ކުށްތައް ފާހަގަކުރެވިފައިވާ އިސްލާމް އާއި ގުރުއާނުގެ ޓެކްސްޓް ފޮތްތަކަކީ 2015 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތްތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ގްރޭޑް އެކެއްގެ ގުރުއާން ފޮތުގައި ލިޔެފައިވާ ދެ ސޫރަތެއް މަސްހުނި ވެފައި އޮތް މައްސަލައަކާއި ގްރޭޑް 12 ގެ އިސްލާމް ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލަ އަދި ގްރޭޑް 11 ގެ އިސްލާމް މާއްދާގެ ދަރިވަރުން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެެއް ވަނީ ފާހަގަވެފަ އެވެ. އެއާ އެކު އެ ދެ މާއްދާގެ ފޮތްތައް ރިވިއު ކުރަން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ފަށައިފަ އެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ކުށް ފާހަގަވި ގްރޭޑް ދޭއްގެ ގުރުއާން ފޮތަކީ 2015 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އައި ފޮތެއް ކަމަށެވެ.
"ގްރޭޑް 10 އާއި 12 ގެ ފޮތުންވެސް އާޔަތެއްގައި ކުށެއް ފާހަގަކުރެވިފައި އެބައޮތް. އެއީ 2018 ވަނަ އަހަރުގެ 27 އޮކްޓޫބަރުގައި ފާސްކުރެވިފައިވާ ފޮތްތަކެއް،" ރަޝީދު ވިދާޅުވި އެވެ.
އެކަމަކު ކުށްތައް ފުރަތަމަ ފާހަގަ ކުރެވުނު ގްރޭޑް-1 ގެ ފޮތަކީ މިއަހަރު އަލަށް ބޭނުން ކުރަން ފެށި ފޮތެކެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކުށްތައް ފާހަގަވީ ހިސާބުން އެކުށް ރަނގަޅުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަދި ދަރިވަރުންނާއި ބެލެނިވެރިންނަށް އެކަން ކުރަންވީ ގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދި އެކަމުގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް މިހާރު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެގޮތުން މިހާރަށް ވުރެ ބޮޑަށް ކުށްތައް ހުރިތޯ ބަލައި، އިސްލާހު ކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އުއްމީދުކުރަނީ ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތައް ދިމާ ނުވާނެ ކަމަށް. އެފަދަ ކަމެއް ދިމާވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ކުށްތައް ފާހަގަކުރެވުނު ފޮތްތަކުގެ އިތުރުން ހުރިހާ ގްރޭޑެއްގެ އިސްލާމް އަދި ގުރުއާން ފޮތްތައް ނަގައި ރިވިއު ކުރަން ޓީމެއް ވަނީ އެކުލަވާލައިފަ އެވެ. ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިފަދަ މައްސަލަތަކަކީ ރާއްޖޭގެ އިތުރުން ބޭރުގެ އެހެން ގައުމުތަކުގައި ވެސް ދިމާވާ މައްސަލަ ކަމަށް މިނިސްޓްރީން ބުނެ އެވެ.













