އިއްޔެ ހެނދުނު ވަގުތު ރައްޓެެސެއްގެ ކޯލުން އޭނާއަށް ލިބުނީ އަޑުއަހަން ބޭނުންވި ވާހަކަތަކެއް ނޫނެވެ. ގަބޫލު ނުކުރެވުނަސް ސިހިގެންދިޔައީ އެ ހަބަރުންނެވެ. ދަނޑުވެރިކަމުގައި ހޭދަވި 31 އަހަރު ކޮށްފައި ނުވާ ތަޖުރިބާއަކާ ކުރިމަތިލާން ޖެހުމުންނެވެ.
އަށް މަސްދުވަހުގެ ބުރަ މަސައްކަތުން ހެއްދި ފަޅޯ ދަނޑު ބިމާ ހަމަކޮށްލީ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
"އެކަން ކޮށްފައި އޮތް ކަމަށް މި ގަބޫލު ކުރެވެނީ 26 ވަނަ ދުވަހުގެ އިރުއޮއްސުމާ ކައިރި ވަގުތެއްގައި. އެއީ އެންމެން ދަނޑުތަކުން ނިކުމެގެން ގެއަށް އަންނަ ވަގުތު. އެކަން ކޮށްފައި އޮތްކަން އެނގުނީ 27 ވަނަ ދުވަހު ފަތިހު،"
ނަން ހާމަކުރަން ބޭނުން ނުވާ ކ. ކާށިދޫގެ އެ ދަނޑުވެރިޔާ މި ނޫހަށް ކިޔާދިން ގޮތުގައި ދަނޑުތަކުގައި މީހުން ހައްދާފައި ހުންނަ ގަސްތައް "ޖެއްސުން ކުރުމަށް" ކޮށުމަކީ މީގެ އެތައް އަހަރުތަކެއް ކުރިން ކޮށް އުޅުނު ކަމެއް ނަމަވެސް، އެއީ މިހާރު ކޮށް އުޅޭ ކަމެއް ނޫން ކަމަށެވެ.
ސަތޭކަ ފޫޓުގެ އެ ދަނޑުގައި ޖުމްލަ 118 ގަސް އިންދައި ބަލަހައްޓަމުން ދިޔައީ ލިބޭ ހުސް ވަގުތުތަކުގަ އެވެ. ވަޒީފާއެއްގައި އުޅެ، ރަނގަޅަށް ދަނޑުގެ ގަސްތަކަށް އަޅާ ނުލެވޭތީ ބިދޭސީއެއް ގެނެސް މަސައްކަތައް ލައިގެން ބަހަލައްޓަމުން ދިޔަ އެވެ.

ނަމަވެސް، އިއްޔެ ބަޔަކު ކުރި ކަމަކުން އެތައް ދުވަހެއްގެ ބުރަ މަސައްކަތް ގެއްލި ދިޔައީ އެވެ. އެ ދަނޑުގައި ހުރި ބައެއް ގަސްތައް ވަޅިން ކޮށާފައި ހުރި އިރު އަނެއްބައި ގަސްތައް ހުރީ ކީހުން ކަނޑާފައި ކަމަށް އޭނާ ބުންޏެވެ.

ކާށިދޫ ދަނޑެއްގެ ފަޅޯގަސްތަކެއް ކޮށާލާފައި--
"118 ގަހުން ހަމައެކަނި ކަނޑާނުލާ ވަޅި ނުޖަހާ އިނީ 3 ގަސް. ވަޅި ޖަހާފަ ނުވެއްޓި އެބަހުރި ދެތިން ގަސް. އެ ވެސް އަތްލާއިރަށްވެސް ވެއްޓޭ ހާލަތުގަ އިނީ،" އޭނާ ބުންޏެވެ.
މި އަހަރު ޖެނުއަރީ މަހުން ފެށިގެން ފަޅޯ ލިބެމުން އަންނަ އެ ގަސްތަކުން ހަފްތާއެއްގެ މައްޗަށް 12-14 ހާސް ރުފިޔާއާ ދޭތެރޭ އަދަދެއްގެ އާމްދަނީއެއް ކޮންމެ ހަފްތާއަކު ލިބޭ ކަމަށް އޭނާ ބުންޏެވެ.
"ބިމުން ފެށިގެން ދެ ފޫޓާ ހަމައިން ފަޅޯ ބިންނަމުން މި އައީ އެ ގަސްތަކުން،"
އިއްޔެ ކަނޑާލި 115 ގަހުން އެކަނި ހަތަރު ޓަނުގެ ފަޅޯ ހުރި ކަމަށައި ކަނޑާލި ގަސްތަކުގެ ފަޅޯ އިއްޔެ މާލެއަށް އެ ރަށުން އައި ދޯންޏަކުން ފޮނުވާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ކަނޑާލި ފަޅޯ ގަސްތަކުން މާލެ ފޮނުވުމަށްފަހު ބާކީ މިހާރު ހުރި ފަޅޯތައް--
އެކަން ކުރީ ކޮން ބައެއްކަން މިހާތަނަށް އެނގިފައި ނުވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.
މިއީ މަދުން ނަމަވެސް، ރާއްޖޭގައި ދަނޑުވެރިކަން ކުރާ ރަށްރަށުގައި ކުރަމުން އަންނަ ނޭދެވޭ އަމަލެކެވެ. އެގޮތުން ކަރާ ވެޔޮތައް ކޮށާލުމާއި ޗިޗަންޑާ އާއި ފާގަ ފަދަ ތަރުކާރީ ގިނަ އަދަދަކަށް އަޅާފައިވަނިކޮށް ތަކެއްޗާ އެކު، ވެޔޮ ކޮށާލައިފައި ވެސް ބައެއް ރަށްރަށުގައި އެބަ ހުއްޓެވެ.













