މީގެ ކުރިން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެންމެ ފަހުން މި ދެ ޓީމުން ބައްދަލުކުރީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުން ކިރްގިސްތާން އަތުން 2-0 އިން ރާއްޖެ މޮޅުވިއިރު، ދެ ލަނޑު ޖެހީ ވެސް އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭގެ ކުރިން، 2011 ވަނަ އަަހަރުގެ އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭން ކިރްގިސްތާން އަތުން 2-1 އިން މޮޅުވި އެވެ. އޭގެ ކުރިން، 1997 ވަނަ އަހަރު ރާއްޖެ އަތުން ކިރްގިސްތާން ވަނީ 3-0 އާއި 6-0 އިން މޮޅުވެފަ އެވެ.
ލެބަނަން އިން ވަނީ މިހާތަނަށް ރާއްޖެއާ ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އެންމެ ފަހުން، ލެބަނަން އިން ރާއްޖެއާ ކުޅުނީ 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. ލެބަނަން އިން ވަނީ އެ މެޗުގައި ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެވެ.
އިސްތަވާން އުރްބާނީގެ ކޯޗުކަމުގައި ކުޅެމުން އަންނަ ރާއްޖެ އަށް ދެން އެންމެ އަވަހަށް އޮތް މުބާރާތަކީ، ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ޑާކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގަައި ރާއްޖެ ހިމެނެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގަ އެވެ. ޕާކިސްތާނުން ކުރިއަށް އޮތް ފީފާ ބްރޭކުގައި ފީފާ އާސިއާން ކަޕްގައި ކުޅޭނެ އެވެ. އިންޑިއާ އިން ވަނީ އަމިއްލަ ގައުމުގައި އެކުވެރިކަމުގެ ތިން މެޗު ހަމަޖައްސައިފަ އެވެ. އެއީ، ޕެނަމާ، ބްރެޒިލް އަދި އުރުގުއޭއާ ދެކޮޅަށެވެ.












