ބެލެނިވެރިއެއްގެ ހުއްދައާ އެކު އުމުރުން 16 އަހަރުގެ ކުދިންނަށް ވަގުތީ ލައިސެންސެއް ނެގޭ ގޮތް ހެދުމުގެ މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.
އުމުރުން 18 އަހަރު ވުމުގެ ކުރިން އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވުމުގެ އިތުރުން ލައިސެންސް ނެތި އެއްގަމު އުޅަނދު ދުއްވައިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ގަވައިދު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް ހުށަހަޅައި ދެއްވަމުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ނާޒިލް ވިދާޅުވީ ތަހުޒީބުވެފައި ހުރި ގިނަ ގައުމުތަކުގެ އިތުރުން އަވައްޓެރި ގައުމުތަކުގައި ވެސް 16 އަހަރުން ފެށިގެން ލައިސަންސު ދޫކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"ޓްރާންސްޕޯޓު މިނިސްޓްރީންވެސް އެކަމަށް ދެބަސްވެފައެއް ނެތް. އަޅުގަނޑުމެން ދެއްކި ވާހަކަތަކަށް. އަޅުގަނޑުމެން އެ ދުވަހު އެ ވާހަކަ ދެއްކި އިރު، އަޅުގަނޑުމެން ހުށަހެޅުމެއް ގޮތުގަ ހުށަހެޅީ ބެލެނިވެރިއެއްގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމަކާ އެކީގަ، 16 އަަހަރުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސު އެ ކުދިންނަށް ދިނުމަށް،" ނާޒިލް ވިދާޅުވި އެވެ.
އަދި 16 އަހަރުގައި ދޫކުރާ ވަގުތީ ލައިސަންސް 18 އަހަރު ފުރުމުން ދާއިމީ ލައިސަންސަކަށް ބަދަލުކޮށްދެވޭނެ ގޮތަށް ހަދަން ކަމާބެހޭ ފަރާތްތަކުން ވިސްނަމުންދާ ކަމަށް ނާޒިލް ހާމަކުރެއްވި އެވެ.
ގަވައިދު ކޮމިޓީގެ ރިޕޯޓު އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފައިވާއިރު، ޖޫރިމަނާ ދެއްކުމުގެ ކުރިން ލައިސެންސް ނެގުމަށް ހުރަސްއެޅުމުގެ އިތުރުން، އެހެން ހިދުމަތްތައް ހޯދަން ވެސް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމިޓީ ރިޕޯޓަށް ބަލާއިރު، ލައިސެންސް ނެތި ދުއްވައިގެން ޖޫރިމަނާކޮށްފައިވާ ކުދިންގެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން، 2018 ވަނަ އަހަރު 41 ކުދިން، 2019 ވަނަ އަހަރު 98 ކުދިން އަދި މިދިޔަ 232 ކުދިން ޖޫރިމަނާކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް
އެކަން ހައްލުކުރަން ކޮމިޓީގެ ފަރާތުން ހުށަހަޅާފައިވަނީ ޖޫރިމަނާގެ ބަދަލުގައި ކޮމިޔުނިޓީ ސާވިސް ދިނުމަށް އަދަބު ބަދަލުކުރުމެވެ.
އެކަމަށްޓަކައި ދައުލަތުގެ ގިނަ ކުންފުނިތަކާ ކޮމިޓީން ބައްދަލުކޮށްފައިވާއިރު، އެފަދަ ޕްރޮގްރާމަކަށް އެއްބާރުލުންދޭނެ ކަމަށް އެ ކުންފުނިތަކުން ކޮމިޓީގައި ބުނެފައި ވެ އެވެ.
އެއާއެކު ކޮމިޓީން ވަނީ ގަވައިދު އިސްލާހުކުރުމަށް ފެންނަކަންކަން ރިޕޯޓުގައި ހިމަނައިފަ އެވެ.
އެގޮތުން، ކޮމިއުނިޓީ ސާވިސްގެ އުސޫލުތައް ގަވައިދުގައި ބަޔާންކުރުމާއި، އެފަދަ މަސައްކަތަކުން ޖޫރިމަނާގެ ފައިސާ އުނިކުރެވޭނެ އުސޫލު ބަޔާންކުރުމުގެ އިތުރުން ކޮމިޔުނިޓީ ސާވިސްއަށް ނުކުންނަން ޝައުގުވެރިވާ ފަރާތްތަކަށް ލައިސެންސް ނެގުމަށް އޮތް ހުރަސް ނައްތާލުމާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކޭނެ އުސޫލު ގަވައިދުގައި ބަޔާންކުރުން ހިމެނެ އެވެ.












