ބައެއް ރަށްރަށުގައި ޕެޓްރޯލާއި ޑީސަލް ލީޓަރެއް ވިއްކާ އަގު 28ރ. އިން މައްޗަށް

މާލޭގައި ހުންނަ އެފްއެސްއެމްގެ ޝެޑުން. ބައުޒަރުތަކުން ވިއްކާ ތެލުގެ އަގު ވަނީ ވަރަށް ބޮޑުކޮށްފައި --- ފޮޓޯ؛ އަދަދު ފައިލް

މާލޭގައި ހުންނަ އެފްއެސްއެމްގެ ޝެޑުން. ބައުޒަރުތަކުން ވިއްކާ ތެލުގެ އަގު ވަނީ ވަރަށް ބޮޑުކޮށްފައި --- ފޮޓޯ؛ އަދަދު ފައިލް

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އަންނަ ދަނޑިވަޅެއްގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ޕެޓްރޯލާއި ޑީސެލް ލީޓަރެއް ވިއްކާ އަގު 28ރ. އިން މައްޗަށް ގޮސްފި އެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރި އެވެ.

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެޑުތައް ފިޔަވައި ހުންނަ ޕަމްޕުހައުސްތަކާއި ބައުޒަރުތަކުން ތެޔޮ ވިއްކާ ރޭޓު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ހުޅުމާލެ ޖެޓީގެ ޕަމްޕުހައުސްތަކުންނާއި ބައުޒަރުތަކުން ޕެޓްރޯލް ލީޓަރެއް މިއަދު ވިއްކަނީ 26.81ރ. އަށެވެ. ޑީސަލް ލީޓަރެއް ވިއްކަނީ 28.94ރ. އަށެވެ.

މި އަގުތަކަށް ބަލާއިރު ޝެޑުތަކުން ވިއްކާ ތެލަށް ވުރެ ބައުޒަރުތަކުން ވިއްކާ ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 68 ޕަސެންޓުން އުފުލިފަ އެވެ. ކުރިން ތެޔޮ ވިއްކި އަގުތައް މިވަނީ ގާތްގަނޑަކަށް ދެ ގުނަވެފަ އެވެ.

އެފްއެސްއެމްގެ ކަސްޓަމަރުންނަށް އެ ކުންފުނިން ފޮނުވާފައިވާ އީމެއިލެއް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ހާމަކުރައްވާފަ އެވެ. އެ އީމެއިލްގައި ވަނީ ޕެޓްރޯލް ލީޓަރެއްގެ އަގު 27.13ރ. އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 28.32ރ. އަށް ބޮޑުކޮށްފައިވާކަން އަންގާފަ އެވެ.

މި ބަދަލަކީ މިއަދުން ފެށީގެން އެ ކުންފުނީގެ ހުރިހާ ޑެލިވަރީއެއްގައި ކަސްޓަމަރުންގެ އަތުން ނަގަން ހަމަޖެހިފައިވާ އަގެވެ. ނަމަވެސް ރަސްމީކޮށް މި ބަދަލު ގެނައިކަން އެފްއެސްއެމްއިން ހާމައެއް ނުކުރެ އެވެ.

"ތަކެތީގެ އަގު އަތްނުފޯރާ ފަށައްގޮސް ރައްޔިތުން ވަރަށް ބިކަހާލުގައި ޖެހިގެންދާނެ..ސަރުކާރުން ވިއްކާ އެކި ބާވަތްތަކުގެ އަގު ބޮޑު ކުރަމުން ދާއިރު ހަރަދު ކުޑަ ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާތަނެއް ނުފެނެ..އޭގެ ބަދަލުގައި ފެނިގެން މިދަނީ ސަރުކާރުގެ ކުންފުނިތަކުން އެތައްސަތޭކަ ވަޒީފާ އިއުލާންކޮށް ބޭކަރު އެތަށް ހަރަދެއް ކުރާ މަންޒަރު،" މެންބަރު އައްބާސް ލިޔުއްވި އެވެ.

ޕެޓްރޯލް އާއި ޑީސަލްގެ އަގު ބޮޑުކުރުމުން މުދަލާއި ހިދުމަތުގެ އަގުތަކަށް ބަދަލު އަންނާނެ އެވެ. ވަކިން ހާއްސަކޮށް ބައުޒަރުތަކުން ތެޔޮ އަޅައިގެން ހިދުމަތް ދޭ ފެރީގެ ހިދުމަތްތަކާއި ޓޫރިސްޓު ބައެއް ވިޔަފާރިތަކުގެ ހަރަދު ބޮޑަށް އިތުރުވާނެ އެވެ. މިކަމުގެ ސަބަބުން ފެރީތަކުގެ އަގުތައް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

މިވަގުތު އައްޑޫ ސިޓީން ޕެޓްރޯލް ލީޓަރެއް 29.26ރ. އަށް އަދި ޑީސަލް ލިޓަރެއް 30.13ރ. އަށް ހުރުމުން މޭޔަރު އަލީ ނިޒާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"މި އަގުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުއަގު ހުރި ނިސްބަތުން މާ ބޮޑު އަގުތަކެއް. ގަލްފު ހަނގުރާމައިގެ ދުވަސްވަރު ވެސް މި މިންވަރަށް ތެލުގެ އަގު ބޮޑުކޮށްފައި ނުވާއިރު މި ކަމުގައި ސަރުކާރުން އިތުރަށް ވިސްނުން މުހިންމު ކަމަށް ދެކެން،" ނިޒާރު ފޭސްބުކްގައި ލިޔުއްވި އެވެ.

ރާއްޖޭގެ އުތުރުގައި އޮންނަ އެންމެ ބޮޑު ސިޓީ ކަމަށްވާ ކުޅުދުއްފުށި ސިޓީގައި ވެސް މީގެ ހަފްތާއެއް ކުރިން 16.09ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް މިއަދު ހުރީ 29.30ރ. އަށެވެ. އަދި 15.19ރ. ހުރި ޑީސަލް ލިޓަރެއް މިއަދު ހުރީ 29.51ރ. އަށް ކަމަށް މޭޔަރު މުހައްމަދު އާތިފް ވަނީ ވިދާޅުވެފަ އެވެ.

"މެދު އިރުމަތީގެ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރަށް ބަދަލުތަކެއް ދަނީ އަންނަމުން، އެހެންނަމަވެސް މި އަގުތަކަކީ ސަރުކާރުން ދިން ޔަގީންކަމަށް ބަލާއިރު ކަންބޮޑުވާހާ ބޮޑު އަގުތަކެއް،" އޭނާ ލިޔުއްވި އެވެ.

ހުވަދޫ އަތޮޅުގައި އޮންނަ ތިނަދޫ ސިޓީގައި މީގެ ހަފްތާއެއް ކުރިން 16.15ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް މިއަދު ހުރީ 27.63ރ. އަށެވެ. އަދި 15.67ރ. ހުރި ޑީސަލް ލިޓަރެއް މިއަދު ހުރީ 29.10ރ. އަށް ކަމަށް މޭޔަރު ސައުދު އަލީ ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން ތެލުގެ އަގު އެންމެ މައްޗަށް އުފުލުނީ ރަޝިއާ-ޔޫކްރޭން އަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުންނެވެ. ނަމަވެސް 2023 ގެ ކުރީގެ ކޮޅުން ފެށިގެން މިހާތަނަށް ތެލުގެ އަގުތައް އައީ މައިގަނޑު ގޮތެއްގައި ހެޔޮ ވަމުންނެވެ.

އިރާން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުކުރުމުގެ ކުރިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނައީ މާޗް 23، 2025، ގަ އެވެ. އެ ދުވަހު ޕެޓްރޯލް ލީޓަރަކުން 48 ލާރި ހެޔޮކުރި ނަމަވެސް، ޑީސަލްގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

މުއިއްޒުގެ ސަރުކާރު ފެށުނުއިރު ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 14.73ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ހުރީ 15.07ރ. އަށެވެ.

ތެލުގެ އަގު ބޮޑުވަމުން މި އަންނަނީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށް ދުނިޔޭގެ ސަޕްލައިގެ ބޮޑު ބައެއް ހުއްޓިފައި އޮތުމުންނެވެ. އެމެރިކާއިން އަރަބި ގައުމުތަކުގެ ސަރަހައްދު ބޭނުންކޮށްގެން އިރާނަށް ހަމަލާ ދޭތީ އިރާނުން އެ ގައުމުތަކަށް ދޭ ރައްދު ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ތެޔޮ އުފައްދާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެސްޓީއޯއިން ރާއްޖެއަށް ތެޔޮ އެތެރެކުރަނީ އޮމާނުންނެވެ. އެ ބަދަލު ގެނައީ 2019 ވަނަ އަހަރު އެވެ. އޮމާނުން ތެޔޮ އެކްސްޕޯޓު ކުރުމަށް ހޮރުމޫޒު ކަނޑުއޮޅި ބޭނުންކުރަން ނުޖެހެ އެވެ.

އޭރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހުސެއިން އަމްރު އެކްސްގައި ލިޔުއްވި ގޮތުގައި އޮމާނުން ތެޔޮ ގަންނަން ނިންމީ އެއީ ރާއްޖެއަށް ތެޔޮ ގެނައުމަށް އަގުހެޔޮ އަދި ވަގުތު ސަލާމާތްވާނެފަދަ ސިޔާސީ ގޮތުން ހަމަޖެހޭ ގައުމަކަށް ވާތީ ކަމަށެވެ.

މި ހަނގުރާމައިގައި އިރާނުން އޮމާނަށް ވެސް ދަނީ ހަމަލާ ދެމުންނެވެ. މި ހަނގުރާމަ ފެށުމުގެ ކުރިން ސާފުކުރި ޑީސަލް ފީފާއެއްގެ އަގު 80 ޑޮލަރަށް ހުރި ނަމަވެސް މިހާރު ފީފާއެއް އުޅެނީ 150 ޑޮލަރަށް ވުރެ މަތީގަ އެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖެ އަށް ލިބޭ މާލީ ގެއްލުން ފޫބެއްދުމަށް 100 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އިރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވަމުން އަންނާތީ އޭޭޝިއާގެ ގައުމުތަކުން ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު އެފަދަ ފިޔަވަޅުތަކެއް ރާއްޖޭގެ ސަރުކާރުން ނާޅާތީ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox