ގާނޫނުއަސާސީގެ ދަށުން ވެރިކަން ކުރުމަށް ފަސް އަހަރުގެ ދެ ދައުރު ލިބޭ ކަމަށާއި، އެ ފުރުސަތު އެމަނިކުފާނަށް ވެސް ބަންދު ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި, 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ދެވަނަ ދައުރަކަށް ފުރުސަތު އެމަނިކުފާނަށް ވެސް އެބައޮތް ކަމަށެވެ.
"އެ ފުރުސަތު އަޅުގަނޑަށް ވެސް ބަންދުވެފައެއް ނެތް،" އެ ސުވާލަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ރައީސް ސޯލިހު މިއަދުވެސް ތަކުރާރުކުރެއްވީ ކުރިން ވެސް ވިދާޅުވާ ވާހަކަފުޅެވެ.
އެގޮތުން، ދެވަނަ ދައުރަކާ މެދު ވިސްނުމަށްވުރެ އެމަނިކުފާނުގެ ވިސްނުންފުޅުހުރީ ރިޔާސީ ވައުދުތައް ފުއްދެވުމަށް ކަމަށް ވިދާޅުވި އެވެ.

ކޮވިޑުގެ ސަބަބުން ދޮޅު އަހަރެއްހާ ދުވަސް ގެއްލިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ފެނާއި ނަރުދަމާ އާއި ތިލަފުށި ބުރިޖުގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަންޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު އެގޮތަށް ވިދާޅުވެފައިވާއިރު، އަންނަ ރިޔާސީ އިންތިހާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިއުލާނުކުރައްވައިފަ އެވެ.
ނަމަވެސް، 2023 ވަނަ ރިޔާސީ އިންތިހާބެއް އޮންނާނެ ކަމަކަށް އެމަނިކުފާނު ގަބޫލެއް ނުކުރައްވަ އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް 2023 ވަނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށާއި އޭގެފަހުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލާނެ ކަމަށެވެ.
"ދެން މަޖިލީހުން ބޮޑުވަޒީރެއް ކަނޑައަޅާނީ، އަޅުގަނޑުގެ ނަން ހިމެނުމަށް އެދޭނަން،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން އަދި ވިސްނަން ބޭނުންފުޅުނުވާކަމަށް ރައީސް ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.














