ކ. މަހާނައެޅިހުރާގައި ހިންގަމުން ދިޔަ ރިހިވެލި ރިސޯޓުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ހުކުމާ ގުޅިގެން އެ ރިސޯޓު އޮޕަރޭޝަނަށް ގެންނަން ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައި އޮތް ހުއްދަ މިއަދު ބާތިލުކޮށްފި އެވެ.
ރިހިވެލި ރިސޯޓު މައްސަލައިގައި އަންގާރަ ދުވަހު ސިވިލް ކޯޓުން ވަނީ އެ ރިސޯޓު ހިންގަން ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުންޏާ އެކު ވެފައިވާ ސަބްލީސް ކޮންޓްރެކްޓް އެ ރިސޯޓުގެ ހެޑްލީސް ހޯލްޑަރު މަހަލް ޓުއާސްއިން ބާތިލުކުރީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ.
އެ ހުކުމާ ގުޅިގެން އެ ރިސޯޓުގެ ވެރިފަރާތުން އެ ރަށަށް އަރަން ކުރި މަސައްކަތުގައި ހަމަނުޖެހުންތަކެއް ހިންގި މައްސަލައެއް ވެސް ފެންމަތިވި އެވެ.
ހުއްދަތައް ބާތިލުކޮށް ޓޫރިޒަމް މިނިސްޓްރީން ސޭވް ދަ ޑްރީމްއަށް ފޮނުވި ސިޓީގައި ބުނީ، އެ ރިސޯޓު އޮޕަރޭޝަނަށް ގެންނަން އޮގަސްޓު 4 ގައި ދޫކުރި ހުއްދަތައް މިއަދުން ފެށިގެން ބާތިލު ކަމަށެވެ. މި ހުއްދައަކީ ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު، ރިހިވެލި ރިސޯޓު ޓޫރިސްޓުންނަށް ހުޅުވާލަން ދޫކުރި ހުއްދައެކެވެެ.
އެފަހަރު ޓޫރިމުން އެ ހުއްދަ ދޫކުރީ ރިހިވެލި ރިސޯޓު މައްސަލައިގައި ސޭވް ދަ ޑްރީމްގެ ހައްގެއް ގެއްލޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް ސިވިލް ކޯޓުން ތާއީދުކުރުމާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޓޫރިޒަމުގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު "އަދަދު" އަށް ވިދާޅުވީ މިނިސްޓްރީން އަމަލުކުރީ ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ކަމަށެވެ. އަދި މި މައްސަލައިގައި ހުރިހާ މަރުހަލާއެއްގައި ވެސް މިނިސްޓްރީން އަމަލުކުރީ ކޯޓުގެ ނިންމުންތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
ދުވަސްތަކެއް ވެފައިވާ ރިހިވެލި ރިސޯޓު ސަބްލީސްކުރި ސޭވް ދަ ޑްރީމް ކުންފުންޏަކީ ފްރާންސުގެ 55 ހިއްސާދާރުންގެ ކުންފުންޏެކެވެ. މި ކުންފުނިން ސަބްލީސް އުސޫލުން ރިހިވެލި ރިސޯޓު 25 އަހަރަށް މަހަލް ޓުއާސްގެ އަތުން ނެގީ 2018 ވަނަ އަހަރު އެވެ.
އެކަމަކު އެ ފަހުން މަހަލް ޓުއާސް އިން ވަނީ ސޭވް ދަ ޑްރީމުން ރިސޯޓު ކުލި ނުދައްކާ ކަމަށާއި، ރިސޯޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުން ލިބެމުންދާ ކަމަށް ބުނެ ސޭވް ދަ ޑްރީމްއާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފަ އެވެ. މަހަލް ޓުއާސްއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ނިންމީ މިއީ އެއްބަސްވުން ބާތިލުކުރެވޭނެ ސަބަބުތަކެއްގެ ގޮތުގަ އެވެ.
ނަމަވެސް ސޭވް ދަ ޑްރީމް ކުންފުނިން ވަނީ އެ މައްސަލައިގެ ކޯޓު މަރުހަލާ ނިމެންދެން ރިހިވެލި ދޫކޮށްނުލާނެ ކަމަށެވެ. އަދި މަހަލް ޓުއާސްއިން މި މައްސަލައިގައި އޮޅުވާލުމާއި ކޮރަޕްޝަން ހިންގާފައިވާ ކަަމަށް ތުހުމަތުކުރެ އެވެ.
އެގޮތުން އެ ކުންފުނީގެ ވަކީލު ނާޒިމް ސައްތާރު ވަނީ މި މައްސަލައިގައި ނިހާއީ ހުކުމެއް އިއްވަން ދެން ސޭވް ދަ ޑްރީމުން ރިސޯޓުގައި ތިބޭނެ ކަމަށެވެ. އަދި ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށައަޅުއްވާނެ ކަަމަށް ވިދާޅުވި އެވެ.










