ހެކި ހޯދުމުގައި ކަނޑައެޅިފައިވާ އިޖުރާއަތާ ހިލާފުވާ 10 ފުލުހެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން ފުލުހުންގެ އިދާރާގެ ސަމާލުކަމަށް ގެނެވިފައިވާކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ތަހުގީގު މަރުހަލާގައި ފުލުހުން ހެކި ހޯދުމުގައި އިޖުރާއަތްތަކާ ހިލާފަށް ހެދޭ ބޮޑެތި ގޯސްތަކުގެ ސަބަބުން މަސްތުވާތަކެއްޗާއި މަރުގެ މައްސަލަތަކުގައި ބޮޑެތި ކުށްވެރިން ކޯޓުތަކުން ދޫކޮށްލަންޖެހޭ މައްސަލައިގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.
އެގޮތުން، މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޕީޖީ ޝަމީމް ހާޒިރުކޮށްފައިވާއިރު، އެ ކަންބޮޑުވުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވަނީ ފާހަގަކުރައްވައިފަ އެވެ.
އޭނާ އެ ދުވަހު ވިދާޅުވި ގޮތުގައި ފުލުހުން ހެކި ހޯދުމުގައި އިޖުރާއަތްތަކާ ހިލާފުވެ، ހެދޭ ގޯސްތަކުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލި، ނުރައްކާތެރި ކުށްވެރިން ދޭތެރެ ތެރެއިން ދަނީ ދޫވަމުންނެވެ.
އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ އެކަން ޕީޖީ އޮފީހުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެގޮތަށް ބެލި ބެލުމުން، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އިޖުރާއަތާ ހިލާފުވެފައިވާ 10 ފުލުހެއްގެ މައްސަލަ ފާހަގަކުރެވިގެން، އެކަން ފުލުހުންނާ ހިއްސާކުރެވިފައިވާކަން ޕީޖީ ހާމަކުރެއްވި އެވެ.
އަދި އެފަދަ ކަންކަން ފުލުހުންނާ ހިއްސާކުރުމަށް ހާއްސަ ނިޒާމެއް ގާއިމުކުރެވިފައިވާކަމަށް ވިދާޅުވި އެވެ.
"ތަހުގީކުރާ މައްސަލަތަކުގައި އިޖުރާއީ ގޯސްތައް ހައްދަވަނީ ކޮން ފުލުހުންނެއް ކަމާއި، ނިޒާމީ ސިފައެއްގައި އެކަން ފުލުހުންނާ ހިއްސާކުރެވޭނެ ނިޒާމެއް މިހާރު ވަނީ ގާއިމުކުރެވިފައި. އެ މެކޭނިޒަމް މިހާރު އެބަ ހިނގާ،" ޝަމީމް ވިދާޅުވި އެވެ.
ސީދާ ފުލުހުންގެ އިތުރުން، ކޯޓު މަރުހަލާގައި ވެސް އިޖުރާއީ މައްސަލަތަކާހެދި ދައުލަތާ ދެކޮޅަށް ނިމޭ މައްސަލަތައް ވެސް ދިރާސާކޮށް، ރަނގަޅު ކުރަންޖެހޭ ކަންތައްތައް ވެސް ބަލާ ކަމަށް ޕީޖީ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި، މައްސަލައެއްގައި ފަނޑިޔާރެއްގެ ނަޒަރިއްޔާތު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ.
އެކަން ކުރުމުގެ ބޭނުމަކީ އެފަދަ ހިޔާލުތަފާތުވުންތަކުގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުންކަމަށް ޕީޖީ ފާހަގަކުރެއްވި އެވެ.













