މޮކް އެގްޒާމުން ރައީސަށް ކާމިޔާބު، ދެން އޮތީ އަސްލު އިމްތިހާނު!

ރައީސް ސޯލިހުގެ ގައުމީ ދިދައެއްގެ ކުރިމަތީގައި: ރައީސަށް ތާއީދު ކުރާ މެމްބަރުން ދެކެނީ ރޭގެ އިންތިހާބުން ސޯލިހަށް ޕާޓީ ތެރޭގައި އޮތް ތާއީދު ހާމަވެއްޖެ ކަމަށް --

ރައީސް ސޯލިހުގެ ގައުމީ ދިދައެއްގެ ކުރިމަތީގައި: ރައީސަށް ތާއީދު ކުރާ މެމްބަރުން ދެކެނީ ރޭގެ އިންތިހާބުން ސޯލިހަށް ޕާޓީ ތެރޭގައި އޮތް ތާއީދު ހާމަވެއްޖެ ކަމަށް --

"ގިނަ މެމްބަރުން [ގައުމީ މަޖިލިސް ބައްދަލުވުމުގައި] ބައިވެރިނުވީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި، އެއިން އެއްވެސް ބޭފުޅަކު ބޭނުމެއް ނުވޭ ރައީސް [މުހައްމަދު] ނަޝީދު ހުށަހަޅުއްވާ އެއްޗަކަށް ފާޅުގައި އިދިކޮޅަށް އެއްޗެކޭ ބުނާކަށެއް،"

އެއީ މިމަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިވި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބެވެ.

ރައީސްގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވާލާ ރައީސް ނަޝީދު ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސް ކުރުމަށް ބޭއްވި ބައްދަލުވުމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ޖުލައި 25، ގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްވީ 39 މެމްބަރުންގެ ވޯޓާއެކު އެވެ. ގަރާރު ފާސް ކުރުމަށް އެންމެ މަދުން ބޭނުންވާ އަދަދަކީ 37 ވޯޓެވެ. އެމްޑީޕީ ގައުމީ މަޖިލިހުގައި ޖުމްލަ 142 މެމްބަރުން ތިބެ އެވެ. އެހެންކަމުން ގައުމީ މަޖިލިހުގެ 72 ޕަސެންޓު މެމްބަރުން އެ ޖަލްސާއަށް ހާޒިރުނުވެ އެވެ.

ނަޝީދު، ރައީސް ސޯލިހާ ސިޔާސީ ގޮތުން ދުރުވެފައިވާއިރު، ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްވި ނަމަވެސް މަޖިލިހުގެ ގިނަ މެމްބަރުން އެ ބައްދަލުވުމަށް ނުދިޔުމަކީ ސަރުކާރަށް ލިބުނު މޮޅެއް ކަމަށް މީހުން ދިޔައީ ބުނަމުންނެވެ. އަދި ހާއްސަކޮށް، ގިނަ މެމްބަރުން އެ ބައްދަލުވުމަށް ނުދިޔައީ ނަޝީދާ ދިމާލަށް ފާޅުގައި އެއްޗެއް ބުނަން ނުކެރުން ކަމަށް ރައީސްގެ ދޫފުޅުން ވިދާޅުވުމަކީ، ކާމިޔާބީ އިއުލާން ކުރެއްވުން ކަމަށް ބައެއް މީހުން ދެކެ އެވެ.

އެހެން އެކަން އޮއްވާ އަނެއްކާ ވެސް ރޭގައި އެމްޑީޕީގެ އިންތިހާބެއް ބާއްވައިފި އެވެ. އެ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް، ގައުމީ މަޖިލިސްގެ މެމްބަރުންގެ ވޯޓުން ވަނީ މެމްބަރުން އިންތިހާބުކޮށްފަ އެވެ. ރޭ އިންތިހާބު ބޭއްވި ކޮމެޓީގެ ނުވަ ގޮނޑި، ވާދަ ކުރި 18 މީހުންގެ ތެރެއިން ކާމިޔާބު ކުރީ ވެސް ރައީސް ސޯލިހުގެ ކެންޑިޑޭޓުންނެވެ. އެހެންކަމުން މިއީ ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ގައުމީ މަޖިލިހުގެ ކޮންޓްރޯލް ރައީސް ސޯލިހުގެ އަތުގައި އޮތް ކަމުގެ ޝައްކެއް ނެތް މިންވަރުގެ ހެކި ކަމަށް އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ބުނެ އެވެ.

"ރޭގައި ހޮވުނު ނުވަ ކެންޑިޑޭޓުންނަކީ ވެސް ރައީސް ސޯލިހުގެ ކެންޑިޑޭޓުން. ރައީސް ނަޝީދު ވެސް ނުވަ ކެންޑިޑޭޓުން ނެެރުއްވި، އެކަމަކު އެކަކު ވެސް ނުހޮވުން. މީގެން މި ބުނެދެނީ ވަރަށް ބޮޑު ވާހަކައެއް. އަދި މި ޔަގީންވީ ޕާޓީ ތެރޭގައި ތާއީދު ކުރީ ކޮން ބޭފުޅަކަށްކަން،" އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީ ތެރޭގައި ރައީސް ނަޝީދުއާ މެދު ފާޅުގައި ގިނަ މެމްބަރުން ދެކޮޅު ހަދަން ބޭނުންނުވާ ކަމަށެވެ. ރޭގެ ވޯޓުން ރައީސް ސޯލިހަށް ތާއީދު ކުރި މެމްބަރުންނަށް ސާފު އަގުލަބިއްޔަތެއް ލިބުމުގެ އެއް ސަބަބަކީ ވޯޓު ސިއްރުވުން ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

"ފާޅު ވޯޓެއްގައި ރައީސް ނަޝީދާ ދެކޮޅަށް ވޯޓު ދޭން ނުކެރުނަސް ސިއްރުވީމަ އެކަމުގައި މައްސަލައެއް ނެތް. މީގެން އެނގިގެންދަނީ ރައީސް ސޯލިހަށް ޕާޓީގެ މެމްބަރުންގެ އިތުބާރު އެބަ އޮތްކަން،" އޭނާ ފާހަގަ ކުރަން ބޭނުންވާ ނުކުތާ މެމްބަރު ބުނެދިނެވެ.

ރޭގެ އިންތިހާބުގެ ކުރިން ޕާޓީގެ އެތެރޭގެ ކޮންޓްރޯލް ކުރެއްވުމުގެ މަސައްކަތް ރައީސް ސޯލިހާއި ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެމްޑީޕީގެ އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު ހަސަން އަފީފް ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހަކީ އަދާލަތު ޕާޓީގެ މެމްބަރެއްތޯ ސުވާލު ކުރެއްވުމުން އެ މައްސަލަ ބަލައިދިނުމަށް އެމަނިކުފާނު ވަނީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ހުށަހަޅުއްވައިފަ އެވެ.

އޭގެ ކުރިން، ކުއްލި ނުރައްކާ ގަރާރު ފާސް ކުރަން ޖަލްސާ ބޭއްވި ރޭ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްއާ ރައީސް ސޯލިހު ބައްދަލު ކުރެއްވި އެވެ. އަދި އެންމެ ބޮޑު ކަމެއްގައި ފާހަގަ ކުރެވުނީ، ވެރިކަން ހިންގުމުގެ ކަންކަމުގައި ނަޝީދާ މަޝްވަރާ ކުރައްވަންޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުންނެވެ.

"ސިޔާސީ ބައެއް ކަންތައްތަކުގައި ރައީސް ނަޝީދާ އަޅުގަނޑާ ބައެއް ފަހަރު ހިޔާލު ތަފާތުވޭ. އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރުގައި ވެސް އެމަނިކުފާނު ނިންމަވާ ބައެއް ނިންމުންތަކަށް އަޅުގަނޑަށް ކަމުނުގޮސް އަޅުގަނޑު ހުންނާނެ އަޅުގަނޑަށް ފެންނަ ގޮތް ހާމަކޮށްފަ. އެހެންނަމަވެސް ވެރިކަމުގައި އެމަނިކުފާނު ހުންނެވިއިރުގައި އަމަލު ކުރައްވާނީ ވަރަށް ބޮޑަށް ވިސްނަވައިފަ. ވަށައިގެން ހުރި ހުރިހާ ކަންތައްތަކަށް ބައްލަވާފަ. ބައެއް ފަހަރު އަޅުގަނޑު ވިސްނުމާ އިދިކޮޅަށް، އަޅުގަނޑު ހުށަހަޅާ ހިޔާލުތަކާ އެއްގޮތްނުވާ ގޮތަށް ކަންތައްތައް ނިންމަވާ. އެއީ މައްސަލައެއް ނޫން،" ރައީސް އޯގަސްޓު 11، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.

ކުރިއަށް ދެން އޮތީ ވެސް އެމްޑީޕީގެ ބޮޑު އިންތިހާބެކެވެ. ސެޕްޓެމްބަރު މަހު ބާއްވާ ދާއިރާތަކުގެ އިންތިހާބަކީ އަނެއްކާ ވެސް ޕާޓީގެ ކޮންޓްރޯލް އޮތީ ކޮން ބޭފުޅެއްގެ އަތުގައިތޯ ވަޒަން ކުރަން ލިބޭ ފުރުސަތެކެވެ. މިހާރު ވެސް ދާއިރާތަކަށް ވާދަ ކުރައްވާ ކެންޑިޑޭޓުން ގެންދަވަނީ ރައީސް ސޯލިހާއި ނަޝީދުގެ ނަންފުޅުގައި ކެމްޕެއިން ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox