ފުލުހުންގެ ހިދުމަތް އިސްލާހުކުރަން އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމި ނިންމުން ދިރާސާ ކުރައްވަން ފައްޓަވާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ އިސް ސަފުގެ އޮފިސަރުންނަކީ ގާބިލް ބައެއްތޯ ކަށަވަރުކުރަން ފުލުހުންގެ ބޯޑަށް އޮތީ ލާޒިމްކޮށްފަ އެވެ. އެގޮތުގެ މަތިން އެ ބޯޑުން އިއްޔެ ވަނީ ހަތް އޮފިސަރަކު މަގާމުން ވަކިކުރުމަށް ނިންމައިފަ އެވެ.
ގާނޫނުގައިވާ ގޮތުން ފުލުހުންގެ ބޯޑުގެ ނިންމުން ތަންފީޒު ކުރައްވަންޖޭނީ ކޮމިޝަނާ އޮފް ޕޮލިސް އެވެ. އެ ބޯޑުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ނިންމުން ތަންފީޒުކުރުމަށް ކޮމިޝަނާ އޮފް ޕޮލިސްއަށް ފޮނުވާފައިވާ ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް ހަމީދު "އަދަދު"އަށް މިއަދު ވިދާޅުވި ގޮތުގައި ފުލުހުންގެ ބޯޑުގެ ނިންމުން ލިބިފައިވަނީ ރޭ ދަންވަރު 12:00 ހާއިރު އެވެ. އަދި އެ ނިންމުމުގައިވާ ކަންކަން ތަފްސީލްކޮށް ބަލައި، ދިރާސާ ކުރައްވަން މިހާރު ފައްޓަވާފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ އެ ނިންމުމާ ގުޅިގެން ގާނޫނީ ގޮތުން ކަށަވަރު ކުރަން ޖެހޭ ކަންކަން ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ. ފުލުހުންގެ ބޯޑުގެ ނިންމުމުގައި ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ގިނަ ކަންތައްތަކެއް ބަޔާންކޮށްފައިވެ އެވެ.

"އެއަށްފަހު ގާނޫނުގައި ބަޔާންކުރާ ޕްރޮސެސްތައް ކުރިއަށް ގެންދާނަން،" ހަމީދު ވިދާޅުވި އެވެ.
ނަމަވެސް، އެ މަސައްކަތް ނިންމެވޭނެ ވަކި މުއްދަތެއް މި ވަގުތު ދަންނަވަން އުނދަގޫ ކަމަށް ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ އިސް ސަފުގައި ތިއްބެވި އޮފިސަރުންނާމެދު ގޮތެއް ނިންމުމަށް ފުލުހުންގެ ބޯޑަށް ގާނޫނުން ދީފައި އޮތީ ހަތަރު މަހެވެ. އެ މުއްދަތު ހަމަވީ އިއްޔެއަށެވެ. ނަމަވެސް، ނިންމުން ތަންފީޒުކުރުމަށް ކޮމިޝަނާ އޮފް ޕޮލިސްއަށް ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެ އެވެ.
ވަޒީފާއިން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުން ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ހުށަހެޅުމުގެ ފުރުސަތު ރައްދުވާ މީހާއަށް އޮންނާނެ އެވެ. އާންމު އުސޫލުން ޓްރިބިއުނަލްއަށް މައްސަލަތައް ހުށަހެޅޭނީ އެ ނިންމުމެއް ނިންމާތާ ތިން މަސް ދުވަހުގެ ތެރޭ އެވެ.
މަގާމުން ވަކިކުރަން ނިންމި ހަތް އޮފިސަރުން
- އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ
- އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
- އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ)
- ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު
- ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
- ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
- ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް
ފުލުހުންގެ ބޯޑުގެ އިއްޔެ ނިންމުމުގައި މަގާމުން ވަކިކުރަން ނިންމާފައިވަނީ ކޮން އޮފިސަރުންތަކެއް ކަމެއް އެ ބޯޑުން މީޑިއާއަށް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް، މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ވަކިކުރަން ނިންމާފައިވާ ހަތް އޮފިސަރުންނެވެ. އެއީ ތިން އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ ފަރުހާދު ފިކުރީ އާއި އަހުމަދު މުހައްމަދު (ޓޫފޯ) އަދި މުހައްމަދު ޖަމްޝީދެވެ.
އޭގެއިތުރުން ވަކިކުރަން ނިންމާފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން ސަސްޕެންޑްކުރި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ. މީގެތެރެއިން ރާއްޖޭން ބޭރުގައި ހުންނެވި ޝުހާދަކީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝުކޫރުގެ ދަރި އެވެ.
ފުލުހުންގެ ބޯޑުން ދެން ވަކިކުރަން ނިންމީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ. މީގެތެރެއިން އަބްދުﷲ ޝަރީފަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އިސްކޮށް ފުލުހުންގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެ އެވެ.
އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކޮށްފައިވާ އޮފިސަރުންނަކީ އެ މަގާމުތަކަށް ގާބިލު އަދި މަގާމާ އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންކަމާމެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަޅަންޖެހެ އެވެ.
އާ ގާނޫނުގެ ދަށުން އާއްމު ހަތް މެމްބަރެއްގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު އައްޔަންކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ ބޯޑަށް މަތިކޮށްފައިވާ މުހިއްމު ޒިންމާއަކީ އައްޔަންކުރާ ތާރީހުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ގާނޫނުގައި ބުނާ މުއްދަތުގައި ފުލުހުންގެ އިސް ސަފަށް ހެޔޮ ބަދަލެއް ގެނައުމަކީ މުއައްސަސާގެ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.













