އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓުތަކުގެ ތެރެއިން އެންމެ އީޖާދީ ފެސިލިޓީގެ އެވޯޑް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ "އުޖާލާ ދިރިއުޅުން" އަށް ގްލޯބަލް ފިނޮވޭޝަން އެވޯޑް ލިބިއްޖެ އެވެ.
މިހާރު އުޒުބަކިސްތާނުގެ ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) ގެ 46 ވަނަ އަހަރީ ބައްދަލުވުމުގައި އެމްއައިބީއަށް މި އެވޯޑް ލިބުނީ 55 ގައުމެއްގެ އިސްލާމިކް ބޭންކުތަކާ ވާދަކޮށެވެ.
އައިއެސްޑީބީގެ އެވޯޑް އެމްއައިބީއަށް ލިބުނީ އުޖާލާ ދިރިއުޅުން ފެސިލިޓީއަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. އެގޮތުން އެ މީހަކަށް ލިބޭ އާމްދަނީއަށް ބަލައި ހަ މަސް ދުވަހަށް ބޭނުންކުރެވޭ ގޮތަށް ފެސިލިޓީގެ ލިމިޓު ހަމަޖެއްސުމާ، ކޯޓޭޝަން ލާ ދުވަހު މުދާ ދޫކުރެވޭ ގޮތަށް ހަމަޖެއްސުން މި އެވޯޑް ދެމުން އައިއެސްޑީބީން ފާހަގަކޮށްފައި ވެ އެވެ.
އެމްއައިބީގެ އުޖާލާ ދިރިއުޅުން ފައިނޭންސިން ފެސިލިޓީއަކީ އެ ބޭންކުގެ ކަސްޓަމަރުންނަށް ގޭތެރޭގައި ހިފާގެންގުޅޭ ތަކެތިން ފެށިގެން އިލެކްޓްރޯނިކްސް އާއި، މޮބައިލް ފޯނާއި، ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ސައިކަލާއި އިންޖީނާއި ޖެޓްސްކީ ގަންނަން ވެސް ބޭނުންކުރެވޭ ފެސިލިޓީއެކެވެ.

އެމްއައިބީއަށް ލިބުނު ގްލޯބަލް ފިނޮވޭޝަން އެވޯޑާ ބޭންކުގެ ސީއީއޯ އަބްދުލް އިހްތިޝާމް އަބްދުލް މުހައިމިން ހަވާލުވެވަޑައިގަންނަވަނީ. -- ފޮޓޯ: އެމްއައިބީ
މިވަގުތު ބާޒާރުގައި ހުރި ކޮންސިއުމާ ފައިނޭންސް ޕްރޮޑަކްޓަކްޓުތަކުގެ ތެރެއިން އެންމެ މަގުބޫލު ޕްރޮޑަކްޓަކީ ވެސް އުޖާލާ ދިރިއުޅުމެވެ.
މި ފެސިލިޓީއަކީ ވަޒީފާއެއް ނުވަތަ ވިޔަފާރިކޮށްގެން އާމްދަނީ ލިބޭ ކޮންމެ 18 އަހަރުން މަތީގެ ދިވެއްސަކަށް ބޭނުންކުރެވޭ ޕްރޮޑަކްޓެކެވެ. އަދި މި ފެސިލިޓީގެ ތެރެއިން ނެގޭ ލިމިޓު ކަނޑައަޅަނީ އެ މީހެއްގެ މުސާރައިގެ އިތުރުން ކުއްޔާއި، އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީ ވެސް ހިމަނައިގެންނެވެ.
400،000ރ. އާ ހަމައަށް މުދާ ގަނެވޭ މި ފެސިލިޓީ ނެގެނީ ކޮންމެ މަހަކު އެ މީހެއްގެ މުސާރައިން/އެކައުންޓުން ފައިސާ އުނިވާ ގޮތަށެވެ.
އެމްއައިބީން ވަނީ އުޖާލާ ދިރިއުޅުން ބޭނުންކޮށްގެން ހިޔާ ފްލެޓްތަކަށް ހާއްސަކޮށްގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ފިނިޝިން މަސައްކަތް ކުރާ ކުންފުނިތައް ބޭންކުގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ބޭންކުން އަންނަނީ ކުރަމުންނެވެ.
މިއީ ހިޔާގެ މަސައްކަތް ނިންމަން ބޭނުންވާ ކަސްޓަމަރުންނަށް މުދާ ގަތުމުގެ އިތުރަށް، މަސައްކަތް ވެސް ނިންމާލަން ފަހިކޮށްދިނުމުގެ ބޭނުމުގައި ބޭންކުން ކުރާ ކަމެކެވެ.









