ފުލުހުން ބުނީ އަލީ ވަހީދު ހައްޔަރުކުރިކަން އަދި ނޭނގޭ ކަމަށް

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރާއްޖޭގެ ކޯޓުތަކަށް ފިލައިގެން ޔޫކޭގައި އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ހަގީގަތް ހާމަކުރަން ކަމަށް ވިދާޅުވެ އޭނާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އުޅެނިކޮށް ޔޫކޭ ފުލުހުން ހައްޔަރުކުރި ކަމެއް އަދި އެނގިފައިނުވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރީ މިއަދު މާލެ ގަޑިން 4:00 ގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ހަމަޖެއްސި ތަނަށް ވަޑައިގަތް ތަނުންނެވެ.

މިނިސްޓަރު ކަމުގައި ހުންނަވައި 13 މުވައްޒަފަކާ މެދު ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުވާ އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށުގައިކަން އެނގިފައި ވެ އެވެ.

ނަމަވެސް، ދިވެހި ފުލުހުން ބުނީ އަލީ ވަހީދު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ފުލުހުންނާ ގުޅޭ އެއްވެސް ފަރާތަކުން އަދި ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"އަދި އެފަދަ މައުލޫމާތެއް ފުލުހުންނަށް އަދި ލިބިފައެއް ނުވޭ،" ފުލުހުން ބުންޏެވެ.

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައިގެން ދެ މަހުގެ ޖަލު ހުކުމެއް އައިސްފައިވާ، އަލީ ވަހީދު ހޯދުމަށް ދިވެހިން ފުލުހުން ގެންދިޔައީ، އިނގިރޭސިވިލާތުގެ ފުލުހުންނާއި އިންޓަޕޯލްއާއެެކު މަސައްކަތް ކުރަމުންނެވެ.

އަލީ ވަހީދުގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތް ކުރިއަށްދަނިކޮށް، އޭނާ ރާއްޖޭން ފުރައިގެން ގޮސްފައިވަނީ ބޮޑެތި ތުހުމަތުތަކެއް އޮތުމުން ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލްކުރުމާ އެކު އެވެ.

ބޭސްފަރުވާއަށް ދިޔުމަށް ހުއްދަދީ، އަލީ ވަހީދުގެ ޕާސްޕޯޓް ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ދޫކުރެއްވީ އޭނާގެ މައްޗަށް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޖާމިނުވުމުންނެވެ. ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ.

އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ދައުލަތުން ދިޔަ އެވެ. ނަމަވެސް، އެ ދެ ކޯޓުން ވެސް އެ މައްސަލަ ބޭރުކޮށްލީ އަލީ ވަހީދަށް ޗިޓް ރައްދުނުވާ ކަމަށް ބުނެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ އެވެ.

އޭރު އަލީ ވަހީދު އުޅޭނޫޅޭ ތަނެއް އެއްވެސް ކޯޓަކަށް އެނގިފައެއް ނުވެ އެވެ. ނަމަވެސް، އޭގެފަހުން އަލީ ވަހީދު ވަނީ ކުރިމިނަލް ކޯޓާ މުއާމަލާތްތަކެއްކޮށް އޭނާ ދިރިއުޅޭ އެޑްރެހާއި ގުޅޭނެ ނަންބަރުތަކާއި އީމެއިލް ހިއްސާކޮށްފަ އެވެ.

އަލީ ވަހީދުގެ އެދުމަށް ކުރިމިނަލް ކޯޓުން ނިންމީ އޭނާ ރާއްޖެ ނުގެނެސް، ރާއްޖޭން ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ހެދުމަށެވެ. މި އިންތިޒާމް ކުރިމިނަލް ކޯޓުގެ މީހަކަށް ހަމަޖައްސައިދިން މިއީ ފުރަތަމަ ފަހަރެވެ.

އެކަމަށް ދައުލަތުން އިއުތިރާޒުކުރި ނަމަވެސް، އިނގިރޭސިވި ލާތުގައި ހުންނަ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުވެގެން ދެ އަޑުއެހުމެއްގައި ބައިވެރިވި އެވެ. އެހެންވެ، އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، އެއީ އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.

އެހެންވެ، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔަ އެވެ. އެ މައްސަލާގެ އަޑުއެހުމަށް ހާޒިރުވުމަށް އީމެއިލް މެދުވެރިކޮށް ސުޕްރީމް ކޯޓުން އަލީ ވަހީދަށް ޗިޓް ފޮނުވި އެވެ. އެ ޗިޓް އަލީ ވަހީދަށް ރައްދުވެފައިވީ ނަމަވެސް، ސުޕްރީމް ކޯޓާ އޭނާ އެއްވެސް މުއާމަލާތެއްކޮށްފައެއް ނުވެ އެވެ. އަދި މިއަދަށް ތާވަލުކުރި އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ވެސް ނުވެ އެވެ.

އެހެންވެ، ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެއީ އެ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ގާނޫނުލްއުގޫބާތުގެ ދަށުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، އެ ހުކުމް ތަންފީޒުކުރުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރެއްވި އެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމް އެ ކޯޓުން ހަމަޖައްސައިދީފައިވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ބުނެ އެވެ. ނަމަވެސް، "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދުގެ ބޭސްފަރުވާގެ އެއްވެސް ކަމެއް މިވަގުތު ނުހިނގަ އެވެ.

އަލީ ވަހީދު ކޯޓަށް ފޮނުވާފައިވަނީ އިނގިރޭސި ވިލާތުގެ ޝާލީ ވިލެޖްގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޝާލީ އޯކްސް ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައިވާ ގޮތުން މައިބަދައިގައި ރިއްސާތީ، އަލީ ވަހީދު ދެ ފަހަރެއްގެ މަތިން އެ ކްލިނިކަށް ދައްކާފައިވެ އެވެ. އަދި އެތަނުން އޭނާގެ އެމްއާރުއައި ވެސް ހަދާފައިވާ ކަމަށެވެ. އެ ލިއުމުން އެނގޭ ގޮތުގައި ބޭރަށް ވަޑައިގަތް ފަހުން އޭނާ މައިބަދައިގެ ސާޖަރީއެއް ކުރައްވައިފައެއް ނުވެ އެވެ. އަދި އެފަދަ ސާޖަރީއެއް ކުރަން އެ ލިއުމުގައި ޑޮކްޓަރުން ލަފާދެއްވައިފައެއް ވެސް ނުވެ އެވެ.

އަލީ ވަހީދަށް ޑޮކްޓަރުން ލަފާދެއްވީ ކަސްރަތުކުރުމަށާއި އެކަން މެދުނުކެނޑި ކުރިއަށް ގެންދެވުމަށެވެ.

އެކަމަކު ހަ މަސް ފަހުން އިތުރު ޓެސްޓްތަކަކާއި އެސެސްމެންޓްތަކެއް ކުރިއަށް ގެންދަން މިދިޔަ މާޗް މަހުގެ 25 ގައި ދޫކުރި އެ ލިއުމުގައި ޑޮކްޓަރުން ލަފާ ދީފައިވެ އެވެ.

އަލީ ވަހީދަށް ޖަލު އަދަބެއް ކަނޑައެޅި ހުކުމްގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ކުރަން ޖެހުމުން ކޯޓުތަކަކީ ކުޅޭކުޅޭ އަދި ހަރުދަނާ ކަމެއް ނެތް ތަންތަން ކަމަށް ދޭހަވާ ގޮތަށް ގާނޫނާއި ގަވައިދުތައް މާނަކޮށް އިޖުރާއީ ބާގަނޑުތައް ފޭކޮށްގެން ނުވާނެ ކަމަށެވެ.

"އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު ނޭޅި ކޯޓުތަކަށް މިކަމުގައި ކަމެއް ނުކުރެވި ޝަރީއަތް ހިންގޭ ގޮތް ނުވެ އަލީ ވަހީދުގެ ކުރިމަތީ ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ގާނޫނީ ވެރިކަން ނުހިނގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމެއް،" ސުއޫދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox