އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ އޮތް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އިސްލާމިކް މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކަކީ ރާއްޖޭގެ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ހުއްދަ ދީފައިވާ ކުންފުނިތަކެވެ. އެ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ މުއްދަތު އިތުރުކޮށްދީފައިވަނީ 37 ކުންފުންޏަކަށެވެ.
ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރާއި، 2021 ވަނަ އަހަރުގެ މިހާ ހިސާބަށް، އެ ކުންފުނިތަކަށް އުމްރާ ދަތުރުތައް ރާވާ ހިންގުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައި ނުވާކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފަ އެވެ.
އެހެންކަމުން އެ މިނިސްޓްރީން ވަނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާއި ލިބިފައިވާ އިހުތިޔާރުގެ ދަށުން، އުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ހުރިހާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކޮށްދީފަ އެވެ.
އުމްރާ ކުރުމަށް ސައުދީއަށް ދެވޭނީ އެގައުމުގެ ސަރުކާރުން ކަނޑައަޅާ ވަކި ގައުމުތަކަށް ކަމަށް ވާއިރު އަންނަ އަހަރު އުމްރާގެ އަޅުކަމަށް އިތުރު ގައުމުތަކުގެ މީހުންނަށް ފުރުސަތު ދިނުމަށް ސައުދީން ވަނީ ނިންމާފަ އެވެ.

އަދި ހުއްދަދޭ ގައުމުތަކުން އުމްރާއަށް އަންނަ ކޮންމެ ގްރޫޕެއްގައި ގެންދެވޭނީ ގިނަވަގެން 50 މީހުންކަމަށްވެސް ސައުދީ ސަރުކާރުން ބުނެ އެވެ. އުމްރާއަށް އަށް ދާއިރު ކޮވިޑް ވެކްސިން ފުރިހަމަ ކުރަން މަޖުބޫރެވެ.












