ދިވެހިރާއްޖެއަށް 100 އެއްހާ ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބަންދުގައި ހުރިއިރު އިންސާނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނާ މައްސަލައެއް ބެލުމަށް ސ. ހިތަދޫ ކޯޓުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މައްޗަށް އެންގުމުން އެ ކޮމިޝަނުން ނުރުހުން ފާޅުކޮށްފި އެވެ.
އެޗްއާރްސީއެމްގެ ފަރާތުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ދެ މީހެއްގެ އިންސާނީ ހައްގު ގެއްލުނު ކަމަށް ބުނާ މައްސަލައެއް ބެލުމަށް ކޯޓުން އަންގާފައި ވަނީ "ކޮމިޝަނުގެ މިނިވަންކަމާއި މުސްތަގިއްލުކަމާމެދު ސުވާލު އުފެދޭ ގޮތަށް" ކަމަށެވެ.
އެޗްއާރްސީއެމްގެ މައްސަލައަކަށްވީ، އެއްވެސް ފަރާތަކުން ކޮމިޝަނުގެ މަސައްކަތްތަކާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮއްވާ، ކޯޓުން ވަކި މައްސަލައެއް، ވަކި ބާރުމިނެއްގައި ބެލުމަށް އެ ކޮމިޝަނަށް އެންގުމުންނެވެ.
އެ މައްސަލަ ބެލުމަށް ކޯޓުން އެންގުމުން ބޭއްވި ބައްދަލުވުމެއްގައި ސުވާލު ކުރުމުން މައްސަލަ ބެލުމަށް އަމުރެއް ނެރިފައި ވަނީ ހަގީގަތުގައި މައުލޫމާތު ހޯދަން ކަމަށާއި މައުލޫމާތު ހޯދުމަށް އެހެނިހެން އިދާރާތަކަށް ވެސް ނެރެނީ އަމުރު ކޯޓު އަމުރު ކަމަށް މެޖިސްޓްރޭޓް ކޯޓުން ބުނެފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.
އެ ކޯޓު އަމުރަށް ކޮމިޝަނުން އަމަލު ކޮށްފައިނުވާތީ ކޯޓުގެ ހުރުމަތްކެނޑި މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ވެސް އެޗްއާރްސީއެމުން ބުނެ އެވެ. އެހެންކަމުން އެ މައްސަލަ އާއި ހައްގުތައް ގެއްލުނު ކަމަށް ބުނާ މައްސަލަ ބަލަން އެންގި އަމުރު އިސްތިއުނާފް ކުރަމުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

"އަދި މި މައްސަލައިގައި ސި. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި އަމަލުކޮށްފައިވާ ގޮތާމެދު މި ކޮމިޝަނުގެ ކަންބޮޑުވުންތަކެއް ހުރުމުން މި މައްސަލަ ބަލައިދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވާނީ ހުށަހަޅައިފަ،" އެ ބަޔާނުގައިވެ އެވެ.













