ދައްކަން އުޅުނު ވާހަކަ ދައްކާނަން، އެނބުރި އަންނާނަން: އަލީ ވަހީދު

Sep 11, 2021, 1:55 AM
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އިނގިރޭސި ވިލާތުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން އޭނާ ވަނީ ހައްޔަރުކޮށްފައި. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އިނގިރޭސި ވިލާތުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން އޭނާ ވަނީ ހައްޔަރުކޮށްފައި. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

ރާއްޖޭގެ ކޯޓުތަކަށް ފިލައިގެން އިނގިރޭސިވިލާތުގައި އުޅެނިކޮށް ހައްޔަރުކުރި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު "ދައްކަން އުޅުނު ވާހަކަ ދައްކާނަން،" ކަމަށާއި "އެނބުރި އަންނާނަން" ކަމަށް ވިދާޅުވެ ރޭ އޭނާ ޓްވީޓެއް ކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންނާމެދު ޖިންސީ ކުށުގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވި، ދައުވާ އުފުލާފައިވާ އަލީ އިނގިރޭސިވިލާތުގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެގެން ހައްޔަރުކުރީ މިދިޔަ އޯގަސްޓް 25 ގަ އެވެ.

ހައްޔަރުކުރި ފަހުން ފުރަތަމަ ކުރެއްވި ޓްވީޓްގައި "އަދުލުވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން" ކަމަށް ވިދާޅުވެފައި ވާއިރު، އޭނާގެ މައްޗަށް ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައިގެން ދެ މަހުގެ ޖަލު ހުކުމެއް އެބަ އޮތެވެ.

"ސިޔާސީ ދައުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނަން. އިންސާފުވެރި ޢަދުލުވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން. އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން،" ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އޭނާ ހައްޔަރުކުރިކަން އިނގިރޭސި ފުލުހުން ދިވެހި ފުލުހުންނަށް އަންގާފައި ވާއިރު، ޓްވީޓު ކުރެއްވީ ދޫކޮށްލުމުން ކަމެއް ކަށަވަރެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ދިވެހި ފުލުހުން އަދި ބަހެއް ނުބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަލީ އިނގިރޭސިވިލާތުން ހައްޔަރުކޮށް، ގެޓްވިކް އެއާޕޯޓުގައި ހުންނަ ޓިންސްލޭ ހައުސް ޑިޓެންޝަން ސެންޓަރުގައި ބަންދުކުރީ، އޭނާ ނޫސްވެރިންގެ ބައްދަލުވުމަށް ބޭއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އެއަށް ފަހު އަލީގެ ދިފާއީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލަކު އޭރު "އަދަދު" އަށް ވިދާޅުވީ ރާއްޖެ ވަޑައިނުގަތުމަށް އެއްވެސް އިރަކު އޭނާ ނުނިންމަވާ ކަމަށެވެ.

"އަލީ ވަހީދު ވާނީ ކްރިމިނަލް ކޯޓުން އޭނާއަށް ބޭސްފަރުވާ ކުރުމަށް ދީފައި އޮތް މުއްދަތު އިތުރު ކުރުމަށް. އަލީ ވަހީދަށް ކޯޓުން ދެ ވަނަ ފަހަރަށް ދިން މުއްދަތު ހަމަވަނީ ސެޕްޓެމްބަރު 26 އަށް. އަދި އޭގެ ކުރިން މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭތޯ ނޫންތޯ ކަނޑައަޅާނެ. ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް އެއަށްފަހު ކަނޑައަޅާނެ،" ވަކީލު ވިދާޅުވި އެވެ.

ހައްޔަރުކުރުމުގެ ކުރިން ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލީގެ މައްޗަށް ދައުވާ އުފުލައި، އޭނާއާމެދު ދައުލަތުން އަމަލު ކުރަމުން ދަނީ ބޭއިންސާފުން ކަމަށެވެ.

އަލީ ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވީ، އެ ކޯޓަށް ހާޒިރުވާން އެންގި ޗިޓަށް ގޮންޖަހައި، ރާއްޖެ ވަޑައިނުގަތުމުންނެވެ. އަލީ އަށް ސުޕްރީމް ކޯޓުން ޗިޓް ފޮނުވީ ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކާ ގުޅޭ ޝަރީއަތުގައި އަލީ ވަހީދަށް އިނގިރޭސިވިލާތުގައި ހުރެގެން ބައިވެރިވެވޭނެ އިންތިޒާމްތައް ހަމަޖެއްސި ނިންމުން އިސްތިއުނާފުކޮށް އެ ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައަށް ހާޒިރުވުމަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލާގެ އަޑުއެހުމަށް ހާޒިރުވާން އަލީ އަށް ޗިޓް ފޮނުވީ އީމެއިލް މެދުވެރިކޮށެވެ. އޭނާ ވަނީ އީމެއިލް މެދުވެރިކޮށް ކުރިމިނަލް ކޯޓާ މުއާމަލާތްކޮށްފަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓާ އޭނާ މުއާމަލާތް ކޮށްފައެއް ނުވެ އެވެ.

އަލީ ވަހީދު ވަނީ އޭނާ މިހާރު ދިރިއުޅޭ އެޑްރެހާއި އީމެއިލް އެޑްރެސް އަދި ވަޓްސްއެޕް ނަންބަރުގެ މައުލޫމާތު ވެސް މީގެކުރިން ކުރިމިނަލް ކޯޓާ ހިއްސާކޮށްފަ އެވެ. އެ މައުލޫމާތުތައް ކުރިމިނަލް ކޯޓުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ ވެސް ހިއްސާކުރި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޗިޓް ރައްދުވުމަށްފަހު، އޭގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ އެމީހަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބެ އެވެ. އަދި، ޗިޓް ރައްދުވީ ދައުވާ ލިބޭ މީހާނަމަ، އޭނާ ބަންދުގައި ބަހައްޓައިގެން ވެސް ކޯޓަށް ހާޒިރުކުރެވިދާނެ އެވެ.

ފިޔަވަޅެއްގެ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ ދެ މަހާއި 12 ދުވަހަށް ޖަލަށްލާންށެވެ. އެ ހުކުމް ތަންފީޒުކުރުމަށް ދައުލަތުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގައި، ކޯޓުތަކުން އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ނުވާނެ އެވެ. ޝަރުއީ ނިޒާމަކީ ރައްޔިތުން އިތުބާރު ކުރާ އަދި އެންމެންގެ މައްޗަށް ހަމަހަމަ ނިޒާމެއްކަން ކަށަވަރު ކުރުމަށް އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖެހޭ ކަަމަށެވެ.

"އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު ނޭޅި ކޯޓުތަކަށް މިކަމުގައި ކަމެއް ނުކުރެވި ޝަރީއަތް ހިންގޭ ގޮތް ނުވެ އަލީ ވަހީދުގެ ކުރިމަތީ ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ގާނޫނީ ވެރިކަން ނުހިނގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމެއް،" ހުކުމް ކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވެ އެވެ.

އަލީ އިނގިރޭސިވިލާތަށް ވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކުރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ.

އެ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ނަމަވެސް، އަލީ ވަހީދު ރާއްޖެ ވަޑައިނުގެންނެވި އެވެ.

ކުރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރި އެވެ. ނަމަވެސް، އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ އެވެ.

އެފަހުން ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކުރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލާގައި ހައިކޯޓަށް ދިޔަ އެވެ. ނަމަވެސް، އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މައްސަލަ ބަލައިގެންފައިނުވެ އެވެ.

އަލީ މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.

މި ތުހްމަތުތައް އޭނާގެ މައްޗަށް ކުރެވުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި 9، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox