އެސްޓީއޯއިން 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނާ އެކު މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގަ އެވެ. މި އެއްބަސްވުމުގެ ދަށުން ފައިސާ ދޭން އެއްބަސްވި އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ.
މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ސީއީއޯ ހާނީ ސާލެމް އެވެ.
އެސްޓީއޯއަށް ދޫކުރި ފެސިލިޓީއާ ގުޅިގެން ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން ބުނި ގޮތުގައި، މި ފައިސާއަކީ ކޮވިޑާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދު ދިރުވަން ކުރާ މަސައްކަތަށް މުހިންމު ފެސިލިޓީއެއް ކަމަށެވެ.
މި ޓްރޭޑް ފައިނޭންސިން ފެސިލިޓީއަކީ އިސްލާމިކް ފައިނޭންސިންގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެކެވެ. އަދި އެސްޓީއޯއިން މި ފެސިލިޓީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ.











