އިއްބެގެ ދެ ގޯލުން މާޒިޔާ އިން ޖިއްދާ އެފްސީއާ އެއްވަރުކޮށްފި

Aug 12, 2021, 7:31 PM
މާޒިޔާގެ ޕްރެކްޓިހެއްގެ ތެރެއިން އިއްބެ ބޯޅަ ފޮނުވާލަނީ: މިރޭ ޖިއްދާ އެފްސީ ކޮޅަށް މާޒިޔާގެ ދެ ގޯލު ޖެހީ އިއްބެ.-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މާޒިޔާގެ ޕްރެކްޓިހެއްގެ ތެރެއިން އިއްބެ ބޯޅަ ފޮނުވާލަނީ: މިރޭ ޖިއްދާ އެފްސީ ކޮޅަށް މާޒިޔާގެ ދެ ގޯލު ޖެހީ އިއްބެ.-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ދެ ވަނަ ހާފްގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ދެ ގޯލުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން ސައުދީ އަރަބިއްޔާގެ ޖިއްދާ އެފްސީއާ 2-2 އިން އެއްވަރުކޮށްފި އެވެ.

މިއީ މާޒިޔާ އިން ސައުދީ އަރަބިއްޔާގައި ފުރިހަމަކުރާ ޓްރެއިނިން ކޭމްޕް ތެރޭގައި ކުޅުނު ފަހު މެޗެވެ. ޓްރެއިނިންގެ ފުރަތަމަ މެޗުގައި މާޒިޔާ އިން ވަނީ އަލް-އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމު އަތުން 2-1 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ސައުދީގެ ޕްރޯ ލީގުގެ ކްލަބް އަލް ވަހްދާއާ ލަނޑެއް ނުޖެހި ވީ އެއްވަރެވެ. އަދި ފަހު މެޗުގައި މިރޭ މުހައްމަދު ބިން ސަލްމާން ލީގު (ސައުދީ ދެ ވަނަ ޑިވިޝަން)ގެ ޖިއްދާއާ ވެސް މި ވަނީ އެއްވަރުވެފަ އެވެ.

މާޒިޔާ އިން މިރޭގެ މެޗުގައި ނެރުނު ފުރަތަމަ އެގާރައިގައި ހިމެނެނީ އުޒްބެކިސްތާންގެ ގޯލްކީިޕަރު މިރްޒޮހިދު މަމަކްތޯނޯފް، އަހުމަދު އަބްދުﷲ (ލިލީ)، ސްޕެއިނުގެ ޑިފެންޑަރު ޕޯޒޯ، ޖަޕާނުގެ ޓަކަޝީ އޮޑަވާރާ (ޓަކާ)، ނާއިޒު ހަސަން (ދާދު)، މުހައްމަދު އުމެއިރު، ހަމްޒާ މުހައްމަދު (ހަމްޕު)، ހަސަން ޝިފާޒް (ޑުންގާ)، ހުސެއިން ނިހާން (ނިހާޓް) އަދި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ.

މާޒިޔާ އިން މިރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: މާޒިޔާ

ޖިއްދާ އެފްސީން ދެ ގޯލު ޖަހާފައިވަނިކޮށް މާޒިޔާ އަށް ފަހަތުން އަރައި އެއްވަރުކޮށްދިނީ އިއްބެ އެވެ. އިއްބެ ކުޅެން އެރީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އަނިޔާގެ ސަބަބުންނާއި އެކި އެކި ކަންތައްތައް ދިމާވުމާ ގުޅިގެން މިދިޔަ ސީޒަނުގައި އިއްބެ އަށް އޭނާގެ އެންމެ ރަނގަޅު ކުޅުން ނުދެއްކުނެވެ. އެކަމަކު، މިރޭގެ މެޗުގައި ބެންޗުން އަރައި ދެ ގޯލު ޖެހުމަކީ ކުރިއަށް އޮތް އޭއެފްސީ ކަޕަށް ދިއުމުގެ ކުރިން އޭނާ އަށް އިތުބާރު ލިބޭނެ ކަމެކެވެ. އިއްބެ އަކީ ރަނގަޅު ފޯމެއްގައި ހުރެފިނަމަ ރާއްޖޭގައި މި ވަގުތު ހުރި އެންމެ ގޯލާ ރައްޓެހި އެއް މިޑްފީލްޑަރެވެ.

ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު މާޒިޔާ އެނބުރި ރާއްޖެ އަންނާނީ ހޮނިހިރު ދުވަހު އެވެ.

މީގެ ކުރިން "އަދަދު" އަށް ދިން އިންޓަވިއުއެއްގައި މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ވަނީ މިއީ އެ ޓީމަށް ވަރަށް މުހިއްމު ޓްރެއިނިން ކޭމްޕެއް ކަމަށް ބުނެފަ އެވެ. މާޒިޔާ އަށް މި ޓްރެއިނިން ކޭމްޕް ހަމަޖައްސައިދިނީ އެފްއޭއެމުންނެވެ.

މާލޭގައި ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކުގެ ތެރެއިން މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ އެވެ. ދެ ވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު އޭޓީކޭ މޯހަން ބަގާންއާ ބައްދަލުކުރުމަށް ފަހު އޭގެ ތިން ދުވަސް ފަހުން މި މަހުގެ 24 ވަނަ ދުވަހު ކުޅޭނީ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފް އޮތީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox