ހުޅުމާލޭ ހުރަވީ ސްކޫލްގެ ރަޔާން ރިޔާޒް އަބްދުލްވާހިދަށް ވަނީ އެންމެ 10 އަހަރުގައި އައިޖީއެސްސީގެ ކެމިސްޓްރީ ޓެސްޓުގައި ބައިވެރިވެ އޭ ސްޓާއެއްގެ ނަތީޖާ ގެނެސް، މުޅި ގައުމު ފަހުރުވެރިކޮށްފަ އެވެ. އެކަން ފާހަގަކުރުމުގެ ގޮތުން ރަޔާންއަށް ލިބުނީ ފުލުހުންގެ ލެބު ބަލާލުމުގެ ފުރުސަތެވެ.
ކެމިސްޓްރީއަށް ހާއްސަ ޝައުގުވެރިކަމެއް އޮންނަ ރަޔާންއަށް ފުލުހުންގެ ލެބަށް ޒިޔާރަތްކޮށްލަން ފުރުސަތު ލިބުން ވެގެން ދިޔައީ ހާއްސަ ކަމެކެވެ. ފޮތްތަކުން ދަސްކުރަމުން ދިޔަ ކަންކަން ބަލައި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ރަޔާންއަށް ފުލުހުން ދިނެވެ.
ފުލުހުންގެ ލެބަކީ ކޮންމެ ދުވަހަކު ވެސް އެތައް ބައިވަރު ފޮރެންސިކް ތަހުލީލުތަކެއް ކުރަމުންދާ ލެބެކެވެ.
އެ ލެބުގައި ރަޔާން ވަނީ ބައެއް ތަހުލީލުތައް ކޮށްފަ އެވެ. އަދި، ތަހުލީލުތައް ކުރާ ގޮތް އޭނާ ވަނީ ބަލާފަ އެވެ.
"ބޯއީ ޖީނިއަސް ރަޔާންއަށް މަރުހަބާ،" ފުލުހުން ރަޔާނަށްކީ ފުރިހަމަ މަރުހަބާއެކެވެ.

ފުލުހުން ބުނި ގޮތުގައި ކެމިސްޓްރީން އޭ ސްޓާގެ ނަތީޖާއެއް ގެނެސް ރަޔާން ވަނީ މުޅި ގައުމު ފަހުރުވެރިކޮށްފަ އެވެ. އޭނާއަށް އެދެނީ އިތުރު ކާމިޔާބަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޯޓިޒަމް ހުންނަ ރަޔާންގެ ހިތުގައި ކެމިސްޓްރީއަށް އޮންނަ ލޯބީގެ ފެށުމަކީ، މިދިޔަ 11 އަހަރު ސްކޫލުގައި އެ މާއްދާ ކިޔަވައިދިން އޭނާގެ އައިޝަތު ޔުމްނާ އެވެ. ޔުމްނާ ކިޔަވައިދޭން ގެންގުޅޭ ފޮތްތަކަށް ރަޔާންގެ ޝައުގުވެރިކަން އުފެދުނެވެ. އެންމެ ތުއްތު އިރުން ފެށިގެން ކަންކަން ހޯދާ ބެލުމަށް ޝައުގުވެރިކަން ހުންނަ ރަޔާން ކިޔަން ދަސްކުރި ހިސާބުން ފެށިގެން "ދިރިއުޅެމުން" އައީ އެ ފޮތްތަކުގެ ތެރޭގަ އެވެ.
ކެމިސްޓްރީ ކިޔަވަން ޝައުގުވެރިވާ ކުއްޖަކަށް ވުމުން ޔުމްނާ ވެސް ނިންމީ ދަރިފުޅަށް އެ މާއްދާ ކިޔަވައިދޭށެވެ. އެގޮތުން 2017 ވަނަ އަހަރުގެ ސްކޫލް ޗުއްޓީގައި ގްރޭޑް 8 ގެ ޓެކްސްޓް ފޮތުން ދެ ތިން ޓޮޕިކެއް ކިޔަވައިދިނެވެ.
އެކަމަކު އޭރު އިމްތިހާނެއްގައި އޭނާ ބައިވެރިކުރުމުގެ ހިޔާލެއް ޔުމްނާ ނުގެންގުޅެ އެވެ. އެކަމަކު ފަހުން 2019 ވަނަ އަހަރު ދިރިއުޅުން މާލެ އަށް ބަދަލުކޮށް، މިދިޔަ އަހަރު ލޮކްޑައުންގައި ޔުމްނާ ނެގި އޮންލައިން ގަޑިއެއްގެ ތެރެއިން އަޖުމަ ބެލުމުގެ ގޮތުން ޕާސްޓް ޕޭޕާއަކުން ޓެސްޓެއް ދިނެވެ.
"އިމްތިހާނަށް ކުދިން ތައްޔާރު ކުރާ މީހެއް ވީމާ އެނގޭ ރަޔާންގެ އެބަހުރިކަން ނޮލެޖު މިހާރު. އެހެންވެ އަޖުމަ ބަލާލަން ދިނީ ޕާސްޓް ޕޭޕާއެއް. އޭގެން ހީ ސްކޯޑް ހަމަ ވަރަށް ރަނގަޅަށް،" ޔުމްނާ ބުންޏެވެ.
އެހިސާބުން ޔުމްނާ ނިންމީ ޖީސީއީ އޯ ލެވެލްގައި ރަޔާން ބައިވެރި ކުރާށެވެ. އެންމެ މަތީ ގްރޭޑެއް ނުލިބުނަސް ފާސް ވާނެކަން އޭނާ އަށް ޔަގީން ވާތީ އެވެ. އެކަމަކު އޯ ލެވެލް އަށް ދަރިވަރުން ތައްޔާރު ކުރުމުގައި ޔުމްނާ ވަގުތު ހޭދަކުރަމުން ދިޔައިރު ރަޔާން ތައްޔާރުކުރަން އެކަށީގެންވާ ވަގުތެއް ނުދެވެ އެވެ.
ނަމަވެސް ރަޔާން ދިޔައީ އޭނާގެ ކޮންމެ ދުވަހުގެ ކަންކަން ނިންމަމުންނެވެ. އެގޮތުން އިންޓަނެޓުން ފޮތްތައް ކިޔުމާ ކެމިސްޓްރީ ޓެކްސްޓު ފޮތް ކިޔާ ނިންމި އެވެ.











