އަލީ ވަހީދުގެ ވަކީލުންގެ ދިފާއު: "ދައުވާކުރީ ފްރޭމްކޮށް ސިޔާސީ ބޭނުމަށް"

އަލީ ވަހީދު: އޭނާއަށް ދައުވާކޮށްފައިވަނީ ފްރޭމްކޮށްގެން ކަމަށް ވަކީލުން ވަނީ ބުނެފައި

އަލީ ވަހީދު: އޭނާއަށް ދައުވާކޮށްފައިވަނީ ފްރޭމްކޮށްގެން ކަމަށް ވަކީލުން ވަނީ ބުނެފައި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލައި، އޭނާއާމެދު ދައުލަތުން އަމަލު ކުރަމުން ދަނީ ބޭއިންސާފުން ކަމަށް ބުނެ އޭނާގެ ވަކީލުން ބަޔާނެއް ނެރެފި އެވެ.

މިނިސްޓަރު ކަމުގައި ހުންނަވައި އެތަނުގެ 13 މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަލީ ވަހީދު މިހާރު ހުންނެވީ ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، ރާއްޖޭން ބޭރުގަ އެވެ.

ނަމަވެސް، އޭނާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށް ވަނީ ނިންމާފަ އެވެ. އެ ނިންމުމާމެދު ދައުލަތުން ހިތްހަމަނުޖެހިގެން ސުޕްރީމް ކޯޓާ ހަމައަށް ދިޔަ އެވެ. އެ ކޯޓުން ޗިޓް ފޮނުވުމުން ވެސް އަލީ ވަހީދު ރާއްޖެ ނައުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ދެ މަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

އެ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް އިންޓަޕޯލްގެ އެހީ ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް އަލީ ވަހީދު އެކަމުގައި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި، ރާއްޖެ އަންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، އޭނާގެ ވަކީލުން ނެރުނު ނޫސް ބަޔާނެއްގައި އަލީ ވަހީދު ދިފާއުކޮށް އޭނާއާމެދު ބޭއިންސާފު އަމަލުކޮށް އަނިޔާވެރިކަން އިސްކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން އަލީ ވަހީދާމެދު ބޭއިންސާފު ކޮށްފައިވާ ކަންކަން ވެސް ވަކީލުން ބަޔާންކުރި އެވެ.

ވަކީލުން ބުނި ގޮތުގައި މިނިސްޓަރު ކަމުން ވަކިކުރީ އަލީ ވަހީދުގެ މައްޗަށް އެއްވެސް ތަހުގީގެއް ކުރުމެއްނެތި، ޖަވާބުދާރީވުމުގެ ފުރުސަތެއް ނެތި އެވެ. އޭގެފަހުން ފުލުހުން ތަހުގީގެއް ފަށައި، އެ ތަހުގީގުގައި އެއްވެސް ކުށެއްގެ ތުހުމަތު ސާފުކޮށްދީފައިނުވާ ކަމަށް ވެސް ބުންޏެވެ.

"ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލި އެއްވެސް ދައުވާއަކާ ގުޅޭ ގޮތުން ތަހުގީގު މަރުހަލާގައި ސުވާލުކޮށްފައި ނުވޭ، ދައުވާކޮށްފައިވަނީ ތުހުމަތު އުފުލިފައިވާ ދައުވާއެއް ސާބިތުވާނެ އެއްވެސް އުންސުރެއް ނެތި ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް،" ވަކީލުން ބުންޏެވެ.

ވަކީލުން ބުނާ ގޮތުގައި ތުހުމަތުކުރެވޭ ކުށްތައް ކުރި ކަމަށް ބުނާ ފަރާތެއް ނުވަތަ ކުށްކުރި ތަނެއް، ނުވަތަ ކުޑަމިނުން ތާރީހު ވެސް އަލީ ވަހީދަށް ސިއްރުކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މީހަކާ ދޭތެރޭ މިގޮތަށް އަމަލު ކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވަކީލުން ސިފަކުރި އެވެ.

މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުތަކަށާއި މީޑިއާތަކަށް ދޮގު މައުލޫމާތުތައްދީ، ނުހައްގުން އަދަބު ދެމުންދާ ކަމަށް ވެސް ވަކީލުން ތުހުމަތުކުރި އެވެ.

އަދި އޭގެ ފަހުން މައްސަލަ ޝަރީއަތަށް ފޮނުވުމަށް ވެސް ނުފޫޒުފޯރުވަމުންދާ ކަމަށް ވަކީލުން ބުންޏެވެ. އެގޮތުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދުގެ މައްސަލަ ދައުލަތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅިކަން ފާހަގަ ކުރި އެވެ.

ގާޒީގެ މައްސަލަ ކޮމިޝަނަށް ހުށަހެޅީ، އަލީ ވަހީދަށް މީހަކު ޖާމިނުކޮށްފައިވާ ބޭސްފަރުވާއަށް ފުރައިގެން ދިޔުމުގެ ހުއްދަ ދެއްވުމުގައި ގާޒީ އަމަލު ކުރައްވާފައިވާ ގޮތުންނެވެ.

އަލީ ވަހީދުގެ ވަކީލުން ބުނި ގޮތުގައި އަލީ ވަހީދުގެ ފަރާތުން ވަނީ ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. ނަމަވެސް، މި މައްސަލަ ކުރިއަށް ގެންދަނީ ސިއްރުންނެވެ. އެއީ، އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރާ ކުށުގެ ބާވަތަކީ ގާނޫނުގައި ބުނާ ގޮތުން އާންމުކޮށް ހުޅުވާނުލާ ކުރިއަށް ގެންދޭނެ ޝަރީއަތްތަކެވެ. އެފަދަ ހުރިހާ ޝަރީއަތެއް ވެސް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާނުލަ އެވެ.

ލަންޑަނުގައި ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމް އެ ކޯޓުން ހަމަޖައްސައިދީފައިވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ބުނެ އެވެ. ނަމަވެސް، "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދުގެ ބޭސްފަރުވާގެ އެއްވެސް ކަމެއް މިވަގުތު ނުހިނގަ އެވެ.

އަލީ ވަހީދު ކޯޓަށް ފޮނުވާފައިވަނީ އިނގިރޭސި ވިލާތުގެ ޝާލީ ވިލެޖްގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޝާލީ އޯކްސް ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައިވާ ގޮތުން މައިބަދައިގައި ރިއްސާތީ، އަލީ ވަހީދު ދެ ފަހަރެއްގެ މަތިން އެ ކްލިނިކަށް ދައްކާފައިވެ އެވެ. އަދި އެތަނުން އޭނާގެ އެމްއާރުއައި ވެސް ހަދާފައިވާ ކަމަށެވެ. އެ ލިއުމުން އެނގޭ ގޮތުގައި ބޭރަށް ވަޑައިގަތް ފަހުން އޭނާ މައިބަދައިގެ ސާޖަރީއެއް ކުރައްވައިފައެއް ނުވެ އެވެ. އަދި އެފަދަ ސާޖަރީއެއް ކުރަން އެ ލިއުމުގައި ޑޮކްޓަރުން ލަފާދެއްވައިފައެއް ވެސް ނުވެ އެވެ.

އަލީ ވަހީދަށް ޑޮކްޓަރުން ލަފާދެއްވީ ކަސްރަތުކުރުމަށާއި އެކަން މެދުނުކެނޑި ކުރިއަށް ގެންދެވުމަށެވެ.

އެކަމަކު ހަ މަސް ފަހުން އިތުރު ޓެސްޓްތަކަކާއި އެސެސްމެންޓްތަކެއް ކުރިއަށް ގެންދަން މިދިޔަ މާޗް މަހުގެ 25 ގައި ދޫކުރި އެ ލިއުމުގައި ޑޮކްޓަރުން ލަފާ ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox