ޑޮކްޓަރަށް ދައްކަން މި މަހުގެ 20ގައި މާލެ އައި އަހްމަދު ނައުފަލް ގެއްލިގެން ހޯދަމުން އަންނަތާ ހަ ދުވަސް ފަހުން މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނައުފަލްގެ ހާލު ރަނގަޅު ކަމަށާއި އޭނާ ފެނުނީ މިއަދު 4:45 ހާއިރު ކަމަށެވެ.
ނައުފަލްއަށް ވީގޮތުގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ. އާއިލާއަކަށް ވެސް އޭނާއަށް ވީ ގޮތެއް އަދި ސާފެއް ނުވެ އެވެ.
އދ. ކުނބުރުދޫ, ޒުވާން މަސްވެރިޔާ، ނައުފަލް 26, ގެއްލިގެން ހޯދަން ފެށީ މިމަހު 26 ވަނަ ދުވަހު އޭނާގެ މަންމައަށް ގުޅިފަހުން ދެން ހަބަރެއް ނުވެގެންނެވެ. އާއިލާއިން އޭނާ ގެއްލިގެން ހުށަހެޅުމުން ފުލުހުން ވެސް ވަނީ ނައުފަލް ހޯދަން އިއުލާން ކޮށްފަ އެވެ.

އޭނާގެ ބައްޕަ ދުއްވާ "ޒިކުރާ 2" ދޯނިން ކަންނެއްޔަށް ދާން އުޅޭ ނައުފަލް މި މަހު 20 ގައި މާލެ އައީ ދޯންޏަށް ވެއްޓި ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށެވެ. މާލެ އައިސް އޭގެ އަނެއް ދުވަހު އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކައިފަ އެވެ.
އާއިލާއިން ބުނިގޮތުގައި ނައުފަލް މާލެ އައިސް ހުރީ ހާޝިމް ކިޔާ އޭނާގެ އެކުވެރިޔަކާ އެކުގަ އެވެ. ނައުފަލް ގެއްލުނުއިރު ހާޝިމްގެ މައުލޫމާތު އާއިލާއަކަށް ނޭނގެ އެވެ. އަދި ހާޝިމާ ގުޅޭގޮތުން ނައުފަލް ކުރިން ދީފައިވާ މައުލޫމާތު ދިމާނުވާ ކަމަށް އާއިލާއިން ބުނެ އެވެ.
ނައުފަލް ކުރީފަހަރު މާލެ އައިސް ހުރީ ހުޅުމާލޭގައި ހުންނަ ބީޗް ހެވަން ކިޔާ ގެސްޓް ހައުސްއެއްގައި ހާޝިމްއާއެކު އެވެ. އެއީ ހާޝިމްގެ ބޭބެއެއްގެ ތަނެއް ކަމަށް ނައުފަލް އޮތީ އާއިލާ މީހުންގެ ގާތުގައި ބުނެފަ އެވެ.
ނަމަވެސް "އަދަދު"ން އެ ގެސްޓް ހައުސްއަށް ގުޅުމުން އެތަނުން ބުނީ ހާޝިމް ކިޔާ މީހަކާ އެ ގެސްޓް ހައުސްގެ ވެރި މީހާއާ އާއިލީ އެއްވެސް ގުޅުމެއް ނޯންނަ ކަމަށެވެ. އަދި އެ ދެ މީހުން މިފަހަކުން އެ ގެސްޓް ހައުސްއަށް އައިސްފައި ނުވާ ކަމަށް ވެސް އެތަނުން ބުނެ އެވެ.
ނައުފަލް ހޯދުމަށް އާއިލާއިން ވަނީ މާލޭގެ ގެސްޓް ހައުސްތަކާއި ހޮސްޕިޓަލްތައް ވެސް ބަލައިފަ އެވެ. އޭގެއިން އެއްވެސް ތާކުން ވެސް އޭނާ ނުފެނުނެވެ.












