ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުން ކުރާ ގުރުއާނާއި އިސްލާމް ފޮތްތަކުގައި ކުށް ގިނަވުމުގެ މައްސަލަ ބޮޑުވެ އެ ދެ މާއްދާގެ ފޮތްތައް ރިވިއު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
އިއްޔެ ވަނީ ގްރޭޑް އެކެއް ގެ ގުރުއާން ފޮތުގައި ލިޔެފައިވާ ދެ ސޫރަތެއް މަސްހުނި ވެފައި އޮތް މައްސަލައަކާއި ގްރޭޑް 12 ގެ އިސްލާމް ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ފެންމަތިވެފަ އެވެ.
އަދި މިއަދު ވަނީ ގްރޭޑް 11 ގެ އިސްލާމް މައްދާގެ ދަރިވަރުން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެެއްވެސް ފާހަގަ ކުރެވިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލަށް ތައާރަފު ކުރި ތަދުރީސުލް ގުރުއާން ގްރޭޑް އެކެއްގެ ދަރިވަރުންގެ ފޮތުގެ އިތުރުން އެހެން ގްރޭޑްތަކުގެ އިސްލާމާއި ގުރުއާން މާއްދާގެ ފޮތްތަކުގައި ކުށް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި އެފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް ފޮތް އެކުލަވާލުމުގެ ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން އެ އެ މިނިސްޓްރީގެ މުވައްޒަފުން ނުހިމެނޭހެން ފަންނީ ބޭފުޅުންގެ ޓީމަކުން އިސްލާމާއި ގުރުއާން މާއްދާގެ ހުރިހާ ފޮތްތަކެއް ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެފަދަ ކުށްތައް ތަކުރާރުވިޔަނުދިނުމަށްޓަކައި އެކަން ހިނގާދިޔަ ގޮތް ބަލަން ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.












