އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ބޭފުޅުންގެ ތެރެއިން ތަޅުމަށް ފޮނުވަން ކޮމިޓީގެ މެމްބަރުންގެ ތާއީދު ލިބުނީ ހ. އިރުވައި މުހައްމަދު އާސިފް (އިރުވައި އާސިފް) ނަމަށް އެކަންޏެވެ.
އީސީގެ މެމްބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެއާއެކު އެ މަގާމަށް އައްޔަނުކުރަން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅެއްގެ ނަން ރައީސް ސޯލިހު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
ރައީސް ހުށަހެޅުއްވި ފަސް ބޭފުޅުން
- މުހައްމަދު އާސިފް / ހ. އިރުވައި
- ޝަހުލާ އިސްމާއިލް / ފިނިއުނިމާގެ، ޅ. ހިންނަވަރު
- އަޒްލީމާ އަހުމަދު / ދަފްތަރު
- އަހުމަދު މަންސޫރު / ވ. ރިވެތި
- މަރިޔަމް ހަނީފާ ހާލިދު / އަނބުގަސްދޮށުގެ، ހއ. ކެލާ
ނަމަވެސް، އެ ނަންތައް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވި ފަހުން، އެ މަގާމަށް ކުރިމަތިލެއްވި އަޒްލީމާ އަހުމަދު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވައިފަ އެވެ.
ބާކީ ތިއްބެވި ހަތަރު ބޭފުޅުން ވެސް އެ މަގާމަށް ޝަރުތު ހަމަވާތީ ކޮމިޓީން ވަނީ އެ ބޭފުޅުންނާ ވަކިވަކިން އިންޓަވިއުކޮށްފަ އެވެ.

އަދި އޭގެ ފަހުން ކޮންމެ ނަމަކަށް ވަކިވަކިން ވޯޓަށް އެހުމުން، އަނބުރާ ތަޅުމަށް ފޮނުވޭ އަދަދަށް ވޯޓު ލިބިފައިވަނީ އާސިފްއަށް އެކަންޏެވެ.
އެގޮތުން، މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ކޮމިޓީގައި ތިއްބަވައި މެމްބަރުންގެ ތިންބައިކުޅަ ދެބައި އާސިފް އެ މަގާމަށް އައްޔަނުކުރަން ފެންނަކަމަށް ތާއީދުކޮށްފައި ވެ އެވެ.
ޖުމްލަ 12 މެމްބަރުން ތިއްބަވާ ކޮމިޓީގައި، އާސިފުގެ ނަން ތަޅުމަށް ފޮނުވަން ފާސްވެފައިވަނީ 10 މެމްބަރުންގެ ވޯޓާއެކު އެވެ.
ނަމަވެސް، އޭނާ އެ މަގާމަށް އައްޔަނުކުރެވޭނީ މަޖިލީހުގެ ތަޅުމުން އެ ގޮތަށް ފާސްވެއްޖެ ނަމަ އެވެ. އާސިފަކީ އިލްކެޝަން ކޮމިޝަނުގައި މީގެ ކުރިން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ކުރިން ދިވެހި ފިލްމީ ދާއިރާގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.
އިންތިހާބުތަކާއި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އީސީގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ. ޝަރީފް އިސްތިއުފާ ދެއްވުމުން މިހާރު ތިއްބަވާނީ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބާއި އެ ކޮމިޝަންގެ ރައީސްކަން ކުރިން ކުރެއްވި ފުއާދު ތައުފީގާއި އަލީ ނަޝާތުގެ އިތުރުން ޑރ. މުހައްމަދު ޒާހިރެވެ.












