ރާއްޖޭގެ ބާސްކެޓްބޯޅަ ލެޖެންޑެއް ކަމަށްވާ އަހުމަދު ފަޔާޒު (ދިގު ފަޔާ) ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
ފަޔާ ނިޔާވެފައިވަނީ ހއ. ހޯރަފުށީ އެއާޕޯޓުގައި އިންސްޕެކްޝަން މަސައްކަތެއް ކުރަން އެ ރަށަށް ގޮސް ހުއްޓަ އެވެ. ކުޅިވަރުގައި ކާމިޔާބު ތަރިއެއްގެ އިތުރުން ފަޔާ އަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީ ގިނަ ބަޔެއްގެ ލޯތްބާއި އިހުތިރާމް އެކަމުން ވެސް ހޯދާފައިވާ ބޭފުޅެކެވެ.
ފަޔާ މަރުވިއިރު އުމުރަކީ 49 އަހަރެވެ.
ގައުމީ ބާސްކެޓްބޯޅަ ޓީމަށް ވެސް ކުޅުނު ފަޔާ ވަނީ 1989 ވަަނަ އަހަރު ކްލަބް ވެލެންސިއާ އަށް ކުޅުމަށް ފަހު އޭގެ ފަހުން ޔޫތު ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް އަދި އީގަލްސްގެ އިތުރުން ވިކްޓްރީ އަށް ކުޅެފަ އެވެ. އީޕީއެސްގެ މުބާރާތްތަކާއި އެންއެސްއޭ ޕޫލްގައި ޕްރެކްޓިސް ވެސް ކުރި ފަޔާގެ އެންމެ ފަހު ސީޒަނަކީ 2004 ވަނަ އަހަރުގައި ވިކްޓްރީގައި ހޭދަކުރި އަހަރެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) އިން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ފަޔާ އަކީ ރާއްޖޭގެ ބާސްކެޓްބޯޅަ އަށް ކާމިޔާބު ލެގަސީ އެއް ދޫކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ބާސްކެޓްގެ މުޅި ކޮމިއުނިޓީގެ ލޯތްބާއި އިހުތިރާމް ފަޔާ އަށް ލިބުނު ކަމަށާއި އޭނާ އަކީ ޒުވާން ޖީލުތަކުން މިސާލެއްގެ ގޮތުގައި ދެކޭ ކުޅުންތެރިއެއް ކަމަށެވެ.
"ވަރަށް ހުނަރުވެރި ވަރަށް ކާމިޔާބު ކުޅުންތެރިއެއް ފަޔާ އަކީ،" ފަޔާއާ ބެހޭގޮތުން ބާސްކެޓް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް އަދި ކުޅުންތެރިޔާ އަބްދުﷲ އާމިރު (އައްލޯ) ވިދާޅުވި އެވެ.
ގިނަ އަހަރުތަކެއް ވަންދެން ބާސްކެޓްބޯޅައިގެ ރައީސްކަން ކުރެއްވި އަހުމަދު ހާފިޒް ވެސް ވިދާޅުވާ ގޮތުގައި ފަޔާގެ އެންމެ ހާއްސަ އެއް ސިފަ އަކީ ހުރިހާ ފަރާތަކާ ގުޅިގެން މަސައްކަތް ކުރަން ހުންނަ ޝައުގުވެރިކަމެވެ. ބާސްކެޓްބޯޅައިގެ މިހާރުގެ ރައީސަކަށް ހުންނެވި އަހުމަދު އާދަމް (އެޑަމް) އަކީ މީގެ ކުރިން ފަޔާއާ އެކު އޮފީސް މުބާރާތްތަކުގައި ކުޅުއްވި ބޭފުޅެކެވެ.
ފަޔާާއާ އެކު ބާސްކެޓްބޯޅަ ކުޅުއްވި އެހެން ބޭފުޅަކު ފާހަގަކުރި ގޮތުގައި ކެރިއަރުގެ ފަހު ކޮޅުގައި ފަޔާ އެންމެ އިސްކަމެއް ދެއްވައިގެން ކުރި އެއް ކަމަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ އެ ކުޅުންތެރިން ޑިވެލޮޕްކުރުމުގެ މަސައްކަތްތަކެެވެ.
ރާއްޖޭގެ ކުޅިވަރު ކޮމިއުނިޓީގެ ގިނަ ބަޔަކު ވަނީ ކުއްލި ގޮތަކަށް ފަޔާ ނިޔާވުމަކީ ޝޮކެއް ކަމަށް ވިދާޅުވެ، ފަޔާގެ އާއިލާ އަށް ކެތްތެރިކަން ދެއްވުމަސް އެދި ދުއާކޮށް ޝުއޫރު ފާޅުކުރައްވައިފަ އެވެ.













