އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިރޭ ރާއްޖޭގެ މާޒިޔާ އަތުން 2-0 އިން މޮޅުވެ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރަ ކިންގްސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މިއީ ނިއު ރޭޑިއަންޓަށް ކުރިން އިރުޝާދުދިން ސްޕެއިންގެ ކޯޗު އޮސްކާ ބްރުޒޮންގެ ކޯޗުކަމުގައި ކުޅޭ ބަޝުންދަރާ އިން އޭއެފްސީ ކަޕްގައި ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގައި ކުޅުނު މެޗުން ރާއްޖޭގެ ޓީސީ އަތުން ބަޝުންދަރާ މޮޅުވީ 5-1 އިންނެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކޮށްލުމުން ޓީސީ މެޗަށް ފަހު ބަޝުންދަރާ އޭއެފްސީ ކަޕްގެ މެޗެއް ނުކުޅެ އެވެ.
މިރޭ ބަޝުންދަރާ މޮޅުވިއިރު، މިއީ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޓީމެއް އަތުން މާޒިޔާ ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިނުވެ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗަށް މާޒިޔާ އިން ނުކުތްއިރު އެ ޓީމުގެ ފަހަތުގައި އާންމުކޮށް ކުޅޭ ސަމޫހު އަލީ (ސަމުއްޓެ)ގެ ބަދަލުގައި އެ މަގާމުގައި ފެށީ އާންމުކޮށް މެދުތެރެއަށް ކުޅޭ މުހައްމަދު އިރުފާން (އިރޭ) އެވެ.
މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ އެވެ. އެ ގޮތުން މާޒިޔާގެ އިބްރާހިމް އައިސަމް އޭރިއާ ރޮނގުކައިރިން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން އެ ޓީމުގެ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ބޯޅައެއްގައި ބާރު ނެތްއިރު، އާނިސުރް ރަހްމާން ޒީކޯ ވަނީ ބޯޅައަތަށް ނަަގައިފަ އެވެ. އަދި ނާއިޒު ހަސަން (ދާދު) ބޮލުން ޖެހި ބޯޅަ ވެސް ކީޕަރު އާނިސުރް ވަނީ މަތަކޮށްފަ އެވެ.
ބަޝުންދަރާގެ ބްރެޒިލް ފޯވާޑް ރޮބީނިއޯ ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލުގައި ހުރި އުޒްބެކިސްތާން ގޯލުކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ އަތަށް ނަގައިފަ އެވެ. އެ ބޯޅައިގައި މާ ބާރެއް ވެސް ނެތުމުން މިރްޒޮހިދަށް މާ ބޮޑު ނުރައްކަލެއް ވެސް ނެތެވެ.

ބަޝުންދަރަގެ ދެ ޑިފެންޑަރުން ކައިރިން މާޒިޔާގެ ކޯނޭ (މ) ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްސީ
މާޒިޔާ އިން ބޯޅަ ހިފަަހައްޓައިގެން ކުޅެމުން ދަނިކޮށް އެ ޓީމަށް މައްސަލަ ދިމާވީ ފުރަތަމަ ވަން ގޯލުގެ ސަބަބުންނެވެ. މެޗުގެ 26 ވަނަ މިނިޓްގައި މާޒިޔާގެ ފަހަތަށް ދިޔަ ބޯޅައެއް ސާފުކޮށްލަން އިރޭ ފޮނުވާލި ބޯޅައެއް ކީޕަރު މިރްޒޮހިދު ކުރިއަށް އަރައި ހުރި ވަގުތު އޮއްސިގެން ބޯޅަ ވެއްޓުނީ ގޯލުގެ ތެެރެއަށެވެ.
އެ ގޯލާ އެކު ބަޝުންދަރާގެ ކުޅުން ރަނގަޅުވިއިރު، މާޒިޔާ އިން ދައްކަމުން އައި ރަނގަޅު ކުޅުން ނުދެމެހެއްޓި، ކޮންފިޑެންސަށް އަސަރުކުރި އެވެ. ބަޝުންދަރާ އިން އެ ހިސާބުން މެޗުގެ ކޮންޓްރޯލް ނަގައި މާޒިޔާ ފަހަތަށް ބާރުބޮޑުކުރަން ފެށި އެވެ.
ބަޝުންދަރާގެ ކުރިއަށް ކުޅޭ ރޮބީނިއޯގެ އިތުރުން އާޖެންޓީނާގެ ފޯވާޑް ރައުލް ބަސޭރާ އަދި ބްރެޒިލްގެ މިޑްފީލްޑަރު ފެނާންޑޭސް އަށް ލިބޭ ބޯޅަތަކުގައި މާޒިޔާ ފަހަތަށް ވަރަށް ބާރުބޮޑުވާން ފެށި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 39 ވަނަ މިނިޓްގައި ބަޝުންދަރާ އިން މާޒިޔާ އޭރިއާ ކައިިރިން ހޯދި ބޯޅައެއް އޭރިއާތެރެއަށް ހިފައިގެން ވަދެ ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. ރޮބީނިއޯ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ.
ދެ ވަނަ ހާފަށް ނުކުމެ މާޒިޔާ އިން ވަނީ ވަރަށް އަވަހަށް ބަދަލެއް ކޮށްފަ އެވެ. އައިސަމްގެ ބަދަލުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ކުޅެން އަރުވައިފަ އެވެ. މާޒިޔާ އިން ބަޝުންދަރަ ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެ ޓީމުގެ ޑިފެންސްލައިން ރޫޅާލެވޭ ގޮތެއްނުވި އެވެ. މާޒިޔާގެ ޕާސްތައް ހުއްޓުވުމުގައި ބަޝުންދަރާ އިން ދިޔައީ ކުރި ހޯދަމުންނެވެ.
މެޗުގެ 71 ވަނަ މިނިޓްގައި މާޒިޔާގެ ކޯނޭ ބަޝުންދަރަގެ އޭރިއާތެެރެއިން ޖެހި ބޯޅަ ކީޕަރު އާނިސުރް ވަނީ މަތަކޮށްފަ އެވެ. ކައުންޓަ އެޓޭކުގައި މެޗުގެ 75 ވަނަ މިނިޓްގައި ބަޝުންދަރަގެ ބަސޭރާ ޖެހި ބޯޅަ ބޭރުވީ މާޒިޔާ ޑިފެންޑަރަކު ގައިގައި ޖެހިފަ އެވެ.
އޭގެ ފަހުން އޭރިއާތެރެއިން ކޯނޭ އަށް ލިބުނު ބޯޅައެއް ރަނގަޅަށް ފޮނުވާނުލެވުނެވެ. އަދި ފަހު ވަގުތު ބަދަލުތަކެއް ގެެނެސްގެން މާޒިޔާ އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ.
މިއީ މާޒިޔާ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސް އަތުން ބަލިވި ފަހުން މެޗަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ. އަދި މާޒިޔާގެ ކޯޗުކަމާ ޖެނުއަރީ މަހު ހަވާލުވި ރިސްޓޯ ވިޑަކޮވިޗްގެ ކޯޗުކަމުގައި ވެސް ބަލިވި ފުރަތަމަ މެެޗެވެ. ވިޑަކޮވިޗްގެ ކޯޗުކަމުގައި ކުޅުނު 11 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވިއިރު، ދެ މެޗުން އެއްވަރު އަދި އެއް މެޗުން މި ވަނީ ބަލިވެފަ އެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން އޭޓީކޭ މޯހަން ބަގާން އިން ވަނީ ބެންގަލޫރުގެ މައްޗަށް 2-0 އިން ކުރިހޯދައިފަ އެވެ.











