"އަހަރެން ހީކުރީ ގޭ ލިފްޓުގެ ވާ ކަނޑައިގެން ގޮސް ލިފްޓު ވެއްޓުނީ ކަމަށް. ގެއިން ބޭރަށް ނުކުތްއިރު، އެއްވެސް މީހަކަށް ވާނުވާއެއް ނޭނގޭ. ބާރުގަދަ އަޑުފައްގަނޑެއް ގޮވިކަން އެންމެން ބުނަމުން ދިޔައީ،" ސިފައިންގެ ހިދުމަތުގައި ކުރިން އުޅުނު މީހަކު ހާދިސާ ސިފަކޮށް ދިނެވެ.
"އެންމެން ވެސް ހީކުރީ އެއްޗެއް ގޮއްވާލީ ކަމަށް، އެހާ އަޑުބާރު."
ރަބަރުގަސް ގޯޅި 8 ގައި ހުރި ފިހާރައެއްގެ ސޭޓަކަށް އުޅޭ ފަޔާޒު ބުނީ އަޑުފައްގަނޑު އިވުމުން ހީކުރީ މަތިންދާ ބޯޓެއް ވެއްޓުނީ ކަމަށެވެ. އެހެންވެ، އެކަން ޔަގީންކުރުމަށް އެއާޕޯޓުގައި ހުރި އެކުވެރިޔަކަށް އޭނާ ގުޅި އެވެ.
އެއްޗެއް ގޮވި އަޑުފައްގަނޑު ސާއިމް ސަލީމްއަށް އިވުނީ، ޑިއުޓީ ނިންމާފައި ގެއަށް ދިޔަ ވަގުތު އެވެ. އިއްތިފާގުން އޭނާއަށް ސައިކަލްގައި މަޑުކޮށްލެވުނީ ވެލްޑިން ކުރަނިކޮށް ފީފާ ގޮވި ގެއާ ހިސާބުގަ އެވެ. އެއީ ރަބަރުގަސް ގޯޅި 8 އާ ދިމާއެވެ. ނަމަވެސް އެ އަޑުފައްގަނޑު އޭނާއަށް އިވުނީ، ސިފައިންގެ ފްލެޓްތަކާ ދިމާއިން އައި އަޑެއްގެ ގޮތުގަ އެވެ.
"އަޑުފައްގަނޑު އިވުނީ މަތިން. ހަވާ އަރުވާއިރު ގޮވާ ގޮތަށް ބާރު އަޑުފައްގަނޑެއް. އެއީ އާދައިގެ ގޮވުމެއް ނޫން،" ސާއިމް ބުންޏެވެ.
މި މީހުން މި ވާހަކަތައް ކިޔައިދިން އިރު، ރޭ ދަންވަރު ހުޅުމާލޭގައި އެއްޗެއް ގޮވައި، އެންމެން ސިހުމަކަށް ގެނުވި ހާދިސާގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ވެލްޑިން ކުރަމުން ދިޔައީ ދެ ވަނަ އަށް ފެންނަ ގޭގެ ޓެރަހުގައި -- ފޮޓޯ: އަދަދު
ފީފާ ގޮވީ ކީއްވެ؟
ބަޔަކު އެއްޗެއް ގޮއްވާލީއެއް ނޫނެވެ. ކެމިކަލް ހުސްކުރި ފީފާއެއް ގޮވީ އެވެ.
ރޭ ދަންވަރު 12:35 ހާއިރު ބާރުގަދަ ގޮވުމުގެ އަޑު އިވި، އެތައް ބަޔަކު ބިރުވެރިކަމުގެ ތެރެއަށް ވެއްޓުނު ހާދިސާ އަކީ، ގެޔެއްގެ ޓެރަހުގައި ވެލްޑިން ކުރަނިކޮށް ހިނގި ކަމެއްގެ އަޑުފަށްގަނޑު ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. ވެލްޑިން ކުރަމުން ދިޔައީ ހުޅުމާލޭ ލޮޓް ނަމްބަރު 1138 ގެ ޓެރަހުގަ އެވެ.
ގޮވީ ކޮން އެއްޗެއް ކަމެއް އަދި ގޮވަން މެދުވެރިވީ ކީއްވެ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ވެލްޑިން ކުރަނިކޮށް ގޮވި ވައްތަރުގެ ފީފާއެއްގެ ފޮޓޯއެއް
ސަލާމަތީ ހިދުމަތުގެ އޮފިޝަލަކު ބުނި ގޮތުގައި ގޮވި ފީފާއަކީ ފައިބާގްލާސް މަސައްކަތްކުރުމަށް ބޭނުންކުރާ ކެމިކަލެއް ހުސްކޮށްފައި ހުރި ފީފާއެކެވެ. އަދަދުއަށް އެނގިފައިވާ ގޮތުގައި އެ ފީފާއަކީ އެސަޓޯން ހުސްކުރި ފީފާއެކެވެ. ނަމަވެސް، އެ ފީފާ ސާފުނުކޮށް ހުރުމުގެ ސަބަބުން އެތެރޭގައި ކޮންމެވެސް ވަރަކަށް ކެމިކަލް ހުއްޓެވެ.
ހަ ބުރިއަށް ހަދާފައިވާ ގޭގެ ޓެރަސްގައި ވެލްޑިންކުރަމުން ދިޔައީ، އެސަޓޯން ހުސްކުރި ފީފާ ބަހައްޓައި، އެ ފީފާ މަތީގައި ވެލްޑިންގ ކުރަމުން ދިޔަ ދަގަނޑުގަނޑު ބާއްވައިގެންނެވެ. އޮފިޝަލް ބުނި ގޮތުގައި ފީފާ ގޮވީ، ވެލްޑިންކުރަމުން ދިޔުމުގެ ސަބަބުން އުފެދެމުންދިޔަ ހޫނު ފީފާގެ އެތެރެއަށް ގޮސް، އެތެރޭގައި ހުރި ކެމިކަލަށް ހޫނުގެ އަސަރުކޮށް، އުފެދުނު ގޭހުން ކަމަށް ބެލެވޭ ކަމަށެވެ.
"ފީފާގެ މަތީގައި އޮތީ މަރުތެޔޮ، ގޮވުމުގެ ބާރުގަދަކަމުން މަތިގަނޑާއި މަރުތެޔޮ ވެސް ގޮސް ޖެހުނީ އެތައް ސަތޭކަ ފޫޓެއްގެ ދުރުގަ" އޮފިޝަލް ވިދާޅުވި އެވެ.
ވެލްޑިންކުރަމުން ދިޔަ ގެ ހުރީ ރަބަރުގަސް ގޯޅި 8 ގަ އެވެ. ގޮވި ފީފާގެ މަތިގަނޑު ގޮސް ވެއްޓުނީ ގާތްގަނޑަކަށް 285 ފޫޓް ދުރުގައި، ރަބަރުގަސް ގޯޅި 7ގެ ބޯގަންވިލާ މަގުގެ ކަންމަޗަށް ހުރި ގޭގެ ޓެރަހަށެވެ. މަރުތެޔޮ ވެއްޓުނީ އެއަށް ވުރެ ދުރަށް މަގަށެވެ.
އެ ގޮވުމުގައި ކެމިކަލް ހުސްކުރި ފީފާގެ މަތިގަނޑާއި، ވެލްޑިން ކުރުމުގެ މަސައްކަތުގައި ބޭނުންކުރި މަރުތެޔޮ ފިޔަވައި އެއްޗެއް ބުރައިގެން ދިޔަ ކަމުގެ ނިޝާނެއް އެ ސަރަހައްދުން ފެންނާކަށް ނެތެވެ. އަދި އެ ގޮވުމުގައި ޓެރަހަށްވެސް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައެއް ނުވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ވެލްޑިން ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ ދިވެހިންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.












