ރޭ މެންދަމު 12:20 އެހާކަށްހާއިރު ތިމާގެ ކުއްޖަކު، މުހައްމަދު އިބްރާހިމަށް ގުޅައި އޭނާ ގާތު ބުނީ އެއާޕޯޓްގައި ވަރަށް ދަތުރު އެބައޮތް ކަމަށެވެ. އެއާއެކު އޭނާ ޓެކްސީގައި އެއާޕޯޓަށް މިސްރާބު ޖެހި އެވެ. އެއާޕޯޓުން މީހުން އަރާ ހިސާބުގައި މަޑުކޮށްލުމާއެކު އޭނާގެ ކާރަށް އެރީ ދެ ދަބަސް ހިފައިގެން ހުރި ބޭރު މީހެކެވެ. އެކަނި ހުރި އެ ފިރިހެން މީހާ ހުރީ ދާހިތްލާފަ އެވެ. މޫނުމަތިން ފެންނަނީ ހާސްކަމެވެ.
ދެ ދަބަސް ކާރުގެ ފަހަތަށް އެރުވުމުން ކުރީ ސީޓަށް އެރުމަށް މުހައްމަދު، އިންޑިއާގެ އެ ޓޫރިސްޓު މީހާގެ ގާތުގައި އެދުނެވެ. ނަމަވެސް އޭނާ ބޭނުންވީ ފަހަތު ސީޓްގައި އިނުމަށެވެ. އޭނާ އިށީނީ ޑުރައިވަރު ސީޓާ ދިމާލުން ފަހަތުގައި އިން ސީޓްގަ އެވެ.
"އާއްމުކޮށް ފަހަތަށް އެއްޗެހި ލީމަ މީހުން ކުރިއަށް އަރަން ބުނީމަ އަރާނެ. އެކަމަކު އޭނާ ނޭރި،" އދ. މާމިގިއްޔަށް އުފަން މުހައްމަދު ބުންޏެވެ.

ޓެކްސީ ޑުރައިވަރަށް ހަމަލާދީގެން ހައްުޔަރު ކުރި ބިދޭސީ މީހާ: އޭނާ ހުރީ މަސްތުގެ ހާލަތުގައި-- ފޮޓޯ: ރާއްޖެ އެމްވީ

އޭނާ ބުނީ ހުޅުމާލޭ "ނިރޮޅުމަގު 19" ގައި ހުންނަ ހޮޓަލަކަށް ދިއުމަށެވެ. ޓެކްސީއަށް އަރާ ފަސިންޖަރުންނާ އާއްމުކޮށް ވެސް ވާހަކަ ދައްކާ އުސޫލުން ރާއްޖެ އައީ ކޮން ފްލައިޓަކުންތޯ މުހައްމަދު ސުވާލު ކުރުމުން އެ ޓޫރިސްޓް ބުނީ އޭނާ ފުރަން އޮތް ފްލައިޓް މިސް ވީ ކަމަށެވެ. އޭގެ އިތުރު ވާހަކަތަކެއް އެ މީހުން ނުދައްކަ އެވެ.
ނިރޮޅުމަގު19 އަށް ވަދެ ކުރިއަށް ދާން ދުއްވާލުމާއެކު އޭނާ ލައިގެން ހުރި ގަމީސް ބާލައި ކުއްލިއަކަށް މުހައްމަދުގެ ކަރުގައި ކާރުގެ ސީޓާއެކު ގަމީހާއި ބެލްޓެއް އޮޅާލި އެވެ. މުހައްމަދަށް ލިބުނީ ކުއްލި ޝޮކެކެވެ.
"ހަމަ މަރާލަން އޭނާ ހިފުނު ވަރަކަށް ހިފާފައި ހުރީ. އަޅުގަނޑު ދެ އަތުން ނައްޓަން އުޅެ އެއްގޮތަކަށް ވެސް ނެއްޓޭގޮތް ނުވެ ނޭވާ ހާސްވީ. ހިތަށް އެރި މިދިޔައީ [މަރުވީ] އޭ،" އެބިރުވެރި ވަގުތުކޮޅު މުހައްމަދު ކިޔައިދިނެވެ.
ސަލާމަތް ވާނެ ގޮތެއް ފެނޭތޯ މުހައްމަދު މަސައްކަތް ފެށީ ޓެކްސީގެ ދޮރު ހުޅުވައިލުމަށެވެ. އެކަން ވުމާއެކު ދުއްވަމުން ދިޔަ ކާރުން ކުއްލިއަކަށް އޭނާ ބޭރަށް ފުންމާލި އެވެ.
"އަޅުގަނޑަކަށް ނޭނގެ ދޮރު ހުޅުވާލި ގަޑީގައި އަޅުގަނޑަށް ނުކުންނަން ވެގެން ބާރު ދިނީމައި އޭނާގެ އަތުން ނެއްޓުނީ ކަމެއް. އަޅުގަނޑަށް ފުންމާލެވުނު ބޭރަށް،" ޓެކްސީ ކުރާތާ އަށް މަސް ވެފައިވާ މުހައްމަދު ބުންޏެވެ.
އޭނާ ޓެކްސީން ފުއްމާލުމާއެކު ފަހަތުން އެ ބޭރު މީހާ ވެސް ފޭބި އެވެ. އަނެއްކާވެސް މުހައްމަދުގެ ކަރުގައި އޭނާ ހިފި އެވެ. އޭރު އެ ސަރަހައްދުގައި އަށް ވަރަކަށް މީހުން ތިބިއިރު އެ މީހުންގެ އެހީތެރިކަމަށް މުހައްމަދު އަތުން އިޝާރާތް ކުރި އެވެ. އެކަމަކު އެކަކު ވެސް ގާތެއް ނުވި އެވެ.
"އެތަނުން އެކަކު ބުނި އެއޮށް މަރާލަނީއޭ ދުރުކުރަން ހިނގާށޭ. އެކަމަކު ގާތެއް ނުވި،" މުހައްމަދު ބުންޏެވެ.
އޭނާ މުހައްމަދު ދޫކޮށްލީ ބިން މައްޗަށް ވެއްޓުނު ހިސާބުންނެވެ. ވެއްޓި ނިތް ކުރި ފަޅައިގެން ދިއުމުގެ އިތުރުން އަތާއި ކަކުލަށް ވެސް ވަނީ އަނިޔާ ވެފަ އެވެ.
މުހައްމަދު ބިން މައްޗަށް ވެއްޓުމާއެކު އެ އިންޑިއާ މީހާ މަސައްކަތް ކުރީ ފިލާށެވެ. މުހައްމަދު އަޑުގަދަ ކުރަމުން އޭނާގެ ފަހަތުން ދުވަމުން ދިޔަ އެވެ. ވަކި ހިސާބަކުން މީހުން އެއްވާން ފެށުމުން އޭނާ ހުއްޓުނެވެ. ފުލުހުންނަށް ގުޅަން މުހައްމަދަށް އެހީތެރިވީ މަގުމަތިން ދިމާވި ބައެކެވެ.
ދުއްވަމުން ދިޔަ ކާރު ދޫކޮށް މުހައްމަދު ފުންމާލުމުން ކާރު ގޮސް ޖެހުނީ އެހެން ކާރެއްގަ އެވެ. މުހައްމަދު ކާރަށް ކުދިކުދި ގެއްލުން ލިބިފައިވެ އެވެ.
މުހައްމަދު ބުނިގޮތުގައި ކުއްލިއަކަށް އޭނާއަށް އެ ހަމަލާ ދިނުމުގެ ކުރިން އެ މީހާ އެއްވެސް އިތުރު ވާހަކައެއް ވެސް ނުދައްކަ އެވެ. އެއްޗެއް ދޭކަށް ވެސް ނުބުނެ އެވެ. ހަމަ ހުރެފައި ކުއްލިއަކަށް ހަމަލާ ދިނީ އެވެ.
"މި ހަމަ އަޖައިބު ވާހަކަ ކަމެއް. އެނގޭ ގަބޫލުކުރަން ވެސް ދަތިވާނެ ކަން. ލާރީގެ މުއާމަލާތެއް ވެސް އަޅުގަނޑު އޭނާގެ ގާތުގައި ދެއްކީކީ ވެސް ނޫން. އެއްވެސް ކަމެއް ނުހިނގާ ހުރެފައި އޭނާ އެހެން ހެދީ،" މުހައްމަދު ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ރޭ ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ އިންޑިއާ މީހެއް ކަމަށާއި ހައްޔަރު ކުރިއިރު ވެސް އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
ޓޫރިޒަމް ދާއިރާގައި އުޅުމަށް ފަހު މީގެ އަށް މަސް ކުރިން ޓެކްސީ ކުރަން ފެށި މުހައްމަދަށް ކުއްލިއަކަށް ދިމާވި ހާދިސާއާއެކު އޭނާ ހުރީ ޝޮކެއްގެ ތެރޭގަ އެވެ.













