އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުކަމަށް ހ. އިރުވައި މުހައްމަދު އާސިފް (އިރުވައި އާސިފް) އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އީސީގެ މެމްބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެއާއެކު އެ މަގާމަށް އައްޔަނުކުރަން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅެއްގެ ނަން ރައީސް ސޯލިހު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
ރައީސް ހުށަހެޅުއްވި ފަސް ބޭފުޅުން
- މުހައްމަދު އާސިފް / ހ. އިރުވައި
- ޝަހުލާ އިސްމާއިލް / ފިނިއުނިމާގެ، ޅ. ހިންނަވަރު
- އަޒްލީމާ އަހުމަދު / ދަފްތަރު
- އަހުމަދު މަންސޫރު / ވ. ރިވެތި
- މަރިޔަމް ހަނީފާ ހާލިދު / އަނބުގަސްދޮށުގެ، ހއ. ކެލާ
ނަމަވެސް، އެ ނަންތައް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވި ފަހުން، އެ މަގާމަށް ކުރިމަތިލެއްވި އަޒްލީމާ އަހުމަދު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވައިފަ އެވެ.
ބާކީ ތިއްބެވި ހަތަރު ބޭފުޅުން ވެސް އެ މަގާމަށް ޝަރުތު ހަމަވާތީ ކޮމިޓީން ވަނީ އެ ބޭފުޅުންނާ ވަކިވަކިން އިންޓަވިއުކޮށްފަ އެވެ.

އަދި އޭގެ ފަހުން ކޮންމެ ނަމަކަށް ވަކިވަކިން ވޯޓަށް އެހުމުން، އަނބުރާ ތަޅުމަށް ފޮނުވޭ އަދަދަށް ވޯޓު ލިބިފައިވަނީ އާސިފްއަށް އެކަންޏެވެ.
އެއާއެކު ކޮމިޓީން ނިންމި ގޮތަށް، އީސީގެ މެމްބަރުކަމަށް އާސިފް ކުރަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.












