ކުށް ހުރި ކަމަށް ފާހަގަކުރެވިފައިވާ އިސްލާމް އާއި ގުރުއާނުގެ ޓެކްސްޓް ފޮތްތަކަކީ 2015 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތްތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނި ވާހަކަތައް ބައެއް ޓީޗަރުން ދޮގުކޮށްފި އެވެ.
ގްރޭޑް އެކެއްގެ ގުރުއާން ފޮތުގައި ލިޔެފައިވާ ދެ ސޫރަތެއް މަސްހުނި ވެފައި އޮތް މައްސަލައަކާއި ގްރޭޑް 11 އަދި 12 ގެ އިސްލާމް ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެެއް ވަނީ ފާހަގަވެފަ އެވެ.
އެކަމާ ގުޅިގެން "އަދަދު"އާ ވަހަކަ ދެއްކި ބައެއް އިސްލާމާއި ގުރުއާން ޓީޗަރުން ބުނީ ކޮންމެ އަހަރަކުވެސް ފޮތްތަކުން ކުށް ފާހަގަވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ ފޮތްތަކުން ފާހަގަވެފައި ވަނީ ކުރީގެ އަހަރުތަކުގައި ފޮތްތަކުން ފާހަގަވާ ކުށް ނޫން ކަމަށް އެ ޓީޗަރުން ބުންޏެވެ.
"ކުރިން ގުރުއާން ފޮތުން ފާހަގަވެފައިވާ މައްސަލަތައް މި އަހަރު އިސްލާމް ފޮތުގަވެސް ފާހަގަވެފައި އެބަހުރި. އެކަމަކު މިފަހަރު ގިނައީ އާ މައްސަލަތައް،" އިސްލާމް ކިޔަވައިދިނުމަށްފަހު މިހާރު ގުރުއާން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޓީޗަރަކު ބުންޏެވެ.
އަތޮޅު ތެރޭގެ ރަށެއްގައި ގުރުއާން މާއްދާ ކިޔަވައިދޭތާ ގިނަ އަހަރުތަކެއް ވެފައިވާ ޓީޗަރަކު ބުނީ މި އަހަރުގެ ގުރުއާން ފޮތްތަކުގައި މުގައްރަރާ ނުގުޅޭ ބައެެއް ސޫރަތްތައް ހިމަނާފައިވާ ކަމަށެވެ. އެ ސޫރަތްތަކުން ވެސް ކުށް ފާހަގަވެފައިވާ ކަމަށް އޭނާ ބުނެ އެވެ.

"ކުރިން ހުރީ މިހާރު ހުރި ކަހަލަ ބޮޑެތި މިސްޓޭކެއް ނޫން. ކުރިން ހުރީ ހުސްތަންތަން ފުރަން ހުންނަ ތަންތަން ދިމާ ނުވުން ކަހަލަ ކަންކަން. މި އަހަރު އެބަހުރި ސޫރަތް އޮޅި، އާޔަތްތައް ބަދަލުވެފައި،" ގުރުއާން ކިޔަވައިދޭ ޓީޗަރަކު ބުންޏެވެ.
އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވެފައި ވަނީ ކުށް ފާހަގަވި ގްރޭޑް ދޭއްގެ ގުރުއާން ފޮތަކީ 2015 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އައި ފޮތެއް ކަމަށެވެ.
އަދި ގްރޭޑް 10 އާއި 12ގެ ފޮތުން ޔަތެއްގައި ކުށެއް އޮތް މައްސަލައަކީ 2018 ވަނަ އަހަރުގެ 27 އޮކްޓޫބަރުގައި ފާސްކުރެވިފައިވާ ފޮތްތަކެއް ކަމަށް ރަޝީދު ވަނީ ވިދާޅުވެފަ އެވެ.
ކުށްތައް ފާހަގަކުރެވުނު ފޮތްތަކުގެ އިތުރުން ހުރިހާ ގްރޭޑެއްގެ އިސްލާމް އަދި ގުރުއާން ފޮތްތައް ނަގައި ރިވިއު ކުރަން ވަނީ ޓީމެއް އެކުލަވާލައި މަސައްކަތް ފަށާފަ އެވެ. ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ މުވައްޒަފެއް ހުރިނަމަ އެ މީހަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.












