ތައުލީމީ ކަންތައްތައް ސިޔާސީ ކޮށްގެން ވާހަކަ ދައްކަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ އިލްތިމާސް ކުރައްވައިފި އެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވެފައި ވަނީ ދަރިވަރުންނަށް ކިޔަވައިދޭ އިސްލާމް ފޮތްތަކުގައި ގުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެވިފައިވާ މައްސަލައަކީ މި ސަރުކާރުން ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށާއި ވަކި ގައުމެއްގެ ސަގާފަތް ޕްރޮމޯޓްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކާފައިވާތީ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ކަންކަމަށް ބެލެނިވެރިންގެ އިތުބާރު ގެއްލޭފަދަ ކަންކަން ކުރުމުން އޭގެ ނޭދެވޭ އަސަރު އަންނަން އޮތް ޖީލުތަކަށް ކުރާނެ ކަމަށެވެ. އެހެން ކަމުން ތައުލީމަކީ ސިޔާސީ ކަމަކަށް ނުހެދުމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދޭ މާއްދާތަކުގައި ވަކި ގައުމެއްގެ ސަގާފަތް ޕްރޮމޯޓްކުރުމަށް ސަރުކާރުން އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައިނުވާނެ ކަމަށެވެ.
"ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަރުހަލާގައި ހުރިހާ ގައުމަކާ ބެހޭ މައުލޫމާތު ވެސް ދަރިވަރުންނަށް ފޯރުކޮށްދޭނެ. ކަރިކިއުލަމްގައި ވެސް ވަކި ގައުމެއް ޕްރޮމޯޓްކޮށް އުނގަންނައިދިނުމެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ދަރިވަރުންނަށް ވަށާ ޖެހޭ ތައުލީމެއް ފޯރުކޮށްދޭއިރު، ވަކި ގައުމެއް ފާހަގަކޮށް ވާހަަކަ ނުދެއްކެވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
ގުރުއާނުގެ އާޔަތްތައް ގަސްތުގައި ބަދަލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާކަމަށް ތުހުމަތު ކޮށް، ބައެއް މީހުން ވާހަކަ ދައްކަމުންދާތީ އެކަމަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"އެގޮތަށް ބޭފުޅަކު ވިދާޅުވެއްޖެއްޔާ އެއީ ހަމަ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް. އެއީ މި ސަރުކާރުން ކުރި ކަމެއް ނޫން. ގްރޭޑް 1 ގެ ފޮތް އެއީ މި ސަރުކާރުން. އެކަމަކު އެހެން އެ ވިދަޅުވި ބޭފުޅުން މިތާ ތިއްބަވައިގެން ކުރެއްވި މަސައްކަތެއް އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ މައިގަނޑު އެއް މަގްސަދަކީ ސައްހަ އިސްލާމް ދީން މަތީ ކުދިން ބިނާކުރުން ކަމަށެވެ.












