ގޮތްނޭނގޭ މީހަކު އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އަށް ފާރަލާ މައްސަލަ މިއަދު އޭނާ ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.
ވައްޑޭ ވަނީ އެކަން "އަދަދު" ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ވައްޑޭއަށް މީހަކު ފާރަލާކަން ފާހަގަވީ އޭނާ ގެއަށް ދިޔައިރު އެޕާޓްމެންޓް ދޮރުމަތީ މީހަކު ހުރުމުންނެވެ. އެ މީހާ އެޕާޓްމެންޓް ދޮރުމަތީ ބައި ގަޑިއިރަށްވުރެ ގިނަ އިރު ފާރަލައިގެން ހުރިކަން، ސީސީޓީވީ ފޫޓޭޖްތަކުން ފެންނަކަން، "އަދަދު" އަށް އެނގިފައިވެ އެވެ.
ވައްޑޭއާ ބައްދަލު ކުރުމަށް ބުނެ އެ މީހާ ގެއަށް ގޮސްފައި ވަނީ ޕެންޑްރައިވްއެއް ހިފައިގެން ކަމަށާއި އެ މީހާ އެ ގެއަށް އައީ ވައްޑެ އެ ގޭގައި އުޅޭކަން އެ މީހާގެ ރައްޓެއްސަކު ބުނުމުން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ވައްޑޭއަށް މީގެ ކުރިން ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އޭނާ މަރަން ގޮވާލި، ނ. ކުޑަފަރީ ސްކޫލުގެ އިސްލާމް ޓީޗަރެއްކަމަށްވާ މުހައްމަދު އަޝްރަފް ވަނީ އިއްޔެ ވަޒީފާ އިން ވަކިކޮށްފަ އެވެ. ވައްޑޭ މަރަން އަޝްރަފް ގޮވާލީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެއްވުމެއްގައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމަށް ލީތަލް އިންޖެކްޝަން ބޭނުންކުރަން ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެ އެކަމަށް ވައްޑޭ ފާޑުކީ މައްސަލައިގަ އެވެ.

މަރަން މަރުހިފުމާ ގުޅޭގޮތުން ވައްޑޭ ދެއްކެވި ވާހަކައާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔައި ވަނީ އިންޒާރު ދީފަ އެވެ. އިންޒާރުތަކުގެ ސަބަބުން ވައްޑޭ އަށް މިހާރު ސިފައިން ސެކިއުރިޓީ ދެ އެވެ.














