މިލާން (ޖުލައި 26) - އިންޓަ މިލާނަށް ކުޅެމުން އަންނަ ފޯވާޑް ރޮމެލޫ ލުކާކޫ ނުވިއްކާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މިދިޔަ ސީޒަނުގައި އިންޓަ އިން އިޓަލީގެ ޗެމްޕިއަންކަން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ބެލްޖިއަމްގެ ލުކާކޫ ހޯދަން ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަދި ބަޔާން މިއުނިކް ހިމެނެ އެވެ.
އިންޓަގެ ސީއީއޯ ބެޕޭ މަރޯޓާ ވިދާޅުވީ އެ ކްލަބްގެ ފަރާތުން ލުކާކޫއާ ބެހޭގޮތުން ދައްކަން އޮތީ އެންމެ ވާހަކައެއް ކަމަށެވެ.
"އަހަރެމެން ބުނަން ބޭނުންވާ ހަމައެކަނި ވާހަކަ އަކީ މި ކްލަބުން މި ފަހަރު ލުކާކޫ ވިއްކާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަން. ލުކާކޫ އަކީ އަހަރެމެންގެ އާ ކޯޗު ސިމޯން (އިންޒާގީ)ގެ ޕްލޭނުގެ މުހިއްމު ކުޅުންތެރިއެއް. އިންޒާގީ ޓީމު ރާވަނީ ލުކާކޫ ވަށައިގެން. އެހެންވީމަ މުޅި ޓީމުގެ އެޓޭކް ލީޑުކުރާ ކުޅުންތެރިޔާ ނުވިއްކޭނެ،" މަރޯޓާ ވިދާޅުވި އެވެ.
މީގެ ދެ އަހަރު ކުރިން 80 މިލިއަން ޔޫރޯ އަށް އިންޓަ އަށް ބަދަލުވި ލުކާކޫ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 95 މެޗުން 64 ގޯލު ޖަހައި 16 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އުމުރުން 28 އަހަރުގެ ލުކާކޫ ވެސް ވަނީ ކުރިއަށް އޮތް ސީޒަނުގައި ވެސް ފެންނާނީ އިންޓަ އިން ކަމަށް ބުނެފަ އެވެ.
ބެލްޖިއަމްގެ އެންޑަލެކްޓް ޓީމުން ޒުވާން އުމުރުގައި ވިދާލި ލުކާކޫ އެންމެ ފުރަތަމަ ބޮޑު ކްލަބަކާ ގުޅުނީ 2011 ވަނަ އަހަރު ޗެލްސީއާ އެވެ. އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރެ، ދެ ސީޒަނެއްގައި ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ބްރޮމްވިޗް އަލްބިއަން އާއި އެވަޓަން އަށް ކުޅުނެވެ. ފަހުން އެވަޓަން އަށް ދާއިމީ އެއްބަސްވުމެއްގެ ދަށުން ބަދަލުވެ މޮޅު ކުޅުމެއް ދެއްކި އެވެ.
ލުކާކޫ ވަނީ 2017 ވަނަ އަހަރު ޕްރިމިއާ ލީގުގެ އެންމެ އަގުބޮޑު ފޯވާޑްގެ ގޮތުގައި 88 މިލިއަން ޔޫރޯ އަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. އެ ޓީމުގައި އެކަށީގެންވާ ކާމިޔާބެއް ނުހޯދި ދެ ސީޒަން ފަހުން އިންޓަ އަށް ބަދަލުވާން ނިންމީ އެވެ.
ޕްރިމިއާ ލީގުގެ ހަތަރު ކްލަބަކަށް 252 މެޗު ކުޅެދިން ލުކާކޫ ވަނީ އެ މެޗުތަކުގައި 113 ގޯލު ޖަހައި 42 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ލުކާކޫ އިންޓަ އަށް ގެނައީ ކުރިން އެ ޓީމުގެ ކޯޗަކަށް ހުރި އެންޓޯނިއޯ ކޮންޓޭގެ އެދުމަށެވެ. ކޮންޓޭ ވަނީ މިދިޔަ ސީޒަނަށް ފަހު އިންޓަގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.












