ޑޮކްޓަރަށް ދައްކަން މާލެ އައި އދ. ކުނބުރުދޫގެ ޒުވާން މަސްވެރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ އދ. ކުނބުރުދޫ، އަހުމަދު ނައުފަލް، 26، އެވެ.
ނައުފަލްގެ އާއިލާގެ މީހަކު "އަދަދު" އަށް ބުނި ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހު 22 ވަނަ ދުވަހު، އާއިލާ މީހެއް ކައިރިއަށް އައިޖީއެމްއެޗަށް ގޮސް ހުއްޓައެވެ. އެއަށް ފަހު، މި މަހުގެ 26 ވަނަ ދުވަހު ފޯނުން ވާހަކަ ދެއްކި ކަމަށާއި 28 ވަނަ ދުވަހާ ހަމައަށް އޭނާގެ ފޯނަށް ގުޅޭ ކަމަަށް އާއިލާއިން ބުންޏެވެ. ނަމަވެސް އެ ދުވަހު ހަވީރުން ފެށިގެން ފޯނު އޮންނަނީ ނިއްވާލާފައި ކަމަށް ވެސް އާއިލާއިން ބުންޏެވެ.
"އެންމެ ފަހުން ވާހަކަ ދެއްކި ދުވަހުވެސް ނޯމަލްކޮށް ވާހަކަ ދެއްކީ. ކަމެއް ވެގެން އުޅޭ ހެނެއް ނޫން ވާހަކަ ހުރީކީ ވެސް،" އޭނާ ބުންޏެވެ.
ނައުފަލް ޑޮކްޓަރަށް ދައްކަން އައިސް އުޅެމުންދިޔައީ ހުޅުމާލޭގައި، އޭނާގެ ރައްޓައްސެއްގެ ކައިރީގައި ކަމަށް އާއިލާއިން ބުންޏެވެ.

ނައުފަލް ގެއްލުނުކަން އާއިލާއިން ރިޕޯޓްކުރީ މިއަދު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.














