ގއ. ދާންދޫގައި ފުލުހުން ހިންގަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު މާ ކުރިން ލީކުކުރި ކަމުގެ ތުހުމަތު ކުރެވޭ އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މަސައްކަތްކޮށްފައިވަނީ އާއިލާގެ މެމްބަރެއް ސަލާމަތް ކުރަންކަން އެނގިއްޖެ އެވެ.
މި ހަފުތާގެ ތެރޭގައި ހިންގި އެ އޮޕަރޭޝަންގެ މައުލޫމާތު ލީކުކުރި މައްސަލައެއް އަންނަނީ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އެ ތަހުގީގާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް ހަތަރު މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރު ތަފްސީލު ފުލުހުން ނުދިން ނަމަވެސް، "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ހަތަރު މީހުންގެ ތެރޭގައި ކައުންސިލްގެ ރައީސް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރެވެނީ އެ އޮޕަރޭޝަންގެ މައުލޫމާތު ބަޔަކަށް ދިން ކަމުގެ ތުހުމަތެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި، އެ ރަށުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތުކުރަނީ އާސިފްގެ ދެބެންދެދަރި މީހެއްގެ މައްޗަށެވެ.

އެގޮތުން، އާސިފް ވަނީ އެ އޮޕަރޭޝަން ހިންގަން އުޅޭ ކަމުގެ މައުލޫމާތު އެކި ގޮތް ގޮތުން އެ މީހާއާ ހިއްސާކުރަން މަސައްކަތްކޮށްފަ އެވެ.
އެ މައުލޫމާތު ދޭން އެ މީހާގެ ފޯނާ ގުޅަން އާސިފް ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެ މުއާމަލާތްކޮށްފައިވަނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް ކަން އެނގިފައި ވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޮޕަރޭޝަން ހިންގިއިރު، ބަލާފާސްކުރި ތަންތަނުން މަސްތުވާތަކެތި ވަނީ ގެއްލުވާލައިފަ އެވެ.
ނަމަވެސް، އެ މައުލޫމާތު ލީކުކުރަން އާސިފް އާ އެކަމުގެ ތުހުމަތު ކުރެވޭ މީހާއާ ދެމެދު ކުރެވިފައިވާ މުއާމަލާތްތަކުގެ ޗެޓްލޮގުތައް އާސިފްގެ ފޯނުން ފުލުހުންނަށް ލިބިފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
މި ތުހުމަތާ ގުޅިގެން އާސިފްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލުކުރި އެ ރަށު ކައުންސިލުގެ ބައެއް އެހެން މެމްބަރުން ވިދާޅުވަނީ އެކަމުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.












