އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި އިމާރާތްކޮށްފައިވާ ޕޮލިސް އެކަޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް މި އަހަރު ހުޅުވަން ނިންމައިފި އެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކުރާ ކޮލެޖުގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ވަނީ ނިމިފަ އެވެ. އެތަނުގައި ރަނގަޅު ފެންވަރުގެ އެކޮމޮޑޭޝަން ބްލޮކްތަކާއި ތަމްރީނު ސެންޓަރުތަކާއި އޮޑިޓޯރިއަމަކާއި ޓްރެކަކާއި ކްލާސްރޫމްތަކާއި ފުޓްބޯޅަ ދަނޑާއި ޓެނިސް ކޯޓެއް ވެސް ހިމެނެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވީ ކުރިން އުއްމީދުކޮށްގެން ތިބީ އަންނަ މަހު ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެންމެ ލަސްވެެގެން އެތަން ހުޅުވައި ތަމްރީންތައް ފެށޭނެ ކަމަށެވެ. ކޮވިޑާ ހެދި ލަސްތަކެއް ހުއްޓަސް އެ އުއްމީދު މުޅިން ދޫކޮށްނުލައްވާ ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް ކުޑަ ތަންކޮޅެއް ފަހަތަށް ދިއުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު މި އަހަރު ނިމުމުގެ ކުރިން ފެށުމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތް," އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެތަން ވެގެންދާނީ ފުލުހުންނަށް މަތީ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް ފަހިވެގެންދާ ވަރަށް ތަނަވަސް ފުރުސަތަކަށެވެ. އައްޑޫ އެކަޑަމީ އާއި ދ. ވާނީގެ ތަމްރީން ސެންޓަރު ފުރިހަމަ ގޮތުގައި ބޭނުންކުރަން ފެށުމުން ފުލުހުންގެ ކުރިއެރުމާއި ތަރައްގީ އިތުރު ހަރުފަތަކަށް ބަދަލުވާނެ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާގެ އިސްލާހަށް ފިޔަވަޅުތަކެއް އަޅަމުން އަންނައިރު ފުލުހުންނަށް ތަމްރީނާއި އެކަށީގެންވާ ވަސީލަތައްތައް ހޯދުމަކީ ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަން އިމްރާން ފާހަގަކުރެއްވި އެވެ.
އިންޑިއާގެ ސަރުކާރުން 18 މިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވާ ޕޮލިސް އެކަޑަމީ އަކީ އެ ގައުމުގެ މިލިޓަރީ ބޭސްއެއް ކަމަށާއި އެތަނުގައި އަސްކަރީ ހަރަކާތްތައް ހިންގާނެ ކަމުގެ ފާޑުކިއުން އެބައޮތެވެ. އެކަމަކު ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ވެސް ވަނީ އެކަން ދޮގުކުރައްވައި އެތަނުގައި އެއްވެސް އަސްކަރީ ހަރަކާތަކަށް ޖާގަ ނޯންނާނެ ކަމުގެ ޔަގީންކަން ދެެއްވައިފަ އެވެ.
އައްޑޫގައި ޕޮލިސް އެކަޑަމީއެއް އިމާރާތްކުރުމުގެ މަޝްވަރާތައް 2009 ގައި ފަށައި އެތަން އިމާރާތްކުރަން އިންޑިއާގެ ސަރުކާރާ އެކު ސޮއިކުރީ 2012 ގަ އެވެ.














