ހުޅުމާލޭގެ ބޯގަންވިލާ މަގު ހުންނަ ސަރަހައްދުގައި ބާރުގަދަ އަޑެއް ގޮވުމާ ގުޅިގެން ސިފައިންނާއި ފުލުހުން ރޭ ހަރަކާތްތެރިވެއްޖެ އެވެ.
އެ އަޑުފަށްގަނޑު އިވިފައިވަނީ ރޭ ދަންވަރު 1:00 ޖަހާކަންހާއިރު ބޯގަންވިލާ މަގުގައި ހުންނަ ޓާފް ދަނޑުގެ ކުރިމަތިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ކަމަށާއި ތަފްސީލް އަދި ދެވެން ނެތް ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ސިފައިންނާއި ފުލުހުން ތަހުގީގަށް މުޅި އެ ސަރަހައްދު ބަންދުކުރި އެވެ. ބައެއް ސިފައިން ހަރަކާތްތެރިވީ ހަތިޔާރާ ވެސް އެކުގަ އެވެ.
ގޮއްވާލި އެތިން ދުރަށް އެތިކޮޅުތަކެއް ބުރައިގެން ގޮސްފައި ހުއްޓައި ފެނިފައިވެ އެވެ. ބައެއް ފޮޓޯތައް އަންނަނީ ސޯޝަލްމީޑިއާގައި ދައުރުވަމުންނެވެ.


ހުޅުމާލޭގައި އެއްޗެއް ގޮއްވާލުމުން ބުރައިގެން ގޮސްފައިވާ އެތިކޮޅެއް. -- ފޮޓޯ/ ސޯޝަލްމީޑިއާ
އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނިގޮތުގައި އެ ބާރު އަޑުފަށްގަނޑާއެކު އެ މީހުން ހީކުރީ ގަދަ ގުގުރިއެއް ޖެހީ ކަމަށެވެ.
"ބާރު ވައި އަޑެއް ކަހަލަ އަޑެއް އިވުނީ، އަހަރެން ކޮޓަރިން ނުކުމެ އުޑުމަތި ބަލާލިން، ހީ ކުރީ ވަރަށް ބާރު ގުގުރިއެއް ޖެހި ކަމަށް. ދަރިފުޅުވެސް ސިއްސައިގެން ގޮސް ހޭލީ," އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.
އެހެން ބައެއް މީހުން ބުނިގޮތުގައި އެއްޗެއް ރޯވެ އެނދުމުން ދުވާ ޒާތުގެ ވަހެއް މުޅި ސަރަހައްދުގައި ހުރީ ހިފައިފަ އެވެ.
"އަޅުގަނޑުމެން މި ސަރަހައްދަށް އައިއިރު ރަބަރު އެނދީމަ ދޮވާ ޒާތުގެ ވަހެއް ދުވި،" އަޑުއިވިގެން އެ ސަރަހައްދަށް ގޮސް ހުރި މީހަކު ބުންޏެވެ.
ހުޅުމާލޭގައި މިފަދަ ހާދިސާއެއް ހިނގާފައި މިވަނީ މަޖީދީމަގުގައި ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާއެއް ދީފައި ވަނިކޮށެެވެ. ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ އެ ހަމަލާ ގުޅެނީ ހަރުކަށި ފިކުރާ އެވެ.
މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ވާހަކަ ދެއްކެވި ފުލުހުންނާއި ސިފައިންގެ އިސް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ދީނުގެ ނަމުގައި ހައްދުފަހަނާއެޅި ފިކުރުގައި ހިންގާ ހަރަކާތްތަކުން ގައުމީ ސަލާމަތަށް ނުރައްކާ އެބައޮތެވެ. އެކަމުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް އެކި މުއައްސަސާތަކަށް ލަފާ ދީފައިވެ އެވެ.













