މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޗެރިޓީ ފަންޑުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ކިޔަވާ ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން އައިޔޫއެމްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި މުސްތަގުބަލުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކިޔެވުމާ ގުޅޭ ހަރަދުތައް ހަމަޖައްސަން އެދެވޭނެ އެވެ. ނަމަވެސް، މި ދަރިވަރުންގެ ތެރެއިން މި ޗެރިޓީ ފަންޑުން މާލީ އެހީ ލިބެނީ ޒަކާތަށް ޝަރުތުހަމަވާ ނަމަ އެވެ.
އެމްއައިބީގެ ޗެރިޓީ ފަންޑުން އެހީ ދޭން ފެށުމާ ގުޅިގެން އެމްއައިބީން ބުނީ މި ފަންޑުން ލިބޭ އެހީގެ ދަށުން އައިޔޫއެމްއިން މަތީ ތައުލީމް ހާސިލުކުރަން ބޭނުންވާ ގިނަ ދިވެހިންނަށް ފުރުސަތު ފަހިވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި މިކަހަލަ އެހެން ފުރުސަތުތައް ފަހިކޮށްދިނުމަށް އެކި ފަރާތްތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ.
އެމްއައިބީގެ ޗެރިޓީ ފަންޑަކީ ހާލުގައި ޖެހިފައިވާ މީހުންނަށާއި ފަގީރުންނަށް އެހީތެރިކަން ފޯރުކޮށްދޭން މެނޭޖްކުރާ ފަންޑެކެވެ. މި ފަންޑުން މާލީ އެހީތެރިކަންދޭ ދާއިރާގެ ކަންކަމުގެ ތައުލީމާއި، ޔަތީމު ކުދިން ބެލުމަށާއި ސިއްހީ ފަރުވާ ހިމެނެ އެވެ.









