މިލާން (މެއި 4) - އިޓާލިއަން ލީގުގައި ރޭ ޕާމާ އަތުން 2-0 އިން މޮޅުވެ، އިންޓަ މިލާނުން 21 ވަނަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އިންޓަ އިން ލީގު ޗެމްޕިއަންކަން ޔަގީންކުރީ ބާކީ ތިން މެޗު އޮއްވަ އެވެ. ލީގުގެ ދެ ވަނައިގައި އޮތް ނަޕޯލީން މި ހަފްތާގައި ކުޅުނު މެޗުން ލީގުގެ ފަސް ވަނައިގައި އޮތް ކޯމޯއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވުމުން، ރޭގެ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް އިންޓަ އަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އެކަމަކު، އިންޓަ އިން ލީގު ޔަގީންކުރީ މޮޅަކާ އެކު އެވެ.
އިންޓަ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ނިކޯލޯ ބަރެއްލާ ނެގި ހުރަހަކުން ޑެންޒެލް ޑަމްފްރީސް ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އަދި، މެޗުގެ 24 ވަނަ މިނިޓްގައި ބަރެއްލާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
އެކަމަކު، އިންޓަ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުނަގައިފަ އެވެ. މިއީ، ޕިއޮޓްރޭ ޒިއެލިންސްކީ ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން މާކަސް ތުރާމް ޖެހި ގޯލެކެވެ.
މެޗުގެ 71 ވަނަ މިނިޓްގައި އިންޓަގެ ފެޑެރިކޯ ޑިމާކޯ އަރިމަތިން ހުސްކޮށް އަރައި، އޭރިއާތެރޭގައި ހުރި، ޑަމްފްރީސް އަށް ދިން ބޯޅަ އެއް ފަހަރުން ފޮނުވާލި ނަަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ނުވަ މިނިޓް ފަހުން، އިންޓަ އިން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރި ލަނޑު ޖެހި އެވެ. މިއީ، އިންޓަގެ ފޯވާޑް، ލައުޓާރޯ މާޓީނޭޒް ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ ގޯލަށް ވައްދާލައިގެން ހަކަން ޗަނޮނޯލޫ ޖެހި ގޯލެކެވެ.
އިންޓަ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ޑަވިޑޭ ފްރަޓެސީ ޖެހި ޝޮޓެއް ޕާމާގެ ގޯލްކީޕަރު، ޒިއޯން ސުޒޫކީ ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.
އިންޓަ އިން 21 ވަނަ ލީގު ތަށި ހޯދިއިރު، އެ ޓީމަށް ވުރެން ގިނައިން ލީގު ހޯދާފައިވަނީ ޔުވެންޓަސް އިން އެކަންޏެވެ. އެ ޓީމުން ވަނީ 36 ލީގު ތަށި ހޯދައިފަ އެވެ.
ލީގުގެ ތިން ވަނައިގައި އޮތް އޭސީ މިލާން ރޭ ސަސުއޯލޯ އަތުން 2-0 އިން ބަލިވިިއިރު، ހަތަރެއްގައި އޮތް ޔުވެންޓަސް ވަނީ ހެލަސް ވެރޯނާއާ 1-1 އިން އެއްވަރުވެފަ އެވެ.












