ފަހު މެޗުގައި ބެންގަލޫރުން މާޒިޔާ ބަލިކޮށްފި

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްސީ

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްސީ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކަށް ހާއްސަ ގްރޫޕް ޑީގެ ފަހު މެޗުގައި މިރޭ އިންޑިއާގެ ބެންގަލޫރުން 6-2 އިން ރާއްޖޭގެ މާޒިޔާ ބަލިކޮށްފި އެވެ.

މިރޭގެ މެޗާ އެކު އޭއެފްސީ ކަޕްގައި މާޒިޔާ އިން ބެންގަލޫރާ ދެކޮޅަށް ޖުމްލަ ހަތް މެޗު ވަނީ ކުޅެފަ އެވެ. ބެންގަލޫރާ ދެކޮޅަށް އެންމެ ފުރަތަމަ މާޒިޔާ އިން އޭއެފްސީ ކަޕްގައި ކުޅުނު ހަތަރު މެޗުން ބަލިވީ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި މާޒިޔާ އިން ވަނީ މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގައި ބެންގަލޫރު ދެ ލެގުން ވެސް ބަލިކޮށްފަ އެވެ. އެކަމަކު، މިރޭ އަނެއްކާ ވެސް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުުނު މެޗުން ބެންގަލޫރު މި ވަނީ މޮޅުވެފަ އެވެ.

ބެންގަލޫރާއި މާޒިޔާ މިރޭގެ މެޗަށް ނުކުތްއިރު ވެސް އޮތީ ކަޓައިފަ އެވެ. މިއަދު ހަވީރު ކުޅުނު މެޗުން ހޯދި ޕޮއިންޓާ އެކު އޭޓީކޭ މޯހަން ބަގާން ވަނީ ގްރޫޕްގެ އެއް ވަނަ ހޯދައި އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އޭޓީކޭ އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ، ދެ ވަނަ އަށް ދިޔަ ބަޝުންދަރާ ކިންގްސް އަށް ފަސް ޕޮއިންޓް ލިބުނުއިރު، ބެންގަލޫރު ތިން ވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް މާޒިޔާ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

މިރޭގެ މެޗަށް ނުކުތްއިރު ދެ ޓީމުން ވެސް ވަނީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން މާޒިޔާ އިން ވަނީ އުޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފްގެ ބަދަލުގައި ގައުމީ ޓީމުގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަށް ފުރުސަތު ދީފަ އެވެ. މިއީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޗެންނާއީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މި މުބާރާތުގައި ހުސެން އަށް ފުރުސަތު ލިބުނު ފުރަތަމަ މެޗެވެ.

ބެންގަލޫރުގެ އުދަންތާ (ކ) ކައިރިން މާޒިޔާގެ ފޭދޫ އިއްބެ ބޯޅަ ހިފައިގެންދަނީ.

ބެންގަލޫރުން ވަނީ ކެޕްޓަން ސުނިލް ޗެތުރީގެ ބަދަލުގައި އުދަންތާ ސިންހް ކުޅެން އަރުވައިފަ އެވެ. އެންމެ ފަހުން ބަޝުންދަރާއާ އެއްވަރުވި މެޗުގައި އުދަންތާ ބޭނުންކުރީ ބަދަލަކަށެވެ. މިރޭގެ މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި އުދަންތާ ވަނީ ބެންގަލޫރަށް ލީޑުނަގައިދީފަ އެވެ. މިއީ ގޯލުއީ ސަރްތާކް އަރިމަތިން ނެގި ހުރަަހަކުން އުދަންތާ ބޮލުން ޖެހި ގޯލެކެވެ.

މާޒިޔާގެ ފުރަތަަމަ ހަމަލާ ފެނުނީ މެޗުގެ 10 ވަނަ މިނިޓްގަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. އޭގެ ތިން މިނިޓް ފަހުން މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ބޯޅަ ބެންގަލޫރުގެ ގޯލުގައި ހުރި ގުރްޕްރީތު ސިންހް ވަނީ މަތަކޮށްފަ އެވެ.

ބެންގަލޫރުން ލީޑުފުޅާކުރީ މެޗުގެ 19 ވަނަ މިނިޓްގައި ބްރެޒިލްގެ ފޯވާޑް ކްލެއިޓަން ސިލްވާ ޖެހި ގޯލުންނެވެ. ބެންގަލޫރުގެ ޖަޔޭޝް ރާނޭ މެދުތެރެއިން ފޮނުވާލި ބޯޅަ ހިފަން އެރި ވަގުތު ފެނުގައި ޖެހިފައި ކީޕަރު ހުސެން ބޯމަތިން އައި ބޯޅަ ކްލެއިޓަން ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ހުސެން ވަނީ ކްލެއިޓަން އެ ގޯލު ޖެހީ އޭނާ އަށް ފައުލުކޮށްފައި ކަމަށް ބުނެފަ އެވެ. އެކަމަކު، ރެފްރީ ނިންމީ ފައުލެއް ނޫން ކަަމަށެވެ.

އޭގެ ފަހުން ބެންގަލޫރަށް ތިން ވަނަ ގޯލެއް ޖަހައިދޭން ޖަޔޭޝް އާއި ލެއޯން އޮގަަސްޓިން ފުލުފުލުގައި ޖެހި ދެ ބޯޅަ ކީޕަރު ހުސެން ވަނީ ހުއްޓުވައިފަ އެވެ. އެެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ހުސެން އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ. މެޗުގެ 33 ވަނަ މިނިޓްގައި ހުސެންގެ ބަދަލުގައި ކީޕަރު މިރްޒޮހިދު ކުޅެން އެރިއިރު، އޭގެ ދެ މިނިޓް ފަހުން އޮގަސްޓިން ވަނީ ބެންގަލޫރުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ އޮގަސްޓިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ބެންގަލޫރުގެ ކްލެއިޓަން ޖެހި ބޯޅައެއް މާޒިޔާގެ ސްޕެއިން ޑިފެންޑަރު ހެސޫސް ޕޯޒޯ ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ. އޭގެ ފަހުން މާޒިޔާ އިން ވަނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ޕޯޒޯގެ ބަދަލުގައި ހަަސަން ނައްވާޝް އާއި ނާއިޒު ހަސަން (ދާދު) ކުޅެން އަރުވައިފަ އެވެ.

ބެންގަލޫރުގެ ރޯޝަން (ކ) އަތުން ބޯޅަ ހޯދަން މާޒިޔާގެ އައިޝަމް މަސައްކަތްކުރަނީ.

މެޗުގެ 60 ވަަނަ މިނިޓްގައި ކޯނޭ ޖެހި ބޯޅައެއް ބެންގަލޫރުގެ ޑިފެންޑަރު ޕްރާތިކް ޗޯދުރީ އަތުގައި ޖެހުނު ކަމަށް ބުނެ، މާޒިޔާ އިން ޕެނަލްޓީ އަކަށް އެޕީލްކުރި އެވެެ. އެކަމަކު، ރެފްރީ ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ.

ލަނޑެއް ޖަހަން މާޒިޔާ އިން ކުރި މަސައްކަތް މެޗުގެ 66 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. އެ ޓީމުގެ ގޯލު ޖެހީ ހަމްޕު އެވެ. ކޯނޭ ތަަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ހަމްޕު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭގެ ހަތަރު މިނިޓް ފަހުން ބެންގަލޫރުން ވަނީ ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސިވާ ސަކްތީ ނަރާޔަނަން މި ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒު ކޮށްލައިގެންނެވެ.

މާޒިޔާ އިން ފަހު ވިއްސަކަށް މިނިޓަށް ވަނީ އަސަދުﷲ އަބްދުﷲ (އަސަކޮ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ކުޅެން އަރުވައިފަ އެވެ. މާޒިޔާގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 81 ވަނަ މިނިޓްގައި އަސަދުﷲ އެވެ. ހަމްޕު އޭރިއާތެރެއިން ހުސްކޮށްލާފައި އަސަދުﷲ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތެެރެއަށް ފޮނުވާލައިފަ އެވެ.

ބެންގަލޫރުގެ ފަސް ވަނަ ގޯލު ޖެހީ މެޗުގެ 85 ވަނަ މިނިޓްގައި ބިދްޔާޝަގަރު ސިންހް އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. އިތުރު ވަގުތުގައި ބެންގަލޫރުގެ ހަ ވަނަ ގޯލު ޖެހީ ވެސް ބިދްޔާޝަގަރު އެވެ. އޭނާ އަކީ އެންމެ ފަހުން ބޭއްވި އައި ލީގުގެ އެންމެ ގިނަ ގޯލު ޖެހި ފޯވާޑެވެ. ބެންގަލޫރުން އޭނާ ގެނައީ މި ފަހަރުގެ އޭއެފްސީ ކަޕާ ދިމާކޮށެވެ.

މިއީ މާޒިޔާ އިން އޭއެފްސީ ކަޕްގައި މިހާތަނަށް ވާދަކުރި ހަތް ފަހަރުގެ ތެރެއިން އެންމެ ނަތީޖާ ދަށް ފަހަރެވެ. މީގެ ކުރިން އެ ޓީމުން ވާދަކުރި އަހަރުތަކުގެ ތެރޭގައި އެންމެ ދަށްކޮށް ދިޔަ ފަހަރަކީ 2014 ވަނަ އަހަރު އެވެ. އެ ފަހަރު ހަ މެޗު ކުޅެގެން މާޒިޔާ ނިންމާލީ އެއް ޕޮއިންޓާ އެކު އެވެ.

މާޒިޔާއާ އެކުގައި 2014 ވަނަ އަހަރުގެ އޭއެފްސީ ކަޕް ގްރޫޕްގައި އޮތީ މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑާއި މެލޭޝިއާގެ ސެލަންގޯ އަދި ވިއެޓްނާމްގެ ހަނޯއި ޓީ އެންޑް ޓީ އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި މާޒިޔާ އިން ހޯމް އެންޑް އަވޭ ސިސްޓަމަށް ހަ މެޗު ކުޅުނުއިރު، މި ފަހަރު ކުޅުނީ ސެންޓްރަލައިޒްކޮށް ތިން މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox